ޗައިނާ އޯޕަން ޓެނިސް މުބާރާތުގައި ތިން ވަނައަށް ސީޑު ކުރެވިފައިވާ އެމެރިކާގެ ކޯކޯ ގައުފްއާއި އަށްވަނައަށް ސީޑު ކުރެވިފައިވާ ޕޯލަންޑްގެ އީގާ ޝުއާޓެކް ހަތަރު ވަނަ ބުރުން ޖާގަހޯދައިފިއެވެ.
މިމުބާރާތުގެ ހަތަރު ވަނަ ބުރުން މިހާރު މިމުބާރާތުގައި ކުޅެމުންދާ އެންމެ މަތިން ސީޑު ކުރެވިފައިވާ ކުޅުންތެރިޔާ ކަމަށްވާ ގައުފް ޖާގަހޯދީ ތިންވަނަ ބުރުގައި ޗައިނާގެ ޒިންރަން ސުން އާއި ބައްދަލުކުރި މެޗު ސީދާ ދެސެޓުން ކާމިޔާބު ކޮށްގެންނެވެ. މިމެޗުގެ ފުރަތަމަ ސެޓު ވަރަށް ވާދަވެރި ކަމާއެކު ކުރިއަށް ގޮސް ފަތެއް ފަހަކުން ގައުފް ކާމިޔާބު ކުރިއިރު ދެވަނަ ސެޓު އޭނާ ކާމިޔާބު ކޮށްފައިވަނީ ވަރަށް ފަސޭހަ ކަމާއެކު ހައެއް އެކަކުންނެވެ.
މިމުބާރާތުގެ ހަތަރު ވަނަ ބުރުގައި ގައުފް ބައްދަލުކުރާނީ މިމުބާރާތުގައި ތޭރަ ވަނައަށް ސީޑު ކުރެވިފައިވާ ބެލްޖިއަމްގެ އެލީސް މާޓެންސް އާއެވެ. މިމުބާރާތުގެ ހަތަރު ވަނަ ބުރުން މާޓެންސް ޖާގަހޯދީ ސައްވީސް ވަނައަށް ސީޑު ކުރެވިފައިވާ އޮސްޓްރިއާގެ ޔެލޭނާ އޮސްޓަޕެންކޯ އާއި ބައްދަލުކުރި މެޗު ދެ ސެޓު އެއް ސެޓުން ކާމިޔާބު ކޮށްގެންނެވެ. އެއީ ހައެއް ދެއެއް، ތިނެއް ހައެއް އަދި ހައެއް ތިނަކުން މެޗު ކާމިޔާބު ކޮށްގެންނެވެ.
މިމުބާރާތުގެ ހަތަރު ވަނަ ބުރުން ޝުވާޓެކް ޖާގަހޯދީ ތިންވަނަ ބުރުގައި ތިރީސް ވަނައަށް ސީޑު ކުރެވިފައިވާ ކްރޮއޭޝިއާގެ ޑޯނާ ވެކިޗް އާއި ބައްދަލުކުރި މެޗު ހަތަރުން އަރާ ދެ ސެޓު އެއް ސެޓުން ކާމިޔާބު ކޮށްގެންވެ. މިމެޗު ޝުއާޓެކަށް ކާމިޔާބު ކުރެވިފައިވަނީ ވަރަށް ހިތްވަރާއެކު މަސައްކަތް ކޮށްގެންނެވެ. އެއީ މިމެޗުގެ ފުރަތަމަ ސެޓު ހަތަރެއް ހަޔަކުން ވެކިޗް ކާމިޔާބު ކުރިއިރު ދެވަނަ ސެޓުގައިވެސް ވެކިޗްވަނީ ދޭއް ފަހެއްގެ ލީޑެއް ނަގައިފައެވެ. ނަމަވެސް ޝުވާޓެކް ހިތްވަރު އެލުވާނުލާ ކުޅުމުގެ ނަތީޖާ އަކަށް ވެގެންދިޔައީ ދެވަނަ ސެޓު ޓައި ބްރޭކަކަށް ގެންގޮސް ހަތެއް ސުމަކުން ޓައި ބްރޭކް ކާމިޔާބު ކުރުމުގެ އިތުރުން ފަހު ސެޓު ހައެއް ދެއަކުން ކާމިޔާބު ކޮށް މެޗު ކާމިޔާބު ކުރުމެވެ. މިމުބާރާތުގެ ހަތަރު ވަނަ ބުރުގައި ޝުވާޓެކް ބައްދަލުކުރާނީ ދިހަ ވަނައަށް ސީޑު ކުރެވިފައިވާ އެމެރިކާގެ ޒުވާން ކުޅުންތެރިޔާ އީވާ ޖޮވިޗް އާއެވެ. ޖޮވިޗް މިމުބާރާތުގެ ހަތަރު ވަނަ ބުރުން ޖާގަހޯދީ އުޒްބަކިސްތާންގެ ކަމީލާ ރަހިމޯވާ އާއި ބައްދަލުކުރި މެޗު ހައެއް އެކެއް އަދި ހަތެއް ފަހަކުން ކާމިޔާބު ކޮށްގެންނެވެ.
މިމުބާރާތުގެ ހަތަރު ވަނަ ބުރުންވަނީ ޗައިނާގެ އުންމީދުތައް އެކުޅުންތެރިޔަކާއި ގުޅިފައިވާ ގިންވެން ޒެންގވެސް ޖާގަހޯދާފައެވެ. އޭނާ ހަތަރު ވަނަ ބުރުން ޖާގަހޯދީ އަށާރަ ވަނައަށް ސީޑު ކުރެވިފައިވާ ޗެކިއާގެ މެރީ ބޮއުޒްކޯވާ އާއި ބައްދަލުކުރި މެޗު ދެ ސެޓު އެއް ސެޓުން ކާމިޔާބު ކޮށްގެންނެވެ. މިމެޗުގެ ފުރަތަމަ ސެޓު ޓައި ބްރޭކަކަށް ގޮސް ހަތެއް ތިނަކުން ޒެންގ ކާމިޔާބު ކުރިއިރު ދެވަނަ ސެޓު ބޮއުޒްކޯވާވަނީ ހަތަރެއް ހަޔަކުން ކާމިޔާބު ކޮށްފައެވެ. އަދި ފަހު ސެޓު ޒެންގ ކާމިޔާބު ކޮށްފައިވަނީ ހަތެއް ފަހަކުންނެވެ. ޒެންގ ހަތަރު ވަނަ ބުރުގައި ބައްދަލުކުރާނީ އަރުމީނިއާގެ އެލީނާ ޗަރައޭވާ އާއެވެ. މިމުބާރާތުގެ ދެވަނަ ބުރުގައި މުބާރާތުގައި އެއްވަނައަށް ސީޑު ކުރެވިފާވި އެލޭނާ ރިބާކިނާ ބަލިކުރި ޗަރައޭވާ ހަތަރު ވަނަ ބުރުން ޖާގަހޯދީ އިނގިރޭސިވިލާތުގެ ސޮނޭ ކާޓަލް އާއި ބައްދަލުކުރި މެޗު ހައެއް ހަތަރެއް އަދި ހައެއް އެކަކުން ކާމިޔާބު ކޮށްގެންނެވެ.