ޚަބަރު

ސުޕްރީމް ކޯޓުގެ އައު އިމާރާތް ތަރައްޤީކުރުމަށް މާލެއިން ބިމެއް


  • ބިން ހަމަޖައްސާފައިވަނީ މިމަހުގެ 8 ވަނަ ދުވަހު

  • އަވަހަަށް މަސައްކަތް ފެށޭނެކަމަށް އުންމީދުކުރައްވާކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވި

ސްޕްރީމް ކޯޓު ހިންގާނެ އިމާރާތެއް އެޅުމަށް މި މަހުގެ ތެރޭގައި ސަރުކާރުން މާލޭގެ އެންމެ ޕްރައިމް އެއް ލޮކޭޝަނުން ބިމެއް ހަމަޖައްސައިދީފިއެވެ.

ސުޕްރީމް ކޯޓަށް 18 އަހަރު ފުރުން ފާހަގަކުރަން ރޭ ބޭއްވި ރަސްމިއްޔާތުގައި އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ މުޙައްމަދު ވިދާޅުވީ އެހެން ކޯޓުތަކެކޭ އެއްފަދައިން ސުޕްރީމް ކޯޓަށްވެސް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ޖާގައިގެ ދަތިކަން ކަމަށެވެ.

އުއްތަމަ ފަނޑީޔާގެ ވާހަކަފުޅުގައި ވަނީ ކޯޓުތަކެއް ހުރުމުގެ ބޭނުމަކީ ރައްޔިތުންނަށް އަދުލު އިންސާފު ފޯރުކޮށްދިނުން ކަމުގައިވާއިރު އެކަން އެކަށީގެންވާ އަވަސް މިނުގައި ކަށަވަރު ކުރުމަކީ މިވަގުތު އޮތް ޒިންމާއެއްކަމަށެވެ. އެހެންކަމުން މުޅި ރާއްޖޭގެ ހުރިހާ ކޯޓެއްގައި 1 އަހަރަށް ވުރެ ގިނަ އަހަރު ވެފައި ހުރި މައްސަލަތައް ނުނިމި ހުރި ސަބަބުތައް ސާފުކޮށް އެ ސަބަބުތައް އެކަށީގެންވާ އަވަސް މިނުގައި ނައްތާލުމުގެ މަސައްކަތް ކުރަމުންދާކަމަަށެވެ.

އުއްތަމަ ފަނޑިޔާރު ވިދާޅުވީ ގިނަ މައްސަލަތައް ދިގުލައިގެން ދިޔައީ އެކަށީގެންވާ ސަބަބުތައް ކޯޓުތަކަށް ދިމާވުމުންކަމަށެވެ. އޭގެ ތެރޭގައި އިދާރީ ގޮތުން ދިމާވެފައިވާ ދަތިތަކާއި، ނިޒާމީ ގޮތުން ދިމާވެފައިވާ ދަތިތައް ފާހަގަކުރެއްވިއެވެ.

ކޯޓުތަކަށް ދިމާވެފައިވާ ހުރަސްތަތައް ނައްތާލުމަށް މަސައްކަތް ކުރަމުންދާކަން ފާހަގަކުރައްވާ އުއްތަމަފަނޑިޔާރު ވިދާޅުވީ މިއަހަރުގެ ޖުލައިމަހު މާލޭ ކޯޓު ކޮމްޕްލެކްސް އިމާރާތް ކުރަން ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްފައިވާކަމަށެވެ. އަދި 2028 ވަނަ އަހަރު ޤަޟަޢީ އަހަރުގެ މަސައްކަތް އެ އިމާރާތުގައި ކުރެވޭ ވަރަށް މަސައްކަތް ކުރިއަށް ގެންދެވޭނެކަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިކަން ފާހަގަކުރެއްވިއެވެ.

އުއްތަމަފަނޑިޔާރު ވިދާޅުވީ ސުޕްރީމް ކޯޓަށް އަމިއްލަވަންތައް ހިޔާވަހިކަމެއް ލިބުމުގެ އުއްމީދު ލިބިފައިވާކަމަށެވެ. އެގޮތުން މިމަހުގެ ތެރޭގައި މާލޭގެ އެންމެ ޕްރައިމް އެއް ލޮކޭޝަނުން ބިމެއް ހަމަޖެހިފައިވާކަމަށާއި ސުޕްރީމް ކޯޓުގެ އައު އިމާރާތުގެ މަސައްކަތް އަވަަހަށް ފެށިގެންދާނެކަމަށް އުންމީދު ކުރައްވާކަމަށްވެސް ވިދާޅުވިއެވެ.

ސުޕްރީމް ކޯޓު ވާން ވާނީ އެ ކޯޓުގެ ޤާނޫނީ ދައުރު އަދާކުރެވޭ ވަރުގެ ތަނަކަށްކަމަށާއި، ފަނޑިޔާރުންނާއި މުވައްޒަފުންނަށް ފަހި މާހައުލެއް ޤާއިމްކޮށްދެވޭ އަދި ކޯޓުގެ ޚިދުމަތް ހޯދާ ފަރާތްތަކަށްވެސް ރަނގަޅު ފަހި މާހައުލެއް ޤާއިމް ކުރެވޭ ވަރުގެ ތަނަކަށްކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

"ޤާނޫނު އަސާސީ ތަސްދީޤު ކުރެވުމާއެކު އިންތިޤާލީ ސުޕްރީމް ކޯޓު ޤާއިމް ކުރެވުނު މުލިއާގޭގެ ބައެއްގައި. އެހެންނަމަވެސް އިންތިޤާލީ ސުޕްރީމް ކޯޓުގެ މުއްދަތު ހަމަވުމުގެ ކުރިން، އެ ތަނުން ނިކުންނަށް ޖެހުނު. އެހެން ކަމުން އިންތިޤާލީ ސުޕްރީމް ކޯޓު ތީމުގެއަށް ބަދަލުވެ އޭގެ ފަހުން ދައިމީ ސުޕްރީމް ކޯޓަށްވެސް ބަދަލުކުރެވުނު. މުލިއާގެއާ ތީމުގެއަކީ ކިތަންމެ ހައިބަތު ބޮޑު ތަންތަން ކަމުގައިވިއަސް މިއީ ކޯޓު ހިންގުމަށް ފަރުމާ ކުރެވިފައިވާ ތަންތަނަށް ނުވުމާއެކު، ވަރާށް ބޮޑު ހުރަސްތަކާއި ކުރިމަތިވޭ. ހުރަސްތައް ނައްތާލުމަށް ސުޕްރީމް ކޯޓަށް އެންމެ ޕްރައިމް އެއް ލޮކޭޝަނުން ބިމެއް ހަމަޖައްސަވައި ދެއްވާފައި. އެހެން ކަމުން މިކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ، ސިޔާސަތާއި ވުޒާރާތަކާއި އިދާރާތަކުން ކުރައްވާ މަސައްކަތް އަޅުގަނޑުމެން ބަލައިގަންނަން މި ބިމަކީ ސުޕްރީމް ކޯޓުގެ މުސްތަޤުބަލާއި މެދު އަޅުގަނޑުމެން ތަޞައްވުރު ރަމްޒުކޮށްދޭ ބިން." އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު ވިދާޅުވިއެވެ.

ސުޕްރީމް ކޯޓަށް ޖާގައިގެ ދަތިކަން ކުރިމަތިވެފައިވާތާ ގިނަ އަހަރުތަކެއްވެފައި ވާއިރު، މީގެކުރިން އެކިފަހަރު މަތިން ސުޕްރީމް ކޯޓަށް ޚާއްސަ އިމާރާތެއް އެޅުމަށް މަސައްކަތް ކޮށްފައިވެއެވެ. ނަމަވެސް މިހާތަނަށް ވސް އެކަން ކާމިޔާބުނުވެ ސުޕްރީމް ކޯޓުން ހިނގަމުންދަނީ ކުރީގެ ރިޔާސީ ގަނޑުވަރު ކަމަށްވާ ތީމުގޭގެ އިމާރާތުގައެވެ.

ސުޕްރީމް ކޯޓުގެ އިތުރުން އެހެން ކޯޓުތަކުގައި ވެސް ޖާގައިގެ ދަތިކަން ދިމާވެފައިވާއިރު ހައި ކޯޓާއި މާލޭގެ ސުޕީރިއާ ކޯޓުތައް ހިމެނޭ ގޮތަށް ކޯޓު ކޮމްޕޮލެކްސްއެއް އެޅުމުގެ މަސައްކަތް އެމްޓީސީސީން ހުޅުމާލޭގައި މިހާރު ދަނީ ކުރަމުންނެވެ. މީގެ އިތުރުން ސަރުކާރުން ވަނީ ކްރިމިނަލް ކޯޓާއި ޑްރަގް ކޯޓު ހިނގުމަށްވެސް ހުޅުމާލޭގައި އިމާރާތެއް ތަރައްޤީކޮށްފައެވެ.