ޚަބަރު

ފުރަތަމަ 9 މަސް: ބީއެމްއެލް މެދުވެރިކޮށް ރާއްޖޭން ބޭރަށް 2.86 ބިލިޔަން ޑޮލަރު


  • މިއީ 373,600 އަށްވުރެ ގިނަ ރެމިޓަންސް މެދުވެރިކޮށް ކުރެވުނު މުއާމަލާތް

  • ފުރަތަމަ 9 މަސްދުވަހުގެ ތެރޭގައި ސާފު ފައިދާގެ ގޮތުގައި 1.93 ބިލިޔަން ރުފިޔާ

މި އަހަރުގެ ފުރަތަމަ 9 މަސްދުވަހު ބީއެމްއެލް މެދުވެރިކޮށް ރާއްޖޭން ބޭރަށް 2.86 ބިލިޔަން ޑޮލަރު ދޫކޮށްފައިވާކަމަށް އެ ކުންފުނީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. އެ ކުންފުނީގެ ތަފާސްހިސާބުތައް ދައްކާގޮތުން ބީއެމްއެލްއިން ދޫކުރާ ޑޮލަރުގެ އަދަދުތައް ދަނީ އިތުރުވަމުންނެވެ.

މިއަހަރުގެ ފުރަތަމަ 9 މަސްދުވަހު ބީއެމްއެލް މެދުވެރިކޮށް ރާއްޖޭން ބޭރަށް 2.86 ބިލިޔަން ޑޮލަރު ދޫކޮށްފައިވާއިރު މިއީ 373,600 އަށްވުރެ ގިނަ ރެމިޓަންސް މެދުވެރިކޮށް ކުރެވުނު މުއާމަލާތްކަމަށް ބީއެމްއެލްއިން ވިދާޅުވެއެވެ.

ބީއެމްއެލްއިން ވިދާޅުވީ މިއަހަރުގެ ފުރަތަމަ 9 މަސްދުވަހުގެ ތެރޭގައި ކަސްޓަމަރުންނަށް 722 މިލިޔަން ޑޮލަރުގެ ބޭރު ފައިސާ ދޫކޮށްފައިވާކަމަށެވެ. މިއީ މަހަކަށް ބަލާއިރު އެވްރެޖްކޮށް 80 މިލިޔަން ޑޮލަރެވެ. މިއީ 2025ވަނަ އަހަރުގެ މަހެއްގެ އެވްރެޖާއި އަޅާބަލާއިރު %31ގެ ކުރިއެރުމެކެވެ.

މި މުއްދަތުގެ ތެރޭގައި ކާޑުގެ މުއާމަލާތްތަކަށް ބަލާއިރު ދިވެހި ރުފިޔާއިން ދޫކޮށްފައިވާ ކާޑުތަކުން ރާއްޖެއިން ބޭރުގެ މުއާމަލާތްތަކަށް ކޮށްފައިވާ ހޭދައަށް މަހަކަށް އެވްރެޖްކޮށް 37 މިލިޔަން ދޮލަރު ހޭދަކޮށްފައިވެއެވެ. މިއީ 2025 ވަނަ އަހަރުގެ އެވްރެޖަށްވުރެ %15 އިތުރު އަދި 2022 ވަނަ އަހަރުގެ އެވްރެޖާއި އަޅާބަލާއިރު ގާތްގަނޑަކަށް 3 ގުނަ އިތުރު އަދަދެކެވެ.

އަހަރުގެ ފުރަތަމަ 9 މަސްދުވަހު ދިވެހި ރުފިޔާއިން ކޮށްފައިވާ ކާޑުތަކުން ބޭރުގެ މުއާމަލާތްތަކަށް ކުރެވުނު ޖުމްލަ ހޭދައަކީ 336 މިލިޔަން ޑޮލަރުކަށް ބީއެމްއެލްއިން ވަނީ ވިދާޅުވެފައެެވެ. އެގޮތުން އީ-ކޮމާސް ވިޔަފާރިތަކަށް 208 މިލިޔަން ޑޮލަރު، ޕީއޯއެސް މުއާމަލާތްތަކަށް 93 މިލިޔަން ޑޮލަރު އަދި ރާއްޖެއިން ބޭރުގެ އޭޓީއެމްތަކުން ނަގާފައިވާ ނަގުދު ފައިސާ 34 މިލިޔަން ޑޮލަރަށް އަރާކަމަށް ބީއެމްއެލްއިން ވިދާޅުވެއެވެ.

ޓެލެގްރަފިކް ޓްރާންސްފަރ (ޓީޓީ) ތަކަށް މިއަހަރުގެ ފުރަތަމަ 9 މަސްދުވަހުގެ ތެރޭގައި 224 މިލިޔަން ޑޮލަރު ވަނީ ދޫކޮށްފައެވެ. މިއީ 2025 ވަނަ އަހަރު ދޫކުރި 175 މިލިޔަން ޑޮލަރަށްވުރެ %28 އިތުރު އަދަދެކެވެ.

ދަތުރުފަތުރަށް ދޫކުރި ނަގުދު ފައިސާގެ އަދަދަށް ބަލާއިރު 86 މިލިޔަން ޑޮލަރު ވަނީ ބީއެމްއެލްއިން ދޫކޮށްފައެވެ. މީގެތެރެއިން 5.8 މިލިޔަން ޑޮލަރު ދޫކޮށްފައިވަނީ ހައްޖާއި އުމްރާގެ އަޅުކަމަށް ރާއްޖެއިން ބޭރަށް ދަތުރުކުރި ފަރާތްތަކަށެވެ.

ތައުލީމީ ބޭނުންތަކަށް އަހަރުގެ ފުރަތަމަ 9 މަސްދުވަހުގެ ތެރޭގައި 40 މިލިޔަން ޑޮލަރު ވަނީ ދޫކޮށްފައެވެ. މިއީ 2025 ވަނަ އަހަރާއި އަޅާބަލާއިރު %16 އިތުރު އަދަދެކެވެ. ސިއްހީ ބޭނުންތަކަށް މި މުއްދަތުގެ ތެރޭގައި 33 މިލިޔަން ރުފިޔާ ވަނީ ދޫކޮށްފައެވެ. މިއީ 2025 ވަނަ އަހަރު ދޫކުރި 14 މިލިޔަން ޑޮލަރާއި އަޅާބަލާއިރު 2 ގުނަ އިތުރު އަދަދެކެވެ.

މިއަހަރުގެ ފުރަތަމަ 9 މަސްދުވަހުގެ ތެރޭގައި ސާފު ފައިދާގެ ގޮތުގައި 1.93 ބިލިޔަން ރުފިޔާ ލިބިފައިވާކަމަށް ބީއެމްއެލްގެ އަހަރީ ރިޕޯޓުން ދައްކައެވެ. މިއީ އެ ބޭންކުގެ ތާރީޚުގައިވެސް އެންމެ ކާމިޔާބު 9 މަސްދުވަހުގެ ގޮތުގައި ބީއެމްއެލްއިން ވަނީ ފާހަގަކޮށްފައެވެ.