ޚަބަރު

"އަމާޒަކީ ދުރާލައި ބަލި ދެނެގަނެވި ނަފުސާނީ ފަރުވާގެ ނިޒާމު ހަރުދަނާކުރުން"


  • ރައްޔިތުންނަށް ފަސޭހައިން ޚިދުމަތް ލިބޭނެ އަދި އިންސާފުވެރި ނިޒާމެއް ބިނާކުރައްވާނެ

  • ސިޔާސަތުތަކާއި ޤާނޫނީ އިސްލާހުތައް ގެނައުމުގެ މަސައްކަތް ދަނީ ކުރައްވަމުން

އަދުގެ ސަރުކާރުގެ އަމާޒަކީ ދުރާލާ ބަލި ދެނެގަނެވި ނަފުސާނީ ފަރުވާގެ ނިޒާމު އިތުރަށް ހަރުދަނާކުރުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ދުނިޔޭގެ ނަފުސާނީ ދުޅަހެޔޮކަމުގެ ދުވަހާ ގުޅުވައިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ދިވެހިރާއްޖޭގެ ނަފުސާނީ ދުޅަހެޔޮކަމުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް، ރައްޔިތުންނަށް ފަސޭހައިން ލިބޭނެ އަދި އިންސާފުވެރި ނިޒާމެއް ބިނާކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި މި މަސައްކަތް ކުރައްވާނީ ނަފްސާނީ ގޮތުން ދަތިތައް ތަޖުރިބާކޮށްފައިވާ ފަރާތްތަކުގެ މަޝްވަރާ އާއި ބައިވެރިވުމުގެ މައްޗަށް ބިނާކޮށް، އަދި ރައްޔިތުންގެ ބޭނުންތަކާ އެއްގޮތްވާ ގޮތުގެ މަތިންކަމަށްވެސް ވިދާޅުވިއެވެ.

މި އަމާޒަށް ވާސިލްވުމަށްޓަކައި 2025 އިން 2029އަށް އެކުލަވާލާފައިވާ ނަފްސާނީ ދުޅަހެޔޮކަމުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭނުގެ ދަށުން ސިޔާސަތުތަކާއި ޤާނޫނީ އިސްލާހުތައް ގެނައުމުގެ މަސައްކަތް ކުރައްވަމުންދާކަން އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން ޤައުމީ ފެންވަރުގެ ނަފްސާނީ ސިޔާސަތަކާއި ނަފްސާނީ ސިއްހަތާބެހޭ ޤާނޫނެއް އެކުލަވައިލުމުގެ މަސައްކަތް ކުރިއަށްދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.


މީގެ އިތުރުން އާންމު ސިއްހީ ޚިދުމަތުގެ ތެރެއަށް ނަފްސާނީ ސިއްހީ ޚިދުމަތް އެކުލަވާލައި، ސަރަޙައްދީ އަދި ސްޕެޝަލިސްޓް ފަރުވާގެ ނިޒާމުތައް ހަރުދަނާކޮށް، ޓެލެ-މެންޓަލް ހެލްތާއި ކުއްލި ޙާލަތްތަކުގައި ފަރުވާ ދިނުމުގެ ނިޒާމު ތަރައްގީކުރައްވަމުންދާކަންވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުގެ އަމާޒަކީ، ނަފްސާނީ މައްސަލަތަކުން ރައްކާތެރިވުމާއި ބަލި ކުރީބައިގައި ދެނެގަނެ ފަރުވާދިނުމަށް އިސްކަންދިނުމާއި، ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތް ފަސޭހައިން ލިބޭނެ މަގުފަހިކޮށްދިނުން ކަމަށެވެ. އަދި އޯގާތެރި، އެކަކު އަނެކަކަށް އެހީވާނެ މުޖުތަމަޢެއް ބިނާކުރުމަކީވެސް ސަރުކާރުގެ އަމާޒެއް ކަމަށް ރައީސް ވިދާޅުވިއެވެ.