އައިއެސްއާއި ދެކޮޅަށް ޢިރާޤު ސިފައިން ކުރިއަށްގެންދާ އަސްކަރީ އޮޕަރޭޝަނުގައި އެޖަމާޢަތުގެ ބާރުގެ ދަށުގައިވާ ގިނަ ޝަހަރުތަކެއް މިނިވަންކޮށްފިއެވެ.
ޢިރާޤު ސިފައިން ފަށާފައިވާ އޮޕަރޭޝަނުގައި އެޤައުމުގެ ތާރީޚީ ޝަހަރެއް ކަމަށްވާ ނިމްރޫދް މިނިވަންކޮށްފައިވަނީ އާދީއްތަ ދުވަހުއެވެ. ޢިރާޤު ސަރުކާރުގެ ކޮންޓްރޯލްގެ ދަށަށް ނިމްރޫދް ގެނެސްފައިމިވަނީ އެ ޝަހަރު އައިއެސް ހަނގުރާމަވެރިންގެ އަތް ދަށުގައި އޮންނަތާ ދެ އަހަރު ދުވަސް ފަހުންނެވެ. ޢިރާޤު ސިފައިން ނިމްރޫދު މިނިވަން ކުރުމަށްފަހު އެ ޝަހަރުގެ ރަސްމީ އިދާރާތަކުގައި ވަނީ ޢިރާޤުގެ ޤައުމީ ދިދަ ނަގާފައެވެ.
އައިއެސް ހަނގުރާމަވެރިންގެ އަތްދަށުގައި ނިމްރޫދް އޮތް ދުވަސްވަރު އެ ޝަހަރުގެ މުހިންމު ތަންތަނަށް އެޖަމާޢަތުން ވަނީ ބޮޑެތި ގެއްލުންތަކެއް ދީފައެވެ. އެގޮތުން އެ ޝަހަރުގައި ހުރި ވަރަށް ގިނަ ޤަދީމީ އާސާރުތައް ވަނީ ގޮއްވާލާފައެވެ.
މީގެ އިތުރުން، އިރާޤުގެ އެހެން ޤަދީމީ ޝަހަރެއް ކަމަށްވާ ނުޢުމާނިއްޔާވެސް ޢިރާޤު ސިފައިން ވަނީ މިނިވަންކޮށްފައެވެ. އަދި އިރާޤު ސިފައިންގެ ބާރުގެ ދަށަށް ގެނެސްފައިވާ ހައްމާމް އަލް އަލީލަށް މިހާރު ދަނީ ހަނގުރާމައިގެ ސަބަބުން އެޝަހަރު ދޫކޮށްދިޔަ ވަޒަންވެރިން އެނބުރި އަންނަމުންނެވެ. ނަމަވެސް މި މީހުންނަށް ކާބޯތަކެތި ލިބޭނެ އިންތިޒާމެއް އަދި ހަމަޖެހިފައެއް ނުވެއެވެ. އަދި އެމީހުން އެނބުރި އައި ނަމަވެސް އެމީހުންނަށް އާމްދަނީ ލިބޭނެ އެއްވެސް ގޮތެއް ވެސް ނެތެވެ.
އައިއެސް ޖަމާޢަތުގެ އަތް ދަށުގައި ހައްމާމް އަލް އަލީލް އޮތް ދުވަސްވަރުގައި އެ ޝަހަރުގައި ހިންގާފައިވާ ޤަތުލްޢާންމުތަކުގައި މަރާލާފައިވާ މީހުން ވަޅުލާފައިވާ ވަޅުތަކެއްވެސް މިހާރު ވަނީ ފެނިފައެވެ. އެޖަމާޢަތުގެ ހަނގުރާމަވެރިން އެޝަހަރު ދޫކޮށް ދަމުން 1,600 އަށް ވުރެ ގިނަ ޢާއްމުން ރަހީނު ކޮށްގެން ގެންގޮސްފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
އިރާޤުގެ 2 ވަނައަށް އެންމެ ބޮޑު ޝަހަރު ކަމަށްވާ މޫސުލް މިނިވަން ކުރުމަށް ފަށާފައިވާ އަސްކަރީ އޮޕަރޭޝަނުގައި އެޝަހަރު ވަށައިގެންވާ ގިނަ ސަރަޙައްދުތައް މިހާރު ވަނީ ޢިރާޤު ސިފައިންގެ ބާރުގެދަށަށް ގެނެސްފައެވެ. އައިއެސް ޖަމާޢަތުގެ ބާރުގެ ދަށުގައިވާ ޢިރާޤުގެ ސަރަޙައްދުތަކުގައި އެއް މިލިއަނަށްވުރެ ގިނަ ރައްޔިތުން އަދިވެސް ދިރިއުޅެމުންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ.