ހެޔޮވެރިކަމެއްގެ ޙަޤީޤީ މިންގަނޑަކީ ހަމައެކަނި މުއައްސަސާތަކުގެ ވަރުގަދަކަން ނޫންކަމަށާއި، އެއީ ރައްޔިތުންގެ ދިރިއުޅުމަށް އެ މުއައްސަސާތަކުން ގެނެސްދޭ ހެޔޮ ބަދަލުތައްކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ޢަބްދުއްރަޙީމް ޢަބްދުالله ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ ރައީސް މިހެން ވިދާޅުވީ، ޓެންޒޭނިއާގެ އަރުޝާގައި ކުރިއަށްދާ އިންޓަރ-ޕާލިމެންޓަރީ ޔޫނިއަން، އައިޕީޔޫގެ 153ވަނަ އެސެމްބްލީގައި ތަގުރީރުކުރައްވަމުނެވެ.
އެ މަނިކުފާނު ވިދާޅުވީ ޤާނޫނު ހަދާ މަޖިލިސްތަކަކީ މިހާރަށްވުރެ ބޮޑަށް ހުޅުވާލެވިފައިވާ، ޝާމިލު، ރައްޔިތުންގެ އަޑުއަހާ ތަންތަނަށް ވާންޖެހޭ ކަމަށެވެ. އަދި އެ ތަންތަނަކީ ނަތީޖާ ނެރެދޭ ތަންތަނަށް ހެދުމަށާއި، ރައްޔިތުންގެ އިތުބާރު ގާއިމުކުރުމުގައި ދެފުށް ފެންނަ މިންވަރާއި ޖަވާބުދާރީވުން އިތުރުކުރުމަށް މަސައްކަތްކުރަންޖެހޭ ކަމަށެވެ.
"މުޖުތަމަޢުތައް ބާރުވެރިކުރުމުގައި މަޢުލޫމާތު ލިބިގަތުމުގެ ފުރުޞަތުތަކާއި ބައިވެރިވުން އިތުރުކުރަންޖެހޭ. އަދި، ހެޔޮވެރިކަން ކުރިއެރުވުމަށާއި، ޑިމޮކްރަސީ ހަރުދަނާކުރުމަށާއި އަދި މުޖުތަމަޢުތައް ބާރުވެރިކުރުވުމަށްޓަކައި، އައި.ޕީ.ޔޫ މެދުވެރިކޮށް އެހެން ޤައުމުތަކުގެ ޤާނޫނު ހަދާ މަޖިލިސްތަކާ ގުޅިގެން މަސައްކަތްކުރުމުގައި ރާއްޖެއިން ދެމިއޮންނާނެ." މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.
އިދާރާތަކުން ރައްޔިތުންނަށް ފުރިހަމައަށް ޖަވާބުދާރީވުމާއި، ހުރިހާ ފަރާތްތަކުގެ ބައިވެރިވުން އަދި ރައްޔިތުންގެ އިތުބާރުގެ މުހިންމުކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ ހެޔޮވެރިކަމަކީ ހަމައެކަނި މުއައްސަސާތަކެއް ގާއިމުކުރުން ނޫން ކަމަށާއި، އެއީ ރައްޔިތުންގެ އަޑުއަހައި، ހަމަހަމަ ފުރުޞަތުތައް ފަހިކޮށްދީ، މުއައްސަސާތަކަކީ ރައްޔިތުންނަށް ޖަވާބުދާރީވާ ތަންތަންކަމުގައި ހެދުންކަމަށެވެ.
އެ މަނިކުފާނުގެ ވާހަކަފުޅުގައި މި އަހަރުގެ އެސެމްބްލީގެ ޝިއާރު ކަމުގައިވާ "އެންމެންގެ ޝާމިލުވުމާއި، އިތުބާރާއި، އަދި ފުރުޞަތުތައް ފަހިކޮށްދީގެން ހެޔޮވެރިކަން ކުރިއެރުވުމާއި މުޖުތަމަޢުތައް ބާރުވެރިކުރުވުން،" މި މަޢުޟޫއަށް އަލިއަޅުވާލެއްވިއެވެ. އެގޮތުން، ޑިމޮކްރެޓިކް މުއައްސަސާތައް ހަރުދަނާކުރުމަށްޓަކައި ރައްޔިތުންނަށް އިސްކަންދޭ ވެރިކަމުގެ ނިޒާމެއް އޮންނަން ޖެހޭކަމަށް އެ މަނިކުފާނު ފާހަގަކުރައްވާފައިވެއެވެ.
ވެރިކަން ހިންގުމާއި މަޖިލިސްތަކުގެ ނިންމުންތައް ނިންމުމަކީ ހެކީގެ މައްޗަށް ބިނާވެފައިވާ އަދި ނަތީޖާ ނެރެވޭ ކަންކަމަށް ވާންޖެހޭ. ސިޔާސަތުތަކާއި ޤާނޫނުތަކުގެ އަގު ވަޒަންކުރެވެންވާނީ ރައްޔިތުންނަށް އެއިން ލިބިދޭ ނަތީޖާތަކުގެ މައްޗަށް ބިނާކޮށް." މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.
ޤާނޫނު ހަދާ މަޖިލިސްތަކުން ރައްޔިތުންގެ އަޑުއެހުމާއި، ސިޔާސަތުތައް ތަންފީޒުކުރެވޭ މިންވަރު ބެލުމާއި، ދައުލަތުގެ ވަސީލަތްތައް ޒިންމާދާރުކަމާއެކު ބޭނުންކުރެވޭކަން ކަށަވަރުކުރުމަށް އިސްކަން ދޭން ޖެހޭކަމަށް ވެސް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.