ޔަމަންގެ އައްސޭރިފަށުގައި އޮންނަ ބާބުލްމަންދަބު ކަނޑުއޮޅިން ދަތުރުކުރި ގާތްގަނޑަކަށް 10 އުޅަނދަކަށް، މިދިޔަ ހަފުތާގެ ތެރޭގައި ފަރަންސޭސިވިލާތުގެ ކަނޑުގެ ސިފައިން ހިމާޔަތްދީ، ރައްކާތެރިކަމާއެކު ދަތުރުފަތުރުގެ ކަންކަން ހަމަޖައްސައިދީފައިވާ ކަމަށް އެ ޤައުމުގެ އަސްކަރިއްޔާއިން ބުނެފިއެވެ.
ފަރަންސޭސިވިލާތުގެ އަސްކަރިއްޔާގެ ތަރުޖަމާނު ޒަވިއަރ ރިވާލް ހާމަކުރެއްވި ގޮތުގައި މި ދަތުރުތަކަކީ، 2024 ވަނަ އަހަރުގެ ކުރީކޮޅު ފެށި ޚާއްސަ އޮޕަރޭޝަނެއްގެ ދަށުން ރަތްކަނޑުގައި ދަތުރުކުރާ އުޅަނދުފަހަރުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ވިލާތުެ ޤައުމުތަކުގެ އިއްތިޙާދު، ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ކުރިއަށްގެންދާ މަސައްކަތުގެ މުހިންމު ބައެކެވެ.
ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރުގެ ހިމާޔަތުގައި އެމެރިކާއިން އިރާނާ ދެކޮޅަށް ހިންގާ އަސްކަރީ އޮޕަރޭޝަނާ ޚިލާފަށް، އީޔޫގެ މި މަސައްކަތަށް ޙޫޘީ ހަނގުރާމަވެރިން ހަމަލާއެއް ދިން ނަމަވެސް، ރައްދުގައި ހަމަލާދިނުމުގެ އިޚްތިޔާރެއް ލިބިފައެއް ނުވެއެވެ.
މި އޮޕަރޭޝަނަށް އެންމެ ގިނައިން އަސްކަރީ އުޅަނދު ފޯރުކޮށްދެނީ އިޓަލީވިލާތާއި ގްރީސް އިންނެވެ. މީގެއިތުރުން ފަރަންސޭސިވިލާތުން ވަނީ މަދުވެގެން ދެ މަނަވަރާއި، މައިން ސާފުކުރާ ދެ އުޅަނދު ރަތްކަނޑަށް ފޮނުވުމަށް އެއްބަސްވެފައެވެ.
ރައްކާތެރިކަން ދިނުމުގެ މި އޮޕަރޭޝަންތައް ހިންގަން ޖެހިފައިވަނީ، ރަތްކަނޑުގައި ސަޢުދީ ޢަރަބިއްޔާއާ ގުޅުންހުރި ވިޔަފާރި އުޅަނދުތަކަށް ޙޫޘީންގެ ފަރާތުން އަދިވެސް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވަމުންދާތީއެވެ. ޔަމަންގެ ހުޅަނގުގެ ބޮޑު ބައެއް ކޮންޓްރޯލްކުރާ މި ޖަމާޢަތުން ވަނީ މިދިޔަ ޖުލައި މަހު ސަޢުދީއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތަކެއް އިޢުލާނުކޮށް، މިސައިލާއި ޑްރޯން ހަމަލާތައް ކަނޑުބޯޓުފަހަރަށާއި ތެލުގެ ވަޞީލަތްތަކަށް އަމާޒުކޮށްފައެވެ.
ރައްކާތެރިކަން ފޯރުކޮށްދިނުމުގެ މި އޮޕަރޭޝަންތަކުގައި ފަރަންސޭސިވިލާތުގެ ބައިވެރިވުމަކީ، ސަޢުދީ އާއި ހޫޘީންގެ މެދުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ތެރެއަށް އެ ޤައުމުގެ އަސްކަރީ ބާރު އިތުރަށް ވަދެގެންދާނެ ކަމުގެ ނިޝާނެކެވެ. މިކަމާ ގުޅޭގޮތުން ފަރަންސޭސިވިލާތުގެ ރައީސް އެމެނުއަލް މެކްރޮން ދާދިފަހުން ވިދާޅުވީ، ރަތްކަނޑުގެ އައްސޭރީގައިވާ ޔަންބޫޢު ބަނދަރުގެ ހިމާޔަތުގައި ފަރަންސޭސިވިލާތުގެ ސިފައިންނާއި ދިފާޢީ ނިޒާމުތައް ފޮނުވާނެ ކަމަށެވެ.
ނަމަވެސް، ޔަންބޫޢުއަށް ފޮނުވުމަށް ހަމަޖެހިފައިވާ ދިފާޢީ ނިޒާމުތަކާއި ސިފައިންގެ ޢަދަދުގެ ތަފްޞީލެއް ރައީސް މެކްރޮން ހާމައެއް ނުކުރައްވައެވެ. އޭނާ މި އޮޕަރޭޝަން ސިފަކުރެއްވީ ހަމައެކަނި ދިފާޢީ މަސައްކަތެއްގެ ގޮތުގައެވެ. އަދި މިއީ ފަރަންސޭސިވިލާތުން ސީދާ ހަނގުރާމައަކަށް ވަނުން ނޫން ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
ރިވާލް އިތުރަށް ވިދާޅުވީ، މި އަސްކަރީ އޮޕަރޭޝަން ރަސްމީކޮށް ފެށުމަށްޓަކައި ބޭނުންވާ މުހިންމު ކަންކަމާ ގުޅޭގޮތުން ފަރަންސޭސިވިލާތުގެ ސަރުކާރުން މިހާރުވެސް ދަނީ ސަޢުދީ އާއެކު މަތީ ފަންތީގެ މަޝްވަރާތައް ބާއްވަމުންނެވެ.