ޚަބަރު

ދުނިޔޭގެ އިޤްތިޞާދީ ދުވެލި 2.6 އިންސައްތައަށް ދަށަަށް!


މެދުއިރުމަތީގެ ހަނގުރާމައާއި ހަކަތައިގެ ބާޒާރަށް އަންނަމުންދާ ލޮޅުންތަކުގެ ސަބަބުން، ދުނިޔޭގެ އިޤްތިޞާދީ ކުރިއެރުން 2.6 އިންސައްތަ އަށް ދަށްވާނެ ކަމަށް ލަފާކޮށްފިއެވެ.

މެދުއިރުމަތީގައި ހިނގަމުންދާ ނުރައްކާތެރި ހަނގުރާމައާއި ޔަހޫދީންގެ ޢުދުވާންތަކުގެ ސަބަބުން، ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ކުރިމަތިވެފައިވާ ލޮޅުންތަކާއެކު، 2026 ވަނަ އަހަރު ދުނިޔޭގެ އިޤްތިޞާދީ ކުރިއެރުން 2.6 އިންސައްތައަށް ދަށްވާނެ ކަމަށް އދ. ގެ ވިޔަފާރިއާއި ތަރައްޤީއާ ބެހޭ އިދާރާ 'ޔޫ.އޭން.ސީ.ޓީ.އޭ.ޑީ' އިން ހާމަކޮށްފިއެވެ.

ނިމިދިޔަ އަހަރު ދުނިޔޭގެ އިޤްތިޞާދު 2.9 އިންސައްތައިގައި ކުރިއަރާފައިވީ ނަމަވެސް، މެދުއިރުމަތީގެ މަސްރަޙު ނުތަނަވަސްވެ، ހަނގުރާމައިގެ ނުރައްކާ އީރާނާ ހަމައަށް ފުޅާވަމުން ދިއުމަކީ މުޅި ދުނިޔޭގެ އިޤްތިޞާދަށް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެކެވެ. 2025 ވަނަ އަހަރު ދުނިޔޭގެ ވިޔަފާރީގެ މިންވަރު ރެކޯޑު އަދަދެއް ކަމަށްވާ 35 ޓްރިލިއަން އެމެރިކާ ޑޮލަރަށް އަރައި، މުދަލާއި ޚިދުމަތުގެ ވިޔަފާރި 4 އިންސައްތައިން ކުރިއަރާނެ ކަމަށް ލަފާކުރެވުނު ނަމަވެސް، މިއީ މައިގަނޑު ގޮތެއްގައި އިންފްލޭޝަނާއި ތެލުގެ އަގު އުފުލުމުގެ ސަބަބުން ފެންނަ ކުރިއެރުމެއް ކަމަށް އަންކްޓާޑުން ފާހަގަކުރެއެވެ.

އެ އިދާރާގެ ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، 2024 ވަނަ އަހަރުން ފެށިގެން ޗައިނާއާއި އެމެރިކާއާ ދެމެދު ކުރެވޭ ސީދާ ވިޔަފާރި ވަނީ 20 އިންސައްތައަށްވުރެ ދަށަށް ގޮސްފައެވެ. ނަމަވެސް، އިރުމަތީ އޭޝިއާގެ ޤައުމުތަކުން ވަނީ ޗައިނާއާއި އުތުރު އެމެރިކާއާއެކު ބާއްވާ ވިޔަފާރީގެ ގުޅުން އިތުރަށް ވަރުގަދަކޮށްފައެވެ. މުދާ ބޭރުކުރުމުގައި އަޅަމުންދާ ފިޔަވަޅުތަކާއި، އިންވެސްޓްމަންޓްތައް ބެލެހެއްޓުމުގައި ގެންގުޅޭ ހަރުކަށި އުޞޫލުތަކުގެ ސަބަބުން، މުހިންމު ދާއިރާތަކަށް އަލަށް ވަންނަން މަސައްކަތްކުރާ ޤައުމުތަކަށާއި ކުންފުނިތަކަށް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައެވެ.

ރިޕޯޓުގައި ވާގޮތުން، 2026 ވަނަ އަހަރު ދުނިޔޭގެ އިޤްތިޞާދީ ކުރިއެރުމުގެ 59 އިންސައްތަ ހިއްސާކުރާނީ އޭޝިއާ ބައްރެވެ. އެގޮތުން އިންޑިއާގެ އިޤްތިޞާދު 7.3 އިންސައްތައިގައި، އިންޑޮނޭޝިއާ 5.2 އިންސައްތައިގައި، އަދި ޗައިނާގެ އިޤްތިޞާދު 4.5 އިންސައްތައިގައި ކުރިއަރާނެ ކަމަށް ލަފާކޮށްފައިވެއެވެ.

އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އާއި ސެމީކޮންޑަކްޓަރުގެ ޞިނާޢަތަކީ ވިޔަފާރީގެ މައިގަނޑު ބާރަކަށް ވެފައިވީ ނަމަވެސް، މި ދާއިރާގެ ކުރިއެރުމުގެ ފައިދާ މުޅި އިޤްތިޞާދަށް ހަމަހަމަކޮށް ނުފޯރާނެ ކަމުގެ އިންޒާރު އެ އިދާރާއިން ވަނީ ދީފައެވެ. އަދި މި ބާޒާރު މަދު ކުންފުނިތަކެއްގެ މައްޗަށް ބަރޯސާވެފައި އޮތުމަކީ މާލީ ހަމަޖެހުމަށް އޮތް ނުރައްކަލެއް ކަމަށްވެސް ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން، ވޯލްޑް ބޭންކުންވެސް ވަނީ މެދުއިރުމަތީގެ މަސްރަޙަށް އަންނަ ބަދަލުތަކާ ގުޅިގެން، ދުނިޔޭގެ އިޤްތިޞާދީ ކުރިއެރުން 2.5 އިންސައްތައަށް ދަށްވާނެ ކަމަށް ލަފާކޮށްފައެވެ. އަދި މަސްރަޙު އިތުރަށް ގޯސްވެއްޖެ ޙާލަތެއްގައި އެ މިންވަރު 1.3 އިންސައްތައަށް ވެއްޓިދާނެ ކަމަށް އިންޒާރުދީފައިވެއެވެ. އިންޓަނޭޝަނަލް މޮނިޓަރީ ފަންޑު (އައިއެމްއެފް) އިން ދުނިޔޭގެ އިޤްތިޞާދު 3 އިންސައްތައިގައި ކުރިއަރާނެ ކަމަށް އަންދާޒާކުރި ނަމަވެސް، ސަރަޙައްދީ ހަނގުރާމަތަކާއި، ވިޔަފާރީގެ ބައިބައިވުންތަކުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތައް ބޮޑުކަން އެ އިދާރާއިންވެސް ވަނީ ފާހަގަކޮށްފައެވެ.