ބައިނަލްއަޤުވާމީ ބްރޭކަށްފަހު އެނބުރި އައިސް އޮޑި ސްޕޯޓްސް ކުލަބުގެ ކުޅުންތެރިންގެ ފަރާތުން ރަނގަޅު ގިނަ ކަންތައްތަކެއް ފެނުނު ކަމަށާއި ދެއްކި ކުޅުމާއިމެދު ވަރަށް ހިތްހަމަޖެހޭކަމަށް އެޓީމުގެ އައު ކޯޗު، އާޖެންޓީނާގެ ޔުއެފާ ޕްރޯ ލައިސަންސް ކޯޗު ލޫސިއާނޯ ތެއިލާ ބުނެފިއެވެ.
ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި އޮޑިން ހުކުރު ދުވަހުގެރޭ ގައްދޫ ރެކްރިއޭޝަން ކުލަބާ ދެކޮޅަށް ކުޅެ 0-4 ގެ ނަތީޖާއަކުން ވަނީ މޮޅުވެފައެވެ. މިއީ އައު ކޯޗު، ލޫސިއާނޯގެ އިރުޝާދުގެ ދަށުން އޮޑިން ކުޅުނު ފުރަތަމަ މެޗެވެ.
އޮޑިން މި ސީޒަން ފެށީ ޕޯޗުގަލްގެ ރުއީ ގްރެގޯރިއޯގެ އިރުޝާދުގެ ދަށުންނެވެ. އޭނާ ޓީމާ ހަވާލުވީ ކަޕް ވިނާސް ކަޕުގެ ތެރެއިންނެވެ. އެކަމަކު ދެ މެޗު އޮޑިއަށް އިރުޝާދު ދިނުމަށްފަހު، ކްލަބާ އޭނާއާއެކު ހަދާފައިވާ އެއްބަސްވުން ދެ ފަރާތުން މަޝްވާރާ ކުރުމަށްފަހު ވަނީ ނިމުމަކަށް ގެނެސްފައެވެ.
އައު ކޯޗުގެ އިރުޝާދުގެ ދަށުން ކުޅުނު ފުރަތަމަ މެޗުގައި އޮޑިން ފުރިހަމަ މޮޅެއް ހޯދިއިރު މެޗަށްފަހު "ޕީއެސްއެމް ނިއުސް" އާ ވާހަކަދައްކަމުން ލޫސިއާނޯ ބުނީ، ޓީމުގެ ކުޅުމާއިމެދު ވަރަށް އުފާވާ ކަމަށާއި ކުޅުންތެރިން ދެއްކި ކުޅުމާމެދު ވަރަށް ހިތްހަމަޖެހޭ ކަމަށެވެ.
"ވަރަށް އުފާވެފަ މިހުރީ. ޕާފޯމަންސް ހަމަ ވަރަށް ރަނގަޅު. ނަތީޖާވެސް ވަރަށް ޕޮޒިޓިވްކޮށް މިފެނުނީ އަހަރެންގެ ފުރަތަމަ މެޗުގައި. ކުޅުންތެރިން ވަރަށް މޮޅަށް ކުޅުނު. މުޅި ގޭމް ކޮންޓްރޯލްކުރީ އަހަރުމެން. ދެން ވަރަށް ބޮޑު އެހީތެރިކަމެއް މެޗުގައި ލިބުނު އިދިކޮޅު ޓީމުގެ ކުޅުންތެރިއަކަށް މެޗުގެ ކުރީކޮޅު ރަތްކާޑެއް ދެއްކީމަ. ރަނގަޅު ކަންތައްތަކެއް ޓީމުގެ ފަރާތުން ފެނިގެންދިޔަސް، ރަނގަޅުކުރަންޖެހޭ ބައެއް ކަންކަން ވެސް އެބަހުރި ދެން އަންނަ މެޗަކަށް". ކޯޗު ލޫސިއާނޯ ބުންޏެވެ.
މެޗުގައި އިތުރު ލަނޑުތަކެއް ޖަހައި ބޮޑު މޮޅެއް ހޯދޭނެކަމަށް އުންމީދު ކުރެވުނު ކަމަށާއި އެހެންނަމަވެސް މެޗުގެ ކުރީކޮޅު މުޅި ޓީމުވެސް ވަރަށް ބޮޑަށް ދަނޑުމަތީގައި ދުވުމުން އެކަމުގެ ވަރުބަލިކަން ކުޅުންތެރިންގެ ފަރާތުން މެޗުގެ ބާކީބައިގައި ފެނިގެންދިޔަކަން ކޯޗު ފާހަގަކުރިއެވެ.
އެހެންކަމުން މިފަދަ ކަންކަމަކީ ކުރިއަށް ހުރި މެޗުތަކަށް ރަނގަޅުކުރަންޖެހޭ ކަންތައްތަކެއް ކަމަށާއި، އިތުރު ކާމިޔާބީއާއި ކުރިއެރުން ބޭނުންވާނަމަ، ތަމްރީނުތަކުގައި މިކަންކަން ރަނގަޅުކުރަން މަސައްކަތްކުރަންޖެހޭކަމަށް ކޯޗު ލޫސިއާނޯ ބުންޏެވެ.
އައު ކޯޗާއެކު ފުރަތަމަ މެޗުގައި އޮޑިން ގައްދޫގެ މައްޗަށް ކުރިހޯދިއިރު މިއީ އޮޑިން މި ސީޒަނުގެ ދިވެހި ލީގުގައި ކުޅުނު ތިންވަނަ މެޗެވެ. ލީގުގައި އޮޑީގެ ފުރަތަމަ މެޗުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަތުން 0-1 އިން ބަލިވިއިރު ދެވަނަ މެޗުގައި އޮޑިން ވަނީ ބުރު ސްޕޯޓްސް ކުލަބުގެ މައްޗަށް 1-4 ގެ ނަތީޖާއަކުން ކުރިހޯދާފައެވެ.
އޮޑިއަށް ކުޅުނު ތިން މެޗުން ހަ ޕޮއިންޓު ލިބިފައިވާއިރު އެޓީމުން ތިން މެޗުން 8 ލަނޑު ވަނީ ޖަހާފައެވެ.
އޮޑިއަށް ލީގުގައި ކުރިއަށް ދެން އޮތީ ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބާ ދެކޮޅަށް ކުޅެން އޮތް މެޗެވެ. އެ މެޗު އޮންނާނީ މި މަހުގެ 15 ވަނަ ދުވަހުގެރޭ 21:00 ގައި، ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑުގައެވެ.