ޚަބަރު

އެޗްއާރްސީއެމާއި ސީއެސްސީއާ ދެމެދު ފަހުމުނާމާއެއް


  • މިއީ މުވައްޒަފުންގެ ޤާބިލުކަން އިތުރުކުރުމަށް ވެވުނު އެއްބަސްވުމެއް

  • އިންސާނީ ޙައްޤުތަކުގެ އަސާސްތައް އަށަގަންނަވަން މަސައްކަތްކުރާނެ

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް، އެޗްއާރްސީއެމްއާއި ސިވިލް ސަރވިސް ކޮމިޝަނާ ދެމެދު ތަޖުރިބާއާއި ފަންނުވެރިކަން އަދި ވަސީލަތްތައް ހިއްސާކޮށް، މުވައްޒަފުންގެ ޤާބިލުކަން އިތުރުކުރުމަށް ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

މިއަދު ސޮއިކުރި މި ފަހުމުނާމާގެ ދަށުން ސީއެސްސީގެ ފަރާތުން މަސައްކަތްތައް ވިލަރެސްކުރާނީ ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓް (ސީއެސްޓީއައި)އިން ކަމަށް އެޗްއާރްސީއެމްއިން ވަނީ ވިދާޅުވެފައެވެ.

މި ރަސްމިއްޔާތުގައި އެޗްއާރުސީއެމްގެ ރައީސް ޑރ. ޢާއިޝަތު ރަމީލާ ދެއްކެވި ވާހަކަފުޅުގައި، ދައުލަތުގެ މުއައްސަސާތަކުގައި އިންސާނީ ޙައްޤުތަކުގެ އަސާސްތައް އަށަގަންނުވައި، މުވައްޒަފުންގެ ޤާބިލުކަން އިތުރުކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ.

އަލްއުސްތާޛު މުޙައްމަދު މުޖުތާޒުގެ ވާހަކަފުޅުގައި މިފަދަ ގުޅުންތަކުގެ ސަބަބުން ސިވިލް ސަރވިސްގެ ޚިދުމަތްތައް ހަރުދަނާވެ، ރައްޔިތުންނަށް ދޭ ޚިދުމަތުގެ ފެންވަރު އިތުރަށް މަތިވެގެންދާނެ ގޮތްތަކުގެ މައްޗަށް ބައްލަވާލެއްވިއެވެ.

މި ފަހުމުނާމާގެ ދަށުން ސީއެސްޓީއައިގެ ތަމްރީނު ޕްރޮގުރާމްތަކާއި ވަސީލަތްތަކުން އެޗްއާރުސީއެމްގެ މުވައްޒަފުންނަށް ފުރުސަތު ފަހިކޮށްދިނުމާއި، ސިވިލް ސަރވިސް މުވައްޒަފުންނަށް ޚާއްޞަ ކޮށްގެން އިންސާނީ ޙައްޤުތަކާއި ވިސްލްބްލޯކުރުމާ ގުޅޭގޮތުން ހޭލުންތެރި ކުރުވުމުގެ ސެޝަންތައް ހިންގުމަށް ވަނީ ހަމަޖެހިފައެވެ.

މީގެއިތުރުން މި ރިސާރޗު މަސައްކަތްތަކާއި ސެމިނާތަކާއި މަސައްކަތު ބައްދަލުވުންތައް ބޭއްވުމުގެ އިތުރުން އިންސާނީ ޙައްޤުތަކުގެ ބައިތައް ހިމެނޭހެން ތަމްރީނު މަންހަޖުތައް ފަރުމާކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ދެ އިދާރާގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމަށް ވެސް ވަނީ އެއްބަސްވެފައެވެ.