ޚަބަރު

އަންނަމަހުން ފެށިގެން 2 ދާއިރާއެއްގައި ވިޔަފާރިކުރެވޭނީ ހަމައެކަނި ދިވެހިންނަށް


  • ބޭރުގެ ހޯލްސޭލް އަދި ރީޓެލް ވިޔަފާރި

  • ކާގޯ ސޭލްސް އޭޖެންޓް، ޖެނެރަލް ސޭލްސް އޭޖެންޓް އަދި ޕަސެންޖަރ ސޭލްސް އޭޖެންޓުން

އަންނަ މަހުގެ 8 އިން ފެށިގެން 2 ދާއިރާއެއްގައި ވިޔަފާރިކުރެވޭނީ ހަމައެކަނި ދިވެހިންނަށްކަމަށް އިޤްތިޞާދީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ. އެވުޒާރާއިންވަނީ އޮކްޓޫބަރު 8 އިން ފެށިގެން ރާއްޖޭގައި ހަރަކާތްތެރިވުން މަނާ ބައެއް ބޭރުގެ ވިޔަފާރިތަކާއި ގުޅޭގޮތް ވެފައިނުވާތީ އެފަރާތްތަކުގެ ނަންތައްވެސް ޢިއުލާންކޮށްފައެވެ.

ރާއްޖޭގެ އިޤްތިޞާދު އިތުރަށް ހަރުދަނާކޮށް ބައެއް ދާއިރާތަކަކީ ހަމައެކަނި ދިވެހި ވިޔަފާރިވެރިންނަށް އޮންނަ ފުރުސަތަކަށް ހެދުމަށްޓަކައި ސަރުކާރުންވަނީ ޤާނޫނަށް އިސްލާޙުތަކެއް ގެންނަވާފައެވެ. މިއާއެކު އަންނަމަހުގެ 8 އިން ފެށިގެން ބައެއް ކަންކަން ތަންފީޒުކުރަން ޤާނޫނުން ލާޒިމުކުރެއެވެ. އޭގެތެރޭގައި ރާއްޖޭގައި ހަރަކާތްތެރިވާ ބޭރުގެ ހޯލްސޭލް އަދި ރީޓެލް ވިޔަފާރިކުރާ ފަރާތްތަކާއި، ކާގޯ ސޭލްސް އޭޖެންޓް އަދި ޖެނެރަލް ސޭލްސް އޭޖެންޓް އަދި ޕަސެންޖަރ ސޭލްސް އޭޖެންޓްގެ ޚިދުމަތް ދެމުންދާ ބޭރުގެ ފަރާތްތަކުން ވިޔަފާރިކުރުން ހުއްޓާލަންޖެހޭނެކަމަށް އެވުޒާރާއިން ވިދާޅުވެއެވެ. އިޤްތިޞާދީ ތަރައްޤީއާ ބެހޭ ވުޒާރާއިންވަނީ ބޭރު ކުންފުނިތަކުން ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި އައު ފޮރިން އިންވެސްޓްމަންޓް އެންޓްރީ ރިކުއަމަންޓްސްއާ އެއްގޮތްވާގޮތުގެމަތިން ފިޔަވަޅުތައް އެޅުމަށްވަނީ އަންގަވާފައެވެ.

އެވުޒާރާއިންވަނީ ޓްރާންސިޝަން އެރޭންޖްމަންޓްތަކާ ގުޅިގެން ބައެއް ކުންފުނިތަކަށް ގުޅުމަށް މަސައްކަތް ކުރިނަމަވެސް 8 ކުންފުންޏާ ގުޅޭގޮތްނުވާތީ ކުންފުނީގެ ނަންތައް ހާމަކޮށްފައެވެ. އަދި އެފަރާތްތަކުން އިންވެސްޓް މޯލްޑިވްސްއަށް ގުޅައިގެން އައު ފޮރިންގ އިންވެސްޓްމަންޓް އެންޓްރީ ގަވާއިދުގެ ތެރެއިން ކުރިއަށްގެންދިޔުމަށްވަނީ އަންގާފައެވެ. ކުންފުނިން ޢަމަލުކުރަންޖެހޭ އިންތިޤާލީ މަރުޙަލާގެ ޝަރުތުތައް ކަށަވަރުކުރުމާއި އައު ފޮރިންގ އިންވެސްޓްމަންޓް އެންޓްރީވުމުގެ އުސޫލުގެ ދަށުން ކުރިއަށްދިޔުމުގައި ޢަމަލުކުރަންވީގޮތާއި، ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި އުސޫލުގެ ދަށުން އަޅަންޖެހޭފިޔަވަޅުތައް އެޅުމަށްވަނީ އެކުންފުނިތަކަށް އަންގަވާފައެވެ.

އެއަރލައިންތަކުގެ ޖެނެރަލް ސޭލްސް އެޖެންޓުންނާއި ފަސިންޖަރ ސޭލްސް އެޖެންޓުންގެ އިތުރަށް ކާގޯ ސޭލްސް އެޖެންޓުންގެ ގޮތުގައި ހަރަކާތްތެރިވެވޭނީ ހަމައެކަނި 100 އިންސައްތަ ދިވެހި ކުންފުނިތަކަށް ހަރަކާތްތެރިވެވޭގޮތް ހެދުމަށް ނިންމަވާ ސަރުކާރުން އެކަން ޢިއުލާންކުރެއްވީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައެވެ. މިއާއެކު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތާއި އެވިއޭޝަން ސިނާޢަތުގައި މަސައްކަތްކުރާ ދިވެހި ކުންފުނިތަކަށް އިތުރަށް ކުރިއަށް ދިޔުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ. ވިޔަފާރިކުރުމުގައި ބައެއް ދާއިރާތަށް ދިވެހި ކުންފުނިތަކަށް ޚާއްސަކޮށްފައިވާއިރު ބައެއް ދާއިރާތަކުގެ ވަޒީފާތަކަކީވެސް ހަމައެކަނި ދިވެހީންނަށް ހުއްދަ އޮންނަ ދާއިރާތަކެއްގެގޮތުގައި ސަރުކާރުންވަނީ ހަމަޖައްސަވާފައެވެ. މިއާއެކު އިޤްތިޞާދަށް ވަންނަ ފައިސާ އިތުރުވެ ރާއްޖޭގެ މާލީ ޙާލަތު އިތުރަށް ކުރިއަރައިގެންދާނެކަމަށް ސަރުކާރުން އަންދާޒާކުރައްވައެވެ.