ޗައިނާ އޯޕަން ޓެނިސް މުބާރާތުގެ ފައިނަލުން މިމުބާރާތުގައި 4 ވަނައަށް ސީޑު ކުރެވިފައިވާ ރަޝިއާގެ މީރާ އަންޑްރީވާ އާއި ޗައިނާގެ ޒެންގ ގިންވެން ޖާގަހޯދައިފިއެވެ.
މިއަހަރުގެ ފްރެންޗް އޯޕަން ކާމިޔާބު ކޮށްފައިވާ އަންޑްރީވާ ފައިނަލުން ޖާގަހޯދީ ސެމީ ފައނަލްގައި 26 ވަނައަށް ސީޑު ކުރެވިފައިވާ ޗެކިއާގެ ނިކޮލާ ބާރޓުންކޯވާ އާއި ބައްދަލުކުރި މެޗު ފަސޭހަ ކަމާއެކު ސީދާ ދެ ސެޓުން މެޗު ކާމިޔާބު ކޮށްގެންނެވެ. އެއީ ހައެއް ދެއެއް އަދި ހައެއް ދެއަކުން ދެ ސެޓު ކާމިޔާބު ކޮށްގެންނެވެ. މިމެޗުން މޮޅުވުމަށް އަންޑްރީވާއަށް ނެގީ އެއް ގަޑިއިރާއި 14 މިނެޓެވެ. އަދި މިއީ އޭނާ މިއަހަރުގެ ތެރޭގައި ޑަބްލިޔު.ޓީ.އޭ. ވަންތައުޒަންޑްގެ މުބާރާތެއްްގެ ފައިނަލުން ޖާގަހޯދި ދެ ވަނަ ފަހަރެވެ. މިމުބާރާތުގެ މިހާތަނަށް މޮޅު ކުޅުމެއް ދައްކަމުންދިޔަ ބާރޓުންކޯވާއަށް މިމެޗުގައި މާރަނޅު ކުޅުމެއް ދެއްކޭގޮތެއް ނުވިއެވެ. މިގޮތުން މިމެޗުގައި އޭނާ 20 އަންފޯސް އެރަރސް ހެދިއެވެ.
މިކާމިޔާބީ އާއެކު އަންޑްރީވާ މިމުބާރާތުގެ ފައިނަލަށް ދަތުރު ކުރިއިރު ފައިނަލްގައި ބައްދަލުކުރާނީ އެންމެ ފަހުގެ އޮލިމްޕިކް ޗެމްޕިއަނުންގެ އިތުރުން ޗައިނާ ރައްޔިތުންގެ ހުރިހާވެސް އުންމީދެއް އެކުޅުންތެރިޔަކާއި ގުޅުފައިވާ ޒެންގ އާއެވެ. ޒެންގ މިމުބާރާތުގެ ފައިނަލުން ޖާގަހޯދީ ސެމީ ފައިނަލްގައި 13 ވަނައަށް ސީޑު ކުރެވިފައިވާ ބެލްޖިއަމްގެ އެލީސް މާޓެންސް އާއި ބައްދަލުކުރި މެޗު ސީދާ ދެ ސެޓުން ކާމިޔާބު ކޮށްގެންނެވެ.
މިމެޗުގެ ފުރަތަމަ ސެޓުގައި ހަތަރެއް ދެއަކުން ކުރީގައި އޮވެ ޒެންގ އިން މާޓެންސްގެ ސަރވް ބްރޭކް ކުރި ނަމަވެސް އޭނާއަށް ގިނަ ގޯސް ތަކެއް ހެދި އަނެއްކާ މާޓެންސްއަށް ސަރވް ބްރޭކް ކުރުމުގެ ފުރުސަތު ތަނަވަސްކޮށްދެވިގެންދިޔަތަން ފެނިގެންދިޔައެވެ. ނަމަވެސް މިއާއެކުވެސް މި ސެޓު ޒެންގ ވަނީ ޓައި ބްރޭކަކަށް ނުގޮސް ހަތެއް ފަހަކުން ކާމިޔާބު ކޮށްފައެވެ. މިމެޗުގެ ދެވަނަ ސެޓު ވެގެންދިޔައީ ޒެންގ މުޅި ސެޓު ޑޮމިނޭޓް ކުރި ސެޓަކަށެވެ. މިގޮތުން މިސެޓު އޭނާވަނީ ފަސޭހަ ކަމާއެކު ހައެއް ދެއަކުން ކާމިޔާބު ކޮށްފައެވެ. ޒެންގ މަސައްކަތް ކުރަމުންދަނީ ޑަބްލިޔު.ޓީ.އޭ. ވަންތައުޒަންޑްގެ މުބާރާތެއް ފުރަތަމަ ފަަހަރަށް އަމިއްލަ ފަސްގަނޑުގައި ކާމިޔާބު ކުރެވޭތޯއެވެ.