އިންޑިއާގެ މަޝްހޫރު "ޗައިތަންޔާ އައި ހޮސްޕިޓަލް"ގެ ލޮލުގެ ޚާއްސަ ދެ ޑޮކްޓަރުން މިމަހު އައިކެއާގައި ބަލި މީހުން ބައްލަވާނެކަމަށް އައިކެއާއިން ހާމަކުރައްވައިފިއެވެ.
އައިކެއާއިން ބުނީ، މިމަހުގެ 11 އިން 15 އަށް އައިކެއަރ ހޮސްޕިޓަލުގައި ބަލި މީހުން ބައްލަވާ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ. މި މުއްދަތުގައި ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން ހަވީރު 6:00 އަށް ޑޮކްޓަރަށް ދެއްކުމުގެ ޚިދުމަތް ލިބޭނެ ކަމަށެވެ.
ޑޮކްޓަރަށް ދެއްކުމަށް މިހާރު ވަނީ، އެޕޮއިންޓްމަންޓް ހުޅުވާލާފައެވެ. ޑޮކްޓަރަށް ދައްކަންދާއިރު ކުރީގެ މެޑިކަލް ރިޕޯޓުތަކާއި، ބޭސްސިޓީ އަދި ލޮލުގެ ޓެސްޓުތަކުގެ ނަތީޖާ ގެންދިއުމަށް އައިކެއާއިން އެދެއެވެ. އަދި އެޕޮއިންޓްމަންޓު ހެދުމަށް 3321026 އަށް ގުޅައިގެންނާއި، 7201026 އަށް ވައިބަރ ނުވަތަ ވަޓްސްއަޕް ކޮށްގެންނާއި ނުވަތަ އައިކެއާގެ ވެބްސައިޓް މެދުވެރިކޮށް ނަން ނޯޓު ކުރެވޭނެ ކަމަށް އައިކޭއިން ބުނެއެވެ.
އައިކެއާއިން ބުނީ، މި ދެ ޑޮކްޓަރުންނަށް ދެއްކުމުގައި އާސަންދަ އަދި އެހެނިހެން އިންޝުއަރެންސްގެ ޚިދުމަތް ލިބޭނެ ކަމަށެވެ.
ބަލި މީހުން ބެލުމަށް ހަމަޖެހިފައިވަނީ، ޗައިތަންޔާ ހޮސްޕިޓަލުގެ ސީނިއަރ ކޮންސަލްޓެންޓް އަދި ވިޓްރިއޯރެޓިނަލް ސާޖަން ޑރ.މަނޯޖުއާއި، ކެޓަރެކްޓް، ގްލޮކޯމާ އަދި ފެކޯ ސާޖަރީގެ ޚާއްސަ ޑޮކްޓަރެއް ކަމަށްވާ ޑރ. ހަރިކްރިޝްނަން ސީޕީއެވެ. މި ދެ ޑޮކްޓަރުން ބައްލަވާނީ، އޯކިޑު މަގުގައި ހުންނަ އައިކެއަރ ހޮސްޕިޓަލުގައިކަމަށް އައިކެއާއިން ފާހަގަކުރެއެވެ.
މި ދަތުރު ޚާއްސަކޮށްފައިވަނީ، ލޯ ޗެކްކުރުމަށާއި ކޮންސަލްޓޭޝަނަށެވެ. އެއަށްފަހު އިތުރު ފަރުވާ ނުވަތަ އޮޕަރޭޝަން ބޭނުންވާ ފަރާތްތައް ދެނެގަނެ އެކަމަށް ބޭނުންވާ ވަސީލަތްތަކަށް ބެލުމަށްފަހު، ކުރިއަށް އޮތްތަނުގައި އައިކެއަރ ހޮސްޕިޓަލުގައި އެފަދަ ފަރުވާތަކާއި ސާޖަރީތައް ހެދޭނެ އިންތިޒާމު ހަމަޖައްސާނެ ކަމަށްވެސް އައިކޭއިން ފާހަގަކުރެއެވެ.