އެމެރިކާގެ އަސްކަރިއްޔާއިން 60 އަހަރަށްފަހު ފުރަތަމަ ފަހަރަށް ބަޑިޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރަން ނިންމައިފިއެވެ.
އެމެރިކާގެ އަސްކަރިއްޔާއިން ފާއިތުވި 60 އަހަރަށްވުރެ ގިނަ ދުވަހުގެ ތެރޭގައި ފުރަތަމަ ފަހަރަށް ބަޑިޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރުމަށް ނިންމައި، އެކަން ރަސްމީކޮށް އިޢުލާނުކޮށްފިއެވެ. މިއީ ދެވަނަ ބޮޑު ހަނގުރާމައަށްފަހު އެ ޤައުމުގެ އަސްކަރިއްޔާއިން މިފަދަ ގޮތަކަށް މަރުގެ އަދަބު ތަންފީޒުކުރާ ފުރަތަމަ ފަހަރެވެ.
މި އަދަބު ތަންފީޒުކުރުމަށް ހަމަޖެހިފައިވަނީ 2009 ވަނަ އަހަރު ޓެކްސަސްގެ ފޯޓް ހޫޑް އަސްކަރީ މަރުކަޒުގައި ހަތިޔާރެއް ނެތް 13 ސިފައިން މަރާލައި، އިތުރު 32 މީހުން ޒަޚަމްކޮށްލި މައްސަލައިގައި ކުށްވެރިވި ކުރީގެ މޭޖަރ ނިދާލް ޙަސަންގެ މައްޗަށެވެ. ހަނގިރާމައެއްގެ ބޭރުން އެމެރިކާގެ ތާރީޚުގައި އަސްކަރީ މަރުކަޒަކަށް ދެވުނު އެންމެ ނުރައްކާތެރި މި ހަމަލާ ދީފައިވަނީ، ސިފައިން ޞިއްޙީ ފަރުވާއާއި ވެކްސިން ޖެހުމަށް އެއްވެ ތިބި ޢިމާރާތެއްގެ ތެރޭގައެވެ.
ޕެންޓަގަންގެ ތަރުޖަމާނު ޝޯން ޕާނެލް ހާމަކުރެއްވި ގޮތުގައި، ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތުގެ ހުށަހެޅުއްވުމުގެ މަތިން މި އަދަބު ތަންފީޒުކުރުމުގެ ހުއްދަ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ދެއްވާފައެވެ. އަދި މި އަދަބު ތަންފީޒުކުރުން އަންނަ ޑިސެމްބަރު މަހުގެ 3 ވަނަ ދުވަހު ފޯޓް ހޫޑްގައި ކުރިއަށްގެންދިއުމަށް މިހާރު ވަނީ ތާވަލުކޮށްފައެވެ.
އަސްކަރީ ނަފްސާނީ ޑޮކްޓަރެއްގެ ގޮތުގައި ކުރިން މަސައްކަތްކުރި ނިދާލް ޙަސަން 2013 ވަނަ އަހަރު ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވަނީ، އޭނާ އެ ހަމަލާ ދިނީ އަފްގާނިސްތާނުގައި ތިބި މުސްލިމުންނާއި ޠާލިބާނުންގެ ދިފާޢުގައި ކަމަށެވެ ހަސަންއަކީ މިވަގުތު އެމެރިކާ އަސްކަރިއްޔާގެ މަރުގެ އަދަބު އިއްވާފައި ތިބި 4 ކުށްވެރިންގެ ތެރެއިން އެކަކެވެ.
ޖަނަވަރީ 2025 ގައި ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ފެޑެރަލް ފެންވަރުގައި މަރުގެ އަދަބު ތަންފީޒުކުރުން އަލުން އިޢާދަކުރައްވާފައެވެ. އެމަނިކުފާނު ސޮއިކުރެއްވި ރިޔާސީ ޤަރާރުގައި ބަޔާންކުރައްވާފައިވަނީ، މަރުގެ އަދަބަކީ އެމެރިކާގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ނުރައްކާތެރި ބޮޑެތި ޖަރީމާތަކާއި އަނިޔާވެރި ޢަމަލުތައް ހުއްޓުވުމަށާއި، އެފަދަ ކުށްވެރިންނަށް އެކަށީގެންވާ އަދަބު ދިނުމަށް ކޮންމެހެން ބޭނުންތެރި މުހިންމު ފިޔަވަޅެއް ކަމުގައެވެ.