ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އާއި ހިލްޓަން ބްރޭންޑްގެ ދަށުން ރާއްޖޭގައި ހިންގާ ތިން ރިސޯޓަކާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކޮށް، އެއްބަސްވުން އައު ކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ވޯލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށި، ހިލްޓަން މޯލްޑިވްސް އަމިންގިރި ރިސޯޓް އެންޑް ސްޕާ އަދި ކޮންރެޑް މޯލްޑިވްސް ރަންގަލި އައިލެންޑާއެކުގައެވެ.
މި އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ޙަފުލާގައި އެމްއެންޔޫގެ ވައިސް ޗާންސެލަރ ޑރ. ޢާއިޝަތު ޝަހީނާޒް އާދަމްއާއި ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒް (އެފްއެޗްޓީއެސް) ގޭ ޑީން ޒުލައިޚާ ރީޝާ ރަޝާދު ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ވޯލްޑޯފް އެސްޓޯރިއާގެ ޖެނެރަލް މެނޭޖަރު ޓީޖޭ ޖޫލަކް، ހިލްޓަން އަމިންގިރިގެ ޖެނެރަލް މެނޭޖަރު މާކް އެލެޓްރ އަދި ކޮންރެޑް މޯލްޑިވްސްގެ ޖެނެރަލް މެނޭޖަރު ނިކް ފްލިންގެ އިތުރުން ރިސޯޓުތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
އެފްއެޗްޓީއެސްގެ ލެކްޗަރާ އިސްމާއިލް ޝިއާރު ވިދާޅުވީ، މިއީ މީގެ ދެތިން އަހަރު ކުރިން ފެށުނު ވަރަށް ކާމިޔާބު ޕާޓްނަރޝިޕެއް ކަމަށެވެ. މީގެ އިތުރުން، ދަރިވަރުން ކިޔަވާ އެއްޗެއް އަމަލީ މައިދާނުގައި ބޭނުންކުރަން ލިބުމަކީ މުހިންމު ފުރުސަތެއްކަމަށްވެސް އޭނާ ފާހަގަކުރިއެވެ.
"މީގައި އަސްލު އަޅުގަނޑުމެންގެ ފެކަލްޓީ ކުދިންނަށް އެންމެ ބޮޑު އެއް ކުރިއެރުމަކީ ޕްރެކްޓިކަލް އެކްސްޕީރިއަންސް. ޔުނިވަރސިޓީގައި ދަސްކުރާ ހުރިހާ ސްކިލްސްތަކެއް، އެކުދިންނަށް އިންޑަސްޓްރީއަށް ގޮސް، އިންޑަސްޓްރީގައި ތިބެގެން އެ ޕްރެކްޓިކަލް އެކްސްޕީރިއަންސް އެ މާހައުލުގައި، ފައިވް ސްޓާރ ލެވެލްގައި ކުދިންނަށް ލިބިގެންދާނެ" އެފްއެޗްޓީއެސްގެ ލެކްޗަރާ އިސްމާއިލް ޝިއާރު ވިދާޅުވިއެވެ.
މި ޙަފްލާގައި ވާހަކަދައްކަވަމުން ރިސޯޓުތަކުގެ މެނޭޖަރުން ވަނީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ދިވެހި ކުދިންގެ ހުނަރު ކުރިއަރުވައި، އެކުދިންނަށް ފުރުޞަތުތައް ހޯދައިދިނުމުގައި އެހީތެރިވުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއްކަން ފާހަގަކުރައްވާފައެވެ.
މި އެއްބަސްވުމުގެ ދަށުން އެމްއެންޔޫގެ އެފްއެޗްޓީއެސްގައި ކިޔަވަމުންދާ ދަރިވަރުންނަށް ފްރަންޓް އޮފީސް، ހައުސްކީޕިންގ، އެފްއެންޑްބީ، ކިޗަން، މާކެޓިންގ އަދި ބެކް އޮފް ދަ ހައުސް ހިމެނޭހެން ތަފާތު ދާއިރާތަކުން އިންޓަރންޝިޕްގެ ފުރުޞަތުތައް ހުޅުވިގެންދާނެއެވެ. އަދި ޔުނިވަރސިޓީގެ ލެކްޗަރާއިންގެ ތަމްރީނާއި ތަޖުރިބާއަށްޓަކައި ރިސޯޓުތަކާ ގުޅިގެން ތަފާތު މަސައްކަތްތައް ކުރިއަށްގެންދިއުމަށްވެސް ވަނީ ހަމަޖެހިފައެވެ.
މި އެއްބަސްވުމުގެ ސަބަބުން ވޭތުވެދިޔަ އަހަރުތަކުގައި އެމްއެންޔޫގެ ގިނަ ދަރިވަރުންތަކެއް ވަނީ މި ރިސޯޓުތަކުން ތަމްރީނު ހޯދައި، ވަޒީފާގެ މައިދާނަށް ނުކުތުމަށް ބޮޑު ބާރެއް ލިބިގެންގޮސްފައެވެ. އަދި އެމްއެންޔޫއިން އަންނަ ދަރިވަރުންގެ ފެންވަރު ރިސޯޓުތަކުން ބަލައިގަންނަކަމާއި، ކިޔަވާ ނިމޭ ދަރިވަރުން ވަޒީފާތަކަށް ގުޅުމަށް ރިސޯޓުތަކުން ވަރަށް ބޮޑަށް އެދޭކަންވެސް އެމްއެންޔޫއިން ފާހަގަކުރައްވައެވެ.