32 ސްކޫލަކުން 800 އަށްވުރެ ގިނަ އެތުލީޓުންނާއެކު ރާއްޖެ ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕް ފަށައިފިއެވެ.
އެހެން އަހަރުތަކުގައި މި މުބާރާތް ކުރިއަށް ދިޔައީ އިންޓަ ސްކޫލް އެތުލެޓިކްސް މުބާރާތުގެ ނަމުގައެވެ. އެކަމަކު އެޑިއުކޭޝަން މިނިސްޓްރީން ގެނައި ބަދަލާއެކު މި މުބާރާތުގެ ނަން ވަނީ ރާއްޖެ ޖޫނިއާ އަށް ބަދަލުކޮށްފައެވެ.
މާލެ ސިންތެޓިކް ޓްރެކުގައި ކުރިއަށްދާ މިފަހަރުގެ މުބާރާތުގައި 32 ސްކޫލުން ވަނީ ބައިވެރިވެފައެވެ. އަދި މި ފަހަރުގެ މުބާރާތުގައި 800 އަށްވުރެ ގިނަ އެތުލީޓުން ވާދަކުރާނެއެވެ. މިއީ މިދިޔަ އަހަރާ އަޅައި ބަލާއިރު މަދު އަދަދެކެވެ.
މީގެ ކުރިން ޕީއެސްއެމް ނިއުސްއާ ވާހަކަ ދައްކަމުން އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޖެނެރަލް ސެކެޓްރީ އަހުމަދު މުންތަގިމް ވިދާޅުވީ، މި ފަހަރުގެ މުބާރާތުގައި ބައިވެރިވި ކުދިންގެ އަދަދު މަދުވީ، މި ދުވަސްވަރަކީ ދެ އިމްތިހާނެއް ކުރިއަށްދާ ދުވަސްވަރުކަމަށްވުމުން ކަމަށެވެ.
މުންތަގިމް ވިދާޅުވީ އިމްތިހާނު ދުވަސްވަރު ކަމުން އެތުލީޓުންގެ އަދަދު މަދުވި ނަމަވެސް މި ފަހަރުގެ މުބާރާތުގައި ވެސް 850 އަށްވުރެ ގިނަ އެތުލީޓުން ބައިވެރިވާ ކަމަށެވެ.
އިންޓަރ ސްކޫލް އެތުލެޓިކްސް މުބާރާތުން ގިނަ އެތުލީޓުންތަކެއް ފާހަގަވެއެވެ. އެގޮތުން މިހާރުގެ އެތުލެޓިކްސް ގައުމީ ޓީމުގެ ގިނަ އެތުލީޓުންނަކީ އިންޓަރ ސްކޫލް މުބާރާތުން ފާހަގަވި އެތުލީޓުންނެވެ