އަމީނީ މަގު މަރާމާތުކުރުމުގެ މަސައްކަތުގެ ދަށުން ސެގްމަންޓް 3ގައި ތާރު އެޅުމުގެ މަސައްކަތް މި ހަފުތާގެ ތެރޭގައި ފެށޭނެކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮންޕެނީ، އެމްޓީސީސީއިން ވިދާޅުވެއްޖެއެވެ. އަމީނީ މަގު ސެގްމަންޓް 3ގެ މަސައްކަތް ފަށާފައިވަނީ، މިމަހުގެ 4ވަނަ ދުވަހުއެވެ.
އަމީނީ މަގު މަރާމާތު ކުރުމުގެ މަސައްކަތް ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ، މިދިޔަ ޖޫން މަހުގެ 15 ވަނަ ދުވަހުއެވެ. އަމީނީ މަގުގައި ހަލާކުވެފައިވާ ސަރަޙައްދު މަރާމާތު ކުރުމުގެ މަސައްކަތުގެ ތެރެއިން 3 ވަނަ ސެގްމަންޓުގައި ހިމެނެނީ ޢިއްޒުއްދީން މަގާ ހަމައިން ފެށިގެން ކޯރުކެނޑި ހިނގުމާ ހަމައަށް އޮންނަ ސަރަޙައްދެވެ.
އެމްޓީސީސީއިން ވިދާޅުވީ، އަމީނީ މަގު މަރާމާތު ކުރުމުގެ މަސައްކަތުގެ ދަށުން ސެގްމަންޓް 3ގައި އޭބީސީ ފަށަލަ އެޅުމުގެ މަސައްކަތް ލަފާކުރެވޭ ގޮތުން ހޯމަ ދުވަހު ނިމޭނެ ކަމަށެވެ. އަދި އެއަށްފަހު މި ހަފުތާގެ ތެރޭގައި ތާރު އެޅުމުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވާކަމަށް އެ ކުންފުނިން ވަނީ ވިދާޅުވެފައެވެ. މަގުގެ ނިޝާންތައް ކުރެހުމުގެ މަސައްކަތް އަންނަ ހަފުތާގައި ފެށޭނެ ކަމަށް އެމްޓީސީސީއިން ވަނީ ލަފާކޮށްފައެވެ.
އެމްޓީސީސީން ވިދާޅުވީ، ސެގްމަންޓު 3ގެ މަސައްކަތުގެ ތެރޭގައި 1924.77 އަކަމީޓަރުގެ ސަރަޙައްދެއްގައި ކުރިން އަޅާފައިވާ ތާރު ނެގުމަށްފަހު އަލުން އޭބީސީއާއި، ތާރު އެޅުމާއި އަދި މަގުމަތީގެ ނިޝާންތައް ކުރެހުމުގެ މަސައްކަތް ހިމެނޭ ކަމަށެވެ.
އަމީނީ މަގުގައި ހަލާކުވެފައިވާ ސަރަހައްދު މަރާމާތު ކުރުމުގެ މަސައްކަތުގެ ތެރެއިން ފުރަތަމަ ކުރިއަށް ގެންގޮސްފައިވަނީ، ދެ ސެގްމަންޓެއްގެ މަސައްކަތެވެ. އެއީ، ސެގްމަންޓް 1ގެ ގޮތުގައި ހިމެނޭ ދިވެހިރާއްޖޭގެ އަޑުން ފެށިގެން ދަރުމަވަންތަ ހޮސްޕިޓަލާ ހަމައަށް އޮތް ސަރަޙައްދާއި، ސެގްމަންޓް 2ގެ ގޮތުގައި ދިވެހިރާއްޖޭގެ އަޑު ކުރިމަތިން އޮންނަ ހަތަރު އަނގޮޅި ކަންމައްޗެވެ. މި ދެ ސެގްމަންޓުގެ މަރާމާތުގެ މަސައްކަތް ނިންމާ މިހާރު ވަނީ، އާއްމުންނަށް މަގު ހުޅުވާލާފައެވެ.
ސެގްމަންޓު 3 ގެ މަސައްކަތަށްފަހު ސެގްމަންޓް 4 ގެ މަސައްކަތްވެސް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އެއީ ކޯރުކެނޑި ހިނގުމުން ފެށިގެން ޣިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލާއި ހަމައަށް ހިމެނޭ ސަރަޙައްދެވެ. ސެގްމަންޓް 4ގެ މަސައްކަތުގެ ތެރޭގައި 1148.91 އަކަމީޓަރުގެ ސަރަޙައްދެއްގައި ކުރިން އަޅާފައިވާ ތާރު ނެގުމަށްފަހު އަލުން އޭބީސީއާއި ތާރު އެޅުމާއި އަދި މަގުމަތީގެ ނިޝާންތައް ކުރެހުމުގެ މަސައްކަތް ހިމެނެއެވެ.
އަމީނީ މަގު މާފަންނާވީ ފަޅީގެ ބައިތައް މަރާމާތު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔައީ، އެ ސަރަޙައްދުގެ ތާރުގަނޑު ވަރަށް ބޮޑަށް ހަލާކުގެ ވަޅުގަނޑުތައް ހެދެމުންދާތީ، އުޅަނދުތައް ދުއްވުމަށް ދަތިވުމުގެ ސަބަބުންނެވެ. އެ ސަރަޙައްދަކީ، ބަސް ދަތުރުކުރާ އަދި ގިނަ އަދަދަކަށް ހެވީ ވެހިކަލްވެސް ދުއްވާ ސަރަޙައްދެކެވެ.