އީރާނުން ޔުރޭނިއަމް މުއްސަނދިކުރުމުގެ މަސައްކަތް ހުއްޓައިނުލާނެ ކަމަށާއި، މިހާތަނަށް މުއްސަނދިކޮށްފައިވާ ޔުރޭނިއަމްގެ އެއްވެސް މިންވަރެއް ބޭރުގެ އެއްވެސް ފަރާތަކާ ހަވާލުނުކުރާނެ ކަމަށް އީރާނުގެ ހަކަތައާބެހޭ އިދާރާގެ ވެރިޔާ މުޙައްމަދު އިސްލާމީ ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ، އީރާނުގެ ޔުރޭނިއަމް މުއްސަނދިކުރުމުގެ ޤާބިލުކަން ވަރަށް ބޮޑަށް ދަށްކުރުމަށް އެމެރިކާއިން ކުރި ޝަރުތުތަކަށް ރައްދު ދެއްވަމުންނެވެ. އީރާނުގެ ދައުލަތުގެ މީޑިއާތަކަށް ބުރާސްފަތި ދުވަހު އިސްލާމީ ވިދާޅުވީ، ޔުރޭނިއަމް މުއްސަނދިކުރުމަކީ އެ ޤައުމުގެ ނިއުކްލިއަރ ހަކަތަ އުފެއްދުމުގެ މަސައްކަތްތަކުން ވަކިނުކުރެވޭނެ އަސާސީ ބައެއް ކަމަށާއި އެއްވެސް ޙާލަތެއްގައި އެ ޙައްޤު ދޫކޮށްނުލާނެ ކަމަށެވެ.
މީގެއިތުރުން، އީރާނުގެ ނިއުކްލިއޔަރ ހަކަތަ އުފައްދާ މަރުކަޒުތަކަށް ހަމަލާދޭނެ ކަމަށް ބުނެ އެމެރިކާއިން ދެމުންދާ އިންޒާރުތަކަކީ "އައު ކަމެއް ނޫން" ކަމަށް ފާހަގަކުރައްވައި، އެ އިންޒާރުތަކަށް އެއްވެސް ފަރުވާލެއް ނުބަހައްޓަވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އިސްލާމީ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ޔުރޭނިއަމް މުއްސަނދިކުރުން ހުއްޓައިލުމަކީ އީރާނުގެ އަމިއްލަ ނިއުކްލިޔަރ ސިނާއަތުގެ ކުރިއެރުމަށް އެޅޭނެ ބޮޑު ހުރަހެކެވެ. އަދި އެ ސިނާއަތަކީ ޤައުމުގެ ޢިލްމީ އަދި ޓެކްނޮލޮޖީގެ ތަރައްޤީގެ މައިބަދަ ކަމުގައިވެސް އޭނާ ސިފަކުރެއްވިއެވެ.
އީރާނުން މިފަދަ ހަރުކަށި ރައްދެއް ދީފައި މިވަނީ، ދުނިޔޭގެ ތެލުގެ ވިޔަފާރީގެ މުހިންމު މަގެއް ކަމަށްވާ ހުރްމުޒް ކަނޑުއޮޅިން ދަތުރުފަތުރުގެ މިނިވަންކަން އަލުން ޤާއިމުކުރުމަށާއި، ސަރަޙައްދީ ހަމަނުޖެހުންތަކަށް ސިޔާސީ ޙައްލެއް ހޯދުމަށް އެމެރިކާ އާއެކު ހުށަހެޅުންތައް ބަދަލުކުރެވެމުންދާ ދަނޑިވަޅެއްގައެވެ.
ކަނޑައެޅޭ ޝަރުތުތަކެއްގެ މަތިން ހަތް ދުވަހުގެ ތެރޭގައި ހުރްމުޒް އަލުން ހުޅުވައިލުމަށް އީރާނުން ހުށަހެޅި ހުށަހެޅުމާ ގުޅިގެން އެމެރިކާއިން ދިން ޖަވާބަށް، ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި އީރާނުން ރައްދު ދޭނެ ކަމަށް އެ ޤައުމުގެ ޚާރިޖީ ވަޒީރު އައްބާސް ޢަރާޤްޗީ ވަނީ ވިދާޅުވެފައެވެ. މި މަސައްކަތްތަކުގެ ތެރެއިން ނިއުކްލިޔަރ މައްސަލައިގެ އިތުރުން ސަލާމަތީ އަދި ކަނޑުދަތުރުފަތުރުގެ މިނިވަންކަމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާތައް ދަނީ ކުރެވެމުންނެވެ.
މި މައްސަލައިގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުރާސްފަތި ދުވަހު ވިދާޅުވެފައިވަނީ، އެމެރިކާއިން އީރާނާއެކު އައު ނަތީޖާތަކެއް ނެރެވޭފަދަ މަޝްވަރާތަކެއް ކުރަމުންދާ ކަމަށާއި، އަންނަ ނޮވެމްބަރު މަހު ބާއްވާ އެމެރިކާގެ މިޑްޓަރމް އިންތިޚާބުގެ ކުރިން އީރާނަށް އެއްވެސް އަސްކަރީ ހަމަލާއެއް ނުދޭނެ ކަމަށެވެ.
އެމެރިކާއާއި ޔަހޫދީންގެ ނިރުބަވެރި ދައުލަތުގެ އިތުރުން ހުޅަނގުގެ ޤައުމުތަކުން ތުހުމަތުކުރާ ގޮތުގައި، އީރާނުން މަސައްކަތް ކުރަމުންދަނީ ނިއުކްލިޔަރ ހަތިޔާރު އުފެއްދުމުގެ ޤާބިލުކަން ހޯދުމަށެވެ. އެ ޤައުމުތަކުން ފާހަގަކުރާ ގޮތުގައި އިރާނުން ޔުރޭނިއަމް 60 އިންސައްތައަށް މުއްސަނދިކުރަމުން ދިއުމަކީ މަދަނީ ބޭނުންތަކަށްވުރެ މާ މަތީ މިންވަރެކެވެ. ނަމަވެސް އެއީ ހަތިޔާރު އުފެއްދުމަށް ބޭނުންވާ 90 އިންސައްތައަށްވުރެ އަދިވެސް ދަށް ޢަދަދެކެވެ.
މި ތުހުމަތުތައް ދޮގުކުރަމުން އީރާނުން ބުނަމުންދަނީ އެ ޤައުމުގެ ނިއުކްލިޔަރ ޕްރޮގްރާމަކީ ހަމައެކަނި މަދަނީ ބޭނުންތަކަށް ޚާއްސަ ޕްރޮގްރާމެއް ކަމަށެވެ. އަދި ފުޅާ ދާއިރާއެއްގެ އެއްބަސްވުމަކަށް އާދެވިއްޖެނަމަ، އެންމެ މަތީ މިންވަރަށް މުއްސަނދިކޮށްފައިވާ ޔުރޭނިއަމްގެ ބާރު ދަށްކުރުމަށް ތައްޔާރަށް އޮތް ކަމުގެ އިޝާރާތެއްވެސް އީރާނުން ކުރިން ވަނީ ދީފައެވެ.