ޚަބަރު

ހަކަތައިގެ އަގާއި، ދަރަނި އަދި އޭއައިގެ ސަބަބުން އިޤްތިޞާދަށް ނުރައްކަލެއް


ހަކަތައިގެ އަގު އިންތިހާއަށް އުފުލުމާއި، އެކި ޤައުމުތަކުގެ ދަރަނި ރެކޯޑް މިންވަރަކަށް އިތުރުވެ، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި)އަށް ކުރާ އިންވެސްޓްމަންޓްތަކުގެ ސަބަބުން ދުނިޔޭގެ އިޤްތިޞާދަށް ބޮޑެތި ގޮންޖެހުންތަކަކާއި ނުރައްކާތަކެއް ކުރިމަތިވަމުންދާ ކަމަށް، އިންޓަރނޭޝަނަލް މަނިޓަރީ ފަންޑު (އައި.އެމް.އެފް) ގެ މެނޭޖިންގ ޑިރެކްޓަރ ކްރިސްޓަލީނާ ޖޯރޖިއޭވާ ބުދަ ދުވަހު އިންޒާރު ދެއްވައިފިއެވެ.

އަދި މި ނާޒުކު ހާލަތުން އަރައިގަތުމަށްޓަކައި، ޤައުމުތަކުގެ ސަރުކާރުތަކުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައި، ދެމެހެއްޓެނިވި މާލީ ސިޔާސަތުތަކެއް އެކަށައަޅައި ތަންފީޒުކުރުމަށް އޭނާ ވަނީ ގޮވާލައްވައިފައެވެ.

ތައިލެންޑުގެ ވެރިރަށް ބެންކޮކްގައި އަންނަ ހަފުތާގައި ފެށުމަށް ހަމަޖެހިފައިވާ އައި.އެމް.އެފް އަދި ވޯލްޑް ބޭންކުގެ އަހަރީ ބައްދަލުވުންތަކަށް އަލިއަޅުއްވާލައްވަމުން ޖޯރޖިއޭވާ ވިދާޅުވީ، މިހާރު ދުނިޔޭގެ އިޤްތިޞާދު ދަތުރުކުރަމުންދަނީ އެއްފަހަރާ ދެ މިސްރާބަކަށް ކަމަށެވެ. އެއީ މެދުއިރުމަތީގެ ހަމަނުޖެހުންތަކުގެ ސަބަބުން ހަކަތަ ފޯރުކޮށްދިނުމުގެ ނިޒާމަށް އެޅިފައިވާ ހުރަސްތަކާއި، އޭއައި ޓެކްނޮލޮޖީއާއެކު އުފެދެމުންދާ ޑިމާންޑުގެ ފިއްތުންތަކަށެވެ. މިއީ ދުނިޔޭގައި ތަކެތީގެ އަގުތައް އިތުރަށް މައްޗަށް ދިއުމަށް މެދުވެރިވާ މައިގަނޑު ދެ ސަބަބު ކަމުގައި އޭނާ ފާހަގަކުރެއްވިއެވެ.

"މި ދެ ބާރު އެކުވުމުން ދުނިޔޭގެ އެކި ކަންކޮޅުތަކަށް ކުރާ އަސަރު އިންތިހާއަށް ތަފާތު،" ޖޯރޖިއޭވާ ވިދާޅުވިއެވެ.

މީގެ އިތުރުން، އޭއައިގެ ކުރިއެރުންތަކުގެ ހަޤީޤީ މަންފާ ގިނަ ޤައުމުތަކަކަށް އަދިވެސް ވާސިލުނުވާކަން އޭނާ ފާހަގަކުރެއްވިއެވެ.

ބެންކޮކް ބައްދަލުވުމުގައި ހާމަކުރުމަށް ހަމަޖެހިފައިވާ އައި.އެމް.އެފްގެ އިޤްތިޞާދީ އަންދާޒާތަކަށް ބަލާއިރު، އިޤްތިޞާދީ ދުވެލި އެންމެ ބޮޑަށް މަޑުޖެހޭނީ ހަނގުރާމައިގެ ސީދާ އަސަރު ފޯރާފައިވާ ސަރަޙައްދުތަކަށެވެ. އޭގެ ތެރޭގައި، އަސާސީ އުމްރާނީ ވަޞީލަތްތައް ސުންނާފަތިވަމުންދާ ޔޫކްރޭނާއި، ހަމަލާތަކާއި ތެޔޮ ބޭރުކުރާ މިންވަރު މަދުވުމުގެ ސަބަބުން ލޮޅުންއަރާފައިވާ ގަލްފުގެ ޤައުމުތައް ހިމެނެއެވެ.

މިދިޔަ ޖުލައި މަހު އަންދާޒާކުރި މިއަހަރުގެ 3.0 އިންސައްތައިގެ އިޤްތިޞާދީ ކުރިއެރުމުގެ ދުވެއްޔަށް ސީދާ ބަދަލެއް އަންނާނެކަން ވިދާޅުނުވި ނަމަވެސް، 2027 ވަނަ އަހަރު އަންނަންވާއިރަށް ދުނިޔޭގެ އިޤްތިޞާދީ ކުރިއެރުން 3.4 އިންސައްތައަށް އަރާނެ ކަމަށް ވަނީ ލަފާކުރެވިފައެވެ.

ހުރްމުޒް ކަނޑުއޮޅިން ދަތުރުފަތުރުކުރުން ޖުލައި މަހު އަލުން ފެށި، 2027 ގެ މާޗް މަހާ ހަމައަށް އާންމު ހާލަތަކަށް ރުޖޫޢަވާނެ ކަމަށް ލަފާކުރެވުނު ނަމަވެސް، ސާފުނުކުރާ ތެލުގެ އަގު އަދިވެސް ހުރީ ފީފާއެއް 100 ޑޮލަރުގައެވެ. އަދި ތެޔޮ ސާފުކުރުމުގެ ޤާބިލުކަން ދަށްވުމުގެ ސަބަބުން ޑީސަލް ފަދަ ހަކަތައިގެ އަގު ވަނީ އުފުލިފައެވެ. މީގެ އިތުރުން، ކުރިއަށް އޮތް ފިނި މޫސުމުގައި ހަކަތައަށް އޮންނަ ޑިމާންޑް ބޮޑުވާނެތީއާއި، ޤުދުރަތީ ގޭސް އުފުލާ އުޅަނދުފަހަރަށް ހުރި ނުރައްކާތަކުގެ ސަބަބުން ގޭހުގެ ސަޕްލައި ވިއުގަތަކަށްވެސް ވަނީ ހުރަސްއެޅިފައެވެ.

"ގަލްފުގެ ހަނގުރާމަ އަވަހަށް ނިމުމަކަށް އައި ކަމުގައި ވީނަމަވެސް، ހަކަތައިގެ އަގު އުފުލިފައި އޮތުމުގެ މައްސަލަ ކުރިއަށް އޮތް ތަނުގައިވެސް ދެމިގެންދާނެ،" ޖޯރޖިއޭވާ ވިދާޅުވިއެވެ.

ބްރެންޓް ސާފުނުކުރާ ތެލުގެ އަގުތައް ދައްކާ ގޮތުގައިވެސް، 2027 އާ ހަމައަށް ތެލުގެ އަގު ދަށަށް ދިއުމުގެ ފުރުޞަތު ކުޑައެވެ.

އައި.އެމް.އެފްގެ 191 މެންބަރު ޤައުމުން މި ބައްދަލުވުމުގައި މަޝްވަރާކުރާނެ އަނެއް މުހިންމު މައްސަލައަކީ ދައުލަތްތަކުގެ ދަރަނި އިތުރުވުމުގެ މައްސަލައެވެ. ދެވަނަ ބޮޑު ހަނގުރާމައަށްފަހު ދުނިޔޭގެ ދަރަނި މިހާރު ހުރީ އެންމެ ނުރައްކާތެރި ފައްތަރެއްގައެވެ. އަދި 2030 ވަނަ އަހަރު އައުމުގެ ކުރިން، ދުނިޔޭގެ ޖީ.ޑީ.ޕީގެ 100 އިންސައްތައަށްވުރެ ދަރަނި އިތުރުވާނެ ކަމަށް ވަނީ އަންދާޒާކުރެވިފައެވެ. މި މައްސަލައިގައި އެންމެ ބޮޑު ޙިއްސާއެއް އޮތީ އެމެރިކާ އިސްވެ އޮތް ތަރައްޤީވެފައިވާ ޤައުމުތަކުގައެވެ.

"ދަރަނި ބޮޑުވެފައިވާ ކުރިއަރާފައިވާ ޤައުމުތަކުން، މާލީ ހަމަޖެހުމާއި ދަރަނި ކުޑަކުރުމުގެ ހަރުދަނާ ޕްލޭންތަކެއް ތަންފީޒުކުރުމަށް އަވަސް ފިޔަވަޅުތަކެއް ނާޅާތަން އަދިވެސް އަޅުގަނޑުމެންނަށް ފެންނަމުންދޭ،" އޭނާ ފާހަގަކުރެއްވިއެވެ.

ތަކެތީ އަގު އުފުލުމުގެ ނުރައްކާ ދެމިއޮތުމާއެކު، އެމެރިކާގެ ފެޑެރަލް ރިޒާވާއި، ޔޫރަޕިއަން ސެންޓްރަލް ބޭންކް (އީ.ސީ.ބީ) އަދި ބޭންކް އޮފް ޖަޕާނުން އިންޓަރެސްޓް ރޭޓް އަނެއްކާވެސް މަތިކުރުމުގެ ފުރުޞަތު އެބައޮތް ކަމަށް ވިދާޅުވަމުން، މަރުކަޒީ ބޭންކުތަކުގެ މިނިވަންކަން ދެމެހެއްޓުމަށް ޖޯރޖިއޭވާ ބާރުއެޅުއްވިއެވެ.

އޭއައި ދާއިރާއަށް ކުރާ އިންވެސްޓްމަންޓްތަކުގެ މިންވަރު، ކަރަންޓު އަދި މުވާސަލާތީ އުމްރާނީ ވަޞީލަތްތަކަށް ކުރާ ހޭދައަށްވުރެ އިތުރުވާނެ ކަމަށް ލަފާކުރެވޭއިރު، މިއާ ގުޅިފައިވާ ނުރައްކާތައްވެސް އިންތިހާއަށް ބޮޑެވެ. އޭއައި ކުންފުނިތަކުގެ އުފެއްދުންތެރިކަމާއި ނަތީޖާތައް ބާޒާރުގެ އުއްމީދުތަކާ އެއްވަރުނުވެއްޖެނަމަ، މާލީ ބާޒާރަށް "ބޮޑު ލޮޅުމެއް" އަތުވެދާނެ ކަމުގެ އިންޒާރު ޖޯރޖިއޭވާ ދެއްވިއެވެ.

ނަމަވެސް، އޭއައި ހަރުދަނާ އުޞޫލުތަކެއްގެ ދަށުން ބޭނުންކޮށްފިނަމަ، ކޮންމެ އަހަރަކު ދުނިޔޭގެ އިޤްތިޞާދީ ކުރިއެރުމަށް ބައި އިންސައްތަ އިތުރުކުރެވިދާނެ ކަމަށް އައި.އެމް.އެފްގެ ދިރާސާތަކުން ދައްކައެވެ. މިކަން ޙާޞިލުކުރުމަށްޓަކައި، މަސައްކަތްތެރިންގެ ވަޒީފާތަކަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށާއި، ސައިބަރ ރައްކާތެރިކަމާއި މާލީ ހަމަޖެހުމަށް ހުރި ގޮންޖެހުންތައް ކޮންޓްރޯލްކުރުމަށް ހަރުދަނާ އޮނިގަނޑެއް އެކުލަވާލުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި ސިޔާސީ ގޮތުން ދަތިތަކާ ކުރިމަތިވި ނަމަވެސް، މަސައްކަތްތެރިންގެ ހުނަރު އިތުރަށް ތަރައްޤީކުރުމާއި، ވިޔަފާރިތަކަށް ފަހި މާހައުލެއް ޤާއިމުކޮށްދިނުމުގެ އިތުރުން، ހަކަތައިގެ ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި ސަރުކާރުތަކުން އިޤްތިޞާދީ އިސްލާޙީ ފިޔަވަޅުތައް އަވަހަށް އަޅަންޖެހޭނެ ކަމަށް އައި.އެމް.އެފްގެ ވެރިޔާ ފާހަގަކުރެއްވިއެވެ.