ޚަބަރު

"އައު ކީޕަރަކާއެކު ބުރާ ދެކޮޅަށް ބިސްބުރު ނުކުންނާނީ އުއްމީދާއެކު"


  • ބްރޭކް ތެރޭގައި ބުރާއި ދެކޮޅަށް ބިސްބުރުން އެކުވެރިކަމުގެ މެޗެއް ކުޅުނު

ބައިނަލްއަގްވާމީ ބްރޭކުގެ ތެރޭގައި ކުރިއަށް ގެންދިޔަ ފަރިތަކުރުންތަކާއި، ޓީމަށް ގެނައި ބަދަލުތަކާއި ކުޅުނު އެކުވެރިކަމުގެ މެޗާއެކު ބިސް ބުރު ސްޕޯޓްސް ކުލަބުން ކުރިއަށް އޮތް މެޗުގައި ބުރު ސްޕޯޓްސް ކުލަބާ ދެކޮޅަށް ނުކުންނާނީ ނަތީޖާ ނެރެވޭނެކަމުގެ ވަރަށް ބޮޑު އުއްމީދަކާ އެކުގައިކަމަށް އެޓީމުގެ ކޯޗު އަޙްމަދު ނާޝިދު (ނާދު ކޯޗު) ބުނެފިއެވެ.

ލީގުގައި މިހާތަނަށް ބިސް ބުރުން ކުޅުނު ދެ މެޗުގައި ވެސް ބެންޗުގައި އިނދެ ޓީމަށް އިރުޝާދު ދިނީ ކޯޗު ހަސަން މާހިރެވެ. އެހެންނަމަވެސް ނާޝިދުގެ ސީދާ އިރުޝާދުގެ ދަށުން ބިސް ބުރުން ކުޅޭ ފުރަތަމަ މެޗުގައި ހުކުރު ދުވަހު ބުރު ސްޕޯޓްސް ކުލަބާ ދެކޮޅަށް ނުކުންނަ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ކޯޗު ނާޝިދު ބުނީ، ސީދާ މި މެޗަށް ޓީމު ވަރަށް ބޮޑަށް ތައްޔާރުކުރަމުން އައިސްފައިވާ ކަމަށެވެ.

އެގޮތުން ބުރާ ދެކޮޅަށް އެކުވެރިކަމުގެ މެޗެއް ކުޅެފައިވާނެ ކަން ހާމަކޮށް ނާޝިދު ބުނީ، ލީގު މެޗަށް ޓީމު ތައްޔާރުކުރީ އެކުވެރިކަމުގެ މެޗަށް ބެލުމަށްފަހުގައި ކަމަށެވެ.

އަދި ޓީމާއި އިތުރު ކުޅުންތެރިންވެސް ގުޅިފައިވާކަމަށާއި، އޭގެ ތެރޭގައި އައު ކީޕަރަކު ހިމެނޭކަން ކޯޗު ނާޝިދު ފާހަގަކުރިއެވެ. ބިސްބުރުން އައު ކީޕަރެއްގެ ގޮތުގައި ގެނެސްފައި ވަނީ ގާނާގެ ޕީޓާ ސަރްކޮޑީއެވެ. އުމުރުން 28 އަހަރުގެ ޕީޓާ އަކީ އެންމެފަހުން ތަޖިކިސްޠާނުގެ ކުލަބަކަށް ކުޅެފައިވާ ކުޅުންތެރިއެކެވެ.

ކުޅުންތެރިންގެ ފިޓްނަސް ރަނގަޅުކުރަން ޙާއްސަ ސަމާލުކަމެއްދީގެން ފަރިތަކުރުންތައް ގެންދިޔަކަން ކޯޗު ނާޝިދު ހާމަކުރިއިރު، ބުރު މެޗުގައި ޓީމުން ވަރަށް ރަނގަޅު ކުޅުމެއް ދައްކާނެކަމަށް އުއްމީދުކުރާކަމަށް އޭނާ ބުންޏެވެ.

ދިވެހި ލީގުގައި ބިސްބުރުން މިހާތަނަށް ދެ މެޗު ކުޅެފައިވާއިރު އޭގެތެރެއިން އެއް މެޗުން މޮޅުވެފައިވެއެވެ. އެއީ ދިއްދޫއާ ދެކޮޅަށް ކުޅުނު މެޗެވެ. ލީގުގައި ކުޅުނު ފުރަތަމަ މެޗުގައި ބިސްބުރު ވަނީ ކްލަބް އީގަލްސް އަތުން ބަލިވެފައެވެ.

ލީގު ތާވަލުގައި ބިސްބުރު އޮތީ ތިން ޕޮއިންޓާއެކު ހަތްވަނައިގައެވެ.