ޚަބަރު

ސާފް ޗެމްޕިއަންޝިޕަށް އިންޑިއާގެ ސީނިއަރ ޓީމު ނުފޮނުވަން ނިންމައިފި


  • އިންޑިއާގެ ސީނިއަރ ޓީމު ދާނީ ނިއުޒިލެންޑުގައި އެކުވެރިކަމުގެ މެޗުތަކެއް ކުޅެން

  • 2018ވަނަ އަހަރުވެސް އިންޑިއާއިން ފޮނުވީ 23 އަހަރުން ދަށުގެ ޓީމު

އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބާއްވާ ސާފް ޗެމްޕިއަންޝިޕުގައި ވާދަކުރާނީ އިންޑިއާގެ 23 އަހަރުން ދަށުގެ ޒުވާން ޓީމު ނުވަތަ ރިޒާވް ޓީމެއްކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.

ސާފް ޗެމްޕިއަންޝިޕުގައި އިންޑިއާގެ ސީނިއަރ ޓީމު ނުކުޅޭނެކަމަށް ބުނެވޭ އަޑުތަކެއް މީގެކުރިން ވެސް ފެތުރިފައިވީ ނަމަވެސް ރަސްމީ އެއްވެސް އިދާރާއަކުން އެކަން ކަށަވަރުކޮށްދީފައެއް ނުވެއެވެ. އެހެންނަމަވެސް "ޓައިމްސް އޮފް އިންޑިއާ" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި އޯލް އިންޑިއާ ފުޓުބޯޅަ ފެޑެރޭޝަން (އޭއައިއެފްއެފް) އިން މިހާރު ވަނީ މި ނިންމުން ނިންމާފައެވެ.

އެ ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ކުރިން ވެސް ބެލެވުނު ގޮތަށް، ސާފް ޗެމްޕިއަންޝިޕް އޮންނަ މުއްދަތުގައި އިންޑިއާގެ ސީނިއަރ ޓީމު ދާނީ ނިއުޒިލެންޑަށް، ބައިނަލްއަގްވާމީ އެކުވެރިކަމުގެ މެޗުތަކެއް ކުޅުމަށެވެ.

ސާފް ޗެމްޕިއަންޝިޕް ތާވަލުކޮށްފައި ވަނީ ނޮވެމްބަރު 4 އިން 17 އަށެވެ. މި މުއްދަތުގެ ތެރޭގައި އިންޑިއާގެ ސީނިއަރ ޓީމުން، ބައިނަލްއަގްވާމީ އެކުވެރިކަމުގެ ދެ މެޗެއް ކުޅެން ތާވަލުކޮށްފައިވެއެވެ. އިންޑިއާ ފުޓުބޯޅައިގެ މައި އިދާރާ، އޯލް އިންޑިއާ ފުޓުބޯޅަ ފެޑެރޭޝަން (އޭއައިއެފްއެފް) އިން އިއުލާނުކޮށްފައިވާ ގޮތުގައި ނޮވެމްބަރު 12 ވަނަ ދުވަހު އިންޑިއާއިން ނިއުޒިލެންޑާ ދެކޮޅަށް މެޗެއް ކުޅޭނެއެވެ. އަދި 15 ވަނަ ދުވަހުވެސް އެ ޤައުމާ ދެކޮޅަށް މެޗެއް ކުޅެން ތާވަލުކޮށްފައިވެއެވެ.

އޭއައިއެފްއެއެފްގެ އިސް އޮފިޝަލަކާ ހަވާލާދީ ޓައިމްސް އޮފް އިންޑިއާގައި ރިޕޯޓުކޮށްފައި ވަނީ، އެ ފެޑެރޭޝަނުން ދެކޭ ގޮތުގައި، އިންޑިއާގެ ފުޓުބޯޅައަށް އެންމެ ފައިދާ ހުރި ގޮތަކީ ސަރަހައްދީ މިފަދަ މުބާރާތެއްގައި ވާދަކުރުމަށްވުރެ، ފުޓުބޯޅައިގައި މި ސަރަހައްދުގެ ޤައުމުތަކަށްވުރެ ވަރުގަދަ ޤައުމަކާ ކުޅުމެވެ. އެހެންކަމުން ސީނިއަރ ޓީމު ކުޅޭނީ ނިއުޒިލެންޑާ ދެކޮޅަށް ކަމަށާއި، ސާފަށް ދާނީ ޒުވާން ޓީމެއް ނުވަތަ ސީނިއަރ ޓީމުގެ ރިޒާވް ޓީމެއްކަމަށް އޮފިޝަލް ބުނެފައިވެއެވެ.

އިންޑިއާއިން ވަނީ މީގެކުރިން ދެ ފަހަރެއްގެ މަތިން މުބާރާތަށް ޒުވާން ޓީމު ފޮނުވާފައެވެ. އެއީ 2009 ވަނަ އަހަރުގައި އާއި 2018 ވަނަ އަހަރުގައެވެ.

އެ ދެ ފަހަރުވެސް އިންޑިއާއިން ރާއްޖެއާ ދެކޮޅަށް ކުޅުނުއިރު 2009 ވަނަ އަހަރުގެ މުބާރާތުގެ ފައިނަލުގައި ރާއްޖެ ވަނީ ފައިނަލް މެޗުގައި ޕެނަލްޓީ ޖަހައިގެން އިންޑިއާ އަތުން ބަލިވެފައެވެ. އަދި 2018 ވަނަ އަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން ރާއްޖެއިން ހޯދީ ފައިނަލުގައި އިންޑިއާ ބަލިކޮށްގެންނެވެ.

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެއާއި އިންޑިއާ ހިމެނެނީ ޕާކިސްތާނާއެކު ގްރޫޕް ބީގައެވެ. ގްރޫޕް އޭގައި ވާދަކުރަނީ ހޯސްޓު ބަންގްލަދޭން، ބޫޓާން އަދި ސްރީލަންކާއެވެ.

އިންޑިއާ ފުޓުބޯޅަ ވަރުގަދަކޮށް، ދުރު ރާސްތާ ޕްލޭނެއްގެ ދަށުން ފުޓުބޯޅަ ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން އެ ޤައުމުން އަންނަނީ މިހާރު ވެސް ދުނިޔޭގެ ފެންވަރުގެ ވަރުގަދަ ޓީމުތަކަކާ ދެކޮޅަށް މެޗުތަކެއް ކުޅެން ތާވަލުކުރަމުންނެވެ.

އެގޮތުން އެޓީމުން ވަނީ މިހާރު ފެށިފައިވާ ފުޓުބޯޅައިގެ ބައިނަލްއަގްވާމީ ބްރޭކުގައި ޕެނަމާއާ ދެކޮޅަށް މެޗެއް ކުޅެފައެވެ. އެމެޗު އެއްވަރުވީ 1-1ގެ ނަތީޖާއަކުންނެވެ.

އަދި އަންނަ މަހުގެ ތިންވަނަ ދުވަހު ދުނިޔޭގެ ފުޓުބޯޅައިގެ ފަސްވަނައިގައި އޮތް ބްރެޒިލްއާ ދެކޮޅަށް މެޗެއް ކުޅޭއިރު ހަވަނަ ދުވަހު އުރުގުއޭއިއާ ދެކޮޅަށް ވެސް މެޗެއް ކުޅުމަށް ވަނީ ތާވަލުކޮށްފައެވެ.