މަސްވެރިންގެ ދުވަހުގެ މުނާޞަބަތުގައި ހޮވާ ކެޔޮޅުންގެ އެވޯޑާއި ޚިދުމަތްތެރި ފަރުމަސްވެރިޔާގެ އެވޯޑު އަދި އަންހެން މަސްވެރިޔާގެ އެވޯޑަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
މަސްވެރިންގެ ދުވަސް ރާއްޖޭގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް ޑިސެންބަރު މަހުގެ 10 ވަނަ ދުވަހުއެވެ. އެދުވަހު 4 އެވޯޑެއް ދިނުމަށް ކަނޑައަލައި އެ ވޯޑުތަކަށް ކުރިމަތިލުމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ވަނީ ހުޅުވާލާފައެވެ. މިއަހަރުގެ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާ ބޭއްވުމަށް، ނިންމާފައިވަނީ މާލޭގައެވެ.
މަސްވެރިންގެ ދުވަހުގެ މުނާޞަބަތުގައި ހޮވާ އެވޯޑުތަކުގެތެރެއަށް މިއަހަރު މިވަނީ މަސްވެރިކަން ކުރާ ޚިދުމަތްތެރި އަންހެން މަސްވެރިޔާގެ އެވޯޑުވެސް ހިމަނާފައެވެ.
- މަސްވެރިކަމުގައި ޢަމަލީގޮތުން އުޅޭ، އަދި މަސްވެރިކަން ފިޔަވައި، އާމްދަނީ ހޯދުމަށް އެހެން މަސައްކަތެއް ނުކުރާ އެންމެ ޚިދުމަތްތެރި ޒުވާން ކެޔޮޅު (35 އަހަރުން ދަށް)
- މިހާރުވެސް މަސްވެރިކަމުގައި ޢަމަލީގޮތުން އުޅޭ، އަދި މަސްވެރިކަން ފިޔަވައި، އާމްދަނީ ހޯދުމަށް އެހެން މަސައްކަތެއް ނުކުރާ އެންމެ ތަޖުރިބާކާރު ކެޔޮޅު (35 އަހަރުން މަތި)
- އާމްދަނީ ހޯދުމަށްކުރާ މައިގަނޑު މަސައްކަތަކަށް ފަރުމަހުގެ މަސްވެރިކަން ކުރާ ޚިދުމަތްތެރި ފަރުމަސްވެރިޔާގެ އެވޯޑު
- މަސްވެރިކަމުގައި ޢަމަލީގޮތުން އުޅޭ، އާމްދަނީ ހޯދުމަށް މަސްވެރިކަން ކުރާ ޚިދުމަތްތެރި އަންހެން މަސްވެރިޔާގެ އެވޯޑު
މި ހަތަރު އެވޯޑުގެ ތެރެއިން އެވޯޑަކަށް ކުރިމަތިލުމަށް ބޭނުންވާ، ޝަރުތުތައް ފުރިހަމަވާ ފަރާތްތައް ފޯމް ފުރިހަމަ ކުރުމަށްފަހު މިމަހުގެ 29ވަނަ ދުވަހުގެ 14:00ގެ ކުރިން ހުށަހެޅުމަށް މަސްވެރިކަމާ ބެހޭ ވުޒާރާއިން ވަނީ އެދިފައެވެ. އެވޯޑުތަކަށް އެދި ހުށަހެޅުމަށް ތައްޔާރުކޮށްފައިވާ ފޯމުތައް ވުޒާރާގެ ވެބްސައިޓް www.fishagriocean.gov.mv އިން ޑައުންލޯޑު ކުރެވެން ހުންނާނެއެވެ.
މި އެވޯޑުތަކަށް އެދި އަމިއްލަ ހައިސިއްޔަތުން ނުވަތަ އެހެން ފަރާތަކުންވެސް ނަން ހުށަހެޅިދާނެއެވެ. އެވޯޑަށް އެދި ހުށަހަޅާ ފޯމް މިނިސްޓްރީގެ އީމެއިލް އެޑްރެސް [email protected] އަށް ފޮނުއްވުމަށްވެސް ވަނީ އެދިފައެވެ.
މި އެވޯޑަށް އެދި އަމިއްލަ ޙައިސިއްޔަތުން ނުވަތަ އެހެން ފަރާތަކުންވެސް ހުށައެޅުމުގެ ފުރުސަތު އޮންނާނެކަމަށްވެސް މަސްވެރިކަމާބެހޭ ވުޒާރާއިން ވިދާޅުވިއެވެ. މި އެވޯޑަކީ ރާއްޖޭގައި މަސްވެރިކަމުގެ ސިނާޢަތުގައި މަސައްކަތްކުރާ ފަރާތްތަކުގެ މަސައްކަތް ބަލައިގަނެ، އަގު ވަޒަންކުރުމުގެގޮތުން ދިނުމަށް ނިންމާފަވާ އެވޯޑެކެވެ.