ޣައްޒާގައި ހިލޭ ސާބަހަށް މަސައްކަތް ކުރާ އެމެރިކާގެ ޖަމްޢިއްޔާއަކުން ޣައްޒާގެ ކުލާސްތަކުގައި ދެކެވޭ ވާހަކަތައް ރެކޯޑުކޮށް، ރުޅިވެރިކަމަށް ހިތްވަރުދޭ ވާހަކަތައް ކަމަށް އެ ޖަމްޢިއްޔާއިން ދެކޭ ވާހަކަތައް ދެނެގަތުމަށް އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކުރުމަށް ނިންމުމުން ފާޑުކިޔުންތައް އަމާޒުވެއްޖެއެވެ.
މިދިޔަ މަހުގެ ތެރޭގައި ބޭއްވި ވެބިނާއެއްގައި ޣައްޒާ ޗިލްޑްރެން ވިލެޖުގެ ބާނީ އަދި ސީއީއޯ، ޑރ ޑޭވިޑް ހަސަން ވަނީ ކުލާސްތަކުގައި ޔަހޫދީންނާ ދެކޮޅަށް ދެކެވޭ ވާހަކަތަކާއި، ރުޅިވެރިކަން އުފެދޭ ގޮތަށް ދެކެވޭ ވާހަކަތައް އޭއައިއިން ދެނެގަނެ، ޑރ ހަސަންއަށް އެލާޓުތައް ފޮނުވާނެ ކަމަށް ބުނެފައެވެ. އެލާޓު ލިބުމުން ޑރ ހަސަން މަދަރުސާގެ މުދައްރިސުންނާ ވާހަކަ ދައްކައި، ކަން ހިނގައި ދިޔަ ގޮތާ ގުޅޭ ގޮތުން މަޝްވަރާކޮށް ރަނގަޅު ކުރެވިދާނެ ކަންކަން ޙިއްޞާ ކުރާނެ ކަމަށް ވަނީ ބުނެފައެވެ. އެ ރެކޯޑިންގތައް ރައްކާކޮށްފައި ހުންނާނީ 72 ގަޑިއިރަށް ކަމަށް ވެސް ބުނެފައިވެއެވެ.
ޑރ ހަސަން ހާމަކުރި ރޭވުންތަކާ ގުޅޭގޮތުން ހައްޤުތަކަށް ވަކާލާތުކުރާ ބައެއް ޖަމްޢިއްޔާތަކާއި، ޣައްޒާ ޗިލްޑްރެން ވިލެޖާއެކު މަސައްކަތްކުރާ ބައެއް ބައިވެރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ކުލާހުގެ މަންޒަރުތައް ރެކޯޑުކޮށް މަޢުލޫމާތު އެއްކުރުމުން ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ހުރަސްއެޅޭ ކަމަށް އެ ޖަމްޢިއްޔާތަކުން ފާހަގަކުރެއެވެ. ޣައްޒާއަށް ޔަހޫދީން ޢުދުވާނީ ހަމަލާތައް ދެމުންދާއިރު، ޔަހޫދީ އަސްކަރިއްޔާއިން މީގެ ކުރިން ވެސް ބައެއް ވީޑިޔޯއާއި މަޢުލޫމާތު ހުއްދައާ ނުލައި ބަލައި، އޭއައި ބޭނުންކޮށްގެން ހަމަލާ ދޭނެ އަަމާޒުތައް ފާހަގަކޮށް ހަމަލާތައް ދީފައިވާ ކަމަށް ވެސް އެ ޖަމްޢިއްޔާތަކުން ފާހަގަކޮށްފައިވެއެވެ.
ޣައްޒާ ޗިލްޑްރެން ވިލެޖުން ކުލާސްތަކުގައި ދެކެވޭ ވާހަކަތައް ރެކޯޑު ކުރަން ފަށާނީ ކޮން އިރަކުން ކަމެއް ސާފެއް ނުވެއެވެ. އަދި އެ މަސައްކަތް ކުރުމަށް ނިންމާފައިވާ ގޮތް މުދައްރިސުންނަށާއި ދަރިވަރުންނަށާއި ބެލެނިވެރިންނަށް ޙިއްޞާކޮށްފައިވާ ކަން ނުވަތަ ނޫން ކަން ވެެސް ސާފެއް ނުވެއެވެ.
ފަލަސްޠީނުގެ ހައްޤުތަކަށް ވަކާލާތުކުރާ ޖަމްޢިއްޔާއަކުން ވަނީ ޣައްޒާ ޗިލްޑްރެން ވިލެޖުން ޣައްޒާގައި ތަޢުލީމީ މަސައްކަތްތައް ކުރިއަށް ގެންދާ ގޮތާއި، އެ ޖަމްޢިއްޔާއިން ފަލަސްޠީނުގެ އިދާރާތަކަށާއި އދގެ އިދާރާތަކަށް ޖަވާބުދާރީވުމާ ގުޅޭ ގޮތުން ސުވާލު އުފައްދައިފައެވެ. އެ ޖަމްޢިއްޔާގެ ބޯޑު މެންބަރެއް ކަމަށްވާ ބިޝާރާ ބަހުބާ ވިދާޅުވީ ކުލާހެއްގައި ދަރިވަރުން ކުރިއަރާތޯ ނުވަތަ ނޫންތޯ ބެލުމަކީ މައްސަލައެއް ނޫން ކަމަށެވެ. ނަމަވެސް ދަރިވަރުންނާއި މުދައްރިސުން ޚިޔާލު ފާޅުކުރުމަށް ހުރަސްއަޅައި އެ މީހުންގެ އަޑު ކަނޑުވައިލުމަށް ކެމެރާ ބޭނުންކުރުމަކީ ބަލައިގަނެވޭ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ. އެ ޖަމްޢިއްޔާއިން އެ ފަދަ ރޭވުމެއް ރާވަމުން ދިޔަ ކަން ކުރިން އެނގިފައި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ޣައްޒާ ޗިލްޑްރެން ވިލެޖުގެ ރޭވުންތަކުގެ ސަބަބުން ފަލަސްޠީނުގެ ދަރިވަރުންނަށް ފޯރުކޮށްދޭ ތަޢުލީމުގެ މައްޗަށް ފަލަސްޠީނުގެ އިދާރާތަކަށް އޮތް ބާރު ކުޑަވާ ކަމަށް ވެސް ޖަމްޢިއްޔާތަކުން ފާހަގަކުރެއެވެ. އަދި އަންނަންހުރި ޖީލުތަކުގެ ވިސްނުމާއި ފިކުރު ބަދަލުކުރުމަށް ޣައްޒާ ޗިލްޑްރެން ވިލެޖުން މަސައްކަތް ކުރާ ކަމުގެ ކަމުގެ ތުހުމަތު ވެސް ޖަމްޢިއްޔާތަކުން ކޮށްފައިވެއެވެ.