ދުނިޔޭގެ ފެނުމުގެ ދުވަސް ނުވަތަ "ވޯލްޑް ސައިޓް ޑޭ" ފާހަގަކުރުމުގެ ގޮތުން އައިކެއާއިން ޚާއްޞަ ޕްރޮމޯޝަނެއް ފަށައިފިއެވެ. އައިކެއާއިން ބުނީ، މި ޕްރޮމޯޝަން ކުރިއަށް ގެންދާނީ މިމަހުގެ ނިޔަލަށް ކަމަށެވެ.
އައިކެއާއިން ބުނީ، މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ޕްރިސްކްރިޕްޝަން ލެންސް ގަންނަ ފަރާތްތަކަށް، ހޮވާލެވޭ ފްރޭމްތަކުން %20ގެ ޑިސްކައުންޓެއް ލިބޭނެ ކަމަށެވެ. އަދި މި އޮފަރ އައިކެއާ އޮޕްޓިކަލްސްގެ ހުރިހާ އައުޓްލެޓުތަކެއްގައި ކުރިއަށްގެންދާނެ ކަމަށެވެ.
އައިކެއާއިން ބުނީ، މި އޮފަރ ލިބޭނީ މަޝްހޫރު ބްރޭންޑްތައް ކަމަށްވާ ޒައިސް، ހޯޔާ އަދި ނޯވާގެ ސިންގަލް-ވިޜަން ނުވަތަ ޕްރޮގްރެސިވް ޕްރިސްކްރިޕްޝަން ލެންސާއެކު ނަގާ ފްރޭމްތަކަށް ކަމަށެވެ. އަދި އުމުރާއި، މަސައްކަތުގެ މާޙައުލާއި، ސްކްރީން ބޭނުންކުރާ މިންވަރަށް ބަލައި އެންމެ ރަނގަޅު ލެންސް އިޚުތިޔާރު ކުރުމަކީ މުހިންމު ކަމެއްކަން ފާހަގަކުރައްވާ، ކަސްޓަމަރުންނަށް ފްރޭމާއި ލެންސް ޚިޔާރު ކުރުމަށް ފަންނީ ޓީމުތަކުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށްވެސް އައިކެއާއިން ބުންޏެވެ.
ދުނިޔޭގެ ފެނުމުގެ ދުވަސް ބައިނަލްއަޤްވާމީ ފެންވަރުގައި ފާހަގަކުރުމުގެ މައިގަނޑު މަޤުޞަދަކީ ލޮލުގެ ޞިއްޙަތުގެ މުހިންމު ކަމާމެދު ހޭލުންތެރިކަން އިތުރު ކުރުމެވެ. މި ދުވަހާ ގުޅުވައިގެން އައިކެއާއިން ވަނީ، ލޮލުގެ ޞިއްޙަތަށް އިސްކަންދީ، ޤަވާޢިދުން ލޯ ޓެސްޓު ކުރުމަށާއި، ފެނުމަށް އެއްވެސް ބަދަލެއް އަންނަނަމަ ލަސްނުކޮށް ފަންނީ ލަފާ ހޯދުމަށްވެސް އިލްތިމާސްކޮށްފައެވެ. ސަބަބަކީ ފެނުމަށް އަންނަ ބަދަލުތަކަކީ ވަގުތުން ފާހަގަނުކުރެވި، މަޑުމަޑުން އަންނަ ބަދަލުތަކަކަށް ވެދާނެތީއެވެ.
"ލަވް ޔޯ އައިސް" ޝިޢާރުގެ ދަށުން އައިކެއާއިން ކުރިއަށްގެންދާ މި އޮފަރ މި ހިނގާ އޮކްޓޯބަރު 31ގެ ނިޔަލަށް އައިކެއާގެ ހުރިހާ ފިހާރައަކުން ލިބެން ހުންނާނެއެވެ. އަދި އައިކެއާގެ މެންބަރޝިޕް އޮންނަ ފަރާތްތަކަށް ލެންސުން ލިބޭ އިތުރު ޑިސްކައުންޓުތައްވެސް މި މުއްދަތުގައި ލިބޭނެ ކަމަށް އެކުންފުނިން މައުލޫމާތުދެއެވެ.