އެފްރިކާގެ ފުޓުބޯޅަ މުބާރާތް ކޮންމެ ހަތަރު އަހަރުން ބާއްވަން ނިންމި ނިންމުމަށް ތަރުހީބު ކުޑަ ކަމަށާއި އެ ނިންމުން ބަދަލު ކުރަން މަޝްވަރާ ކުރަން ފަށާނެ ކަމަށް އެފްރިކާގެ ފުޓުބޯޅަ ޖަމިއްޔާއިން ބުނެފިއެވެ.
އެ ޖަމާއަތުގެ ރައީސް ޕެޓްރިސް މޮޓްސެޕޭ ވިދާޅުވީ 1957 ވަނަ އަހަރު ބާއްވަން ފެށި މުބާރާތަށް ގެނައި އެންމެ ބޮޑު ބަދަލު ގިނަ ބަޔަކަށް ކަމު ނުދާ ކަމަށެވެ.
"އަހަރުމެން ވާނީ މިދިޔަ ދުވަސްތަކުގައި ކަންކަން ބަދަލުވަމުންދިޔަ ގޮތާމެދު މަޝްވަރާ ކޮށްފައި. މީގެ ތެރޭގައި އެފްރިކާ ކަޕް ކޮންމެ ދެ އަހަރުން ބޭއްވުން ވެސް ހިމެނޭ. ކޮންމެ ހަތަރު އަހަރުން މުބާރާތް ބާއްވަން ބަދަލު ކުރީމާ އެކަމަށް ތަރުހީބު ވަރަށް ކުޑަ،" މޮޓްސެޕޭ ވިދާޅުވި އެވެ.
އެފްރިކާގެ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތް 2028 ވަނަ އަހަރުގެ މުބާރާތަށް ފަހު ދެން ބާއްވާނީ ކޮންމެ ހަތަރު އަހަރަކުން ކަމަށް ނިންމައި އިއުލާނު ކުރީ ހުސްވި ޑިސެމްބަރު މަހު ބޭއްވި އެފްރިކާގެ ގައުމުތަކުގެ އަހަރީ އާއްމު ޖަލްސާގައެވެ.
މި ގޮތުން ނިންމާފައިވަނީ 2027 ވަނަ އަހަރުގެ މުބާރާތަށް ފަހު 2028ގައި ވެސް މި މުބާރާތް ބާއްވައި ދެން މުބާރާތް ބާއްވާނީ 2032ގައި ކަމަށެވެ.
އޭރު މޮޓްސެޕޭ ވިދާޅުވީ މިއީ ދުނިޔޭގެ އެހެން ބައްރު ތަކުގައި ސަރަހައްދީ މުބާރާތް ބާއްވާ އުސޫލަށް މުބާރާތް ބާއްވަން ގެނައި ބަދަލެއް ކަމަށެވެ. އޭނާ އިޝާރާތް ކުރެއްވީ ދެކުނު އެފްރިކާގެ ފުޓުބޯޅަ މުބާރާތާއި ޔޫރޯ ފުޓުބޯޅަ މުބާރާތަށެވެ. ކޮޕާ އެމެރިކާ އާއި ޔޫރޯ ބާއްވަނީ ކޮންމެ ހަތަރު އަހަރަކުންނެވެ. މިއާ ހިލާފަށް އެފްރިކާ ކަޕް ބާއްވަނީ ކޮންމެ ދެ އަހަރަކުން ކޮންމެ ޑިސެމްބަރު އަދި ޖެނުއަރީ މަހުއެވެ. މިއީ ޔޫރަޕުގެ ލީގުތަކުގައި ކުޅޭ އެފްރިކާގެ ކުޅުންތެރިންނާއި އެ ކުޅުންތެރިން ނިސްބަތްވާ ކުލަބުތަކުން ވަރަށް ބޮޑަށް ނުރުހުން ފާޅު ކުރާ ކަމެކެވެ. ސަބަބަކީ ސީޒަނުގެ އެންމެ މުހިންމު ވަގުތު މަހެއްހާ ދުވަހަށް ކުޅުންތެރިން ގައުމީ ޓީމަށް ދޫކޮށްލަން ޖެހޭތީއެވެ.
އެފްރިކާ ކަޕް ހަތަރު އަހަރުން ބާއްވަން ނިންމުމުން އެ ކަމަށް އެންމެ ފުރަތަމަ ފާޑުކިޔަން ފެށި ކޯޗަކީ މިސުރުގެ ކޯޗު ހޮސާމް ހަސަންއެވެ.
"މި މުބާރާތް ޔޫރަޕުގެ ކުލަބުތަކުން ބަލާ. އެ މީހުން މޮނިޓަރ ކުރޭ. އަދި މިއީ އެފްރިކާގެ ކުޅުންތެރިން ޔޫރަޕަށް ދިއުމަށް ވެސް ރަނގަޅު ފުރުސަތެއް. އެހެންވީމާ އަހަރެން ދެކޭ ގޮތުގައި ޔޫރަޕުގެ ކުލަބުތަކުގެ ޝައުގުވެރިކަން ބޮޑު ކުރަން މި މުބާރާތް ކޮންމެ ދެ އަހަރަކުން ބާއްވަން ޖެހޭ،" ހޮސާމް ބުންޏެވެ.