ބްރެޒިލްގެ ކޮރިންތިއަންސް ގެ ކޯޗަކަށް ކުރީގެ މަޝްހޫރު މިޑްފީލްޑަރު ނެދަލޭންޑްސްގެ ކްލަރެންސް ސީޑޯފް ހަމަޖައްސައިފިއެވެ.
އުމުރުން 50 އަހަރުގެ ސީޑޯފަކީ ސްޕޭނުގެ ރެއާލް މެޑްރިޑާއި އިޓަލީގެ އިންޓަމިލާނާއި، އޭސީ މިލާނުގައި މޮޅަށް ބޯޅަ ކުޅުނު ކުޅުންތެރިއެކެވެ. އެކަމަކު ކޯޗެއްގެ ގޮތުގައި އޭނާ ފެނިގެން މިދަނީ ހަތް އަހަރު ފަހުންނެވެ.
ކޯޗެއްގެ ގޮތުގައި ސީޑޯފް ހަމަޖެއްސުމަށްފަހު ކޮރިންތިއަންސްއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ސީޑޯފާއެކު އެ ކުލަބުން ކޮންޓްރެކްޓް ހެދީ 2027 ވަނަ އަހަރުގެ ނިޔަލަށް ކަމަށެވެ. އެ ކުލަބުން ސީޑޯފަށް ކޯޗުކަން ދިނީ ކޯޗުކަމުން ފެނާންޑޯ ޑިނިޒް ވަކި ކުރުމަށް ފަހުއެވެ. އެއީ މިވަގުތު އެ ޓީމު ބްރެޒިލް ލީގުގެ ރެލިގޭޝަން ޒޯނުގައި އޮތުމުންނެވެ.
ސީޑޯފް އެންމެ ފަހުން ކޯޗުކަން ކުރީ މީގެ ހަތް އަހަރު ކުރިން ކެމަރޫނުގެ ގައުމީ ޓީމަށެވެ. އޭނާ އެ މަގާމުން ވަކި ކުރީ 2019 ވަނަ އަހަރުއެވެ.
ސީޑޯފް ކުޅުން ހުއްޓާލީ ބޮޓަފޮގޯއާއެކު ހެދި ކޮންޓްރެކްޓް 2014 ވަނަ އަހަރު އުވާލުމަށްފަހުއެވެ. އޭގެ ފަހުން އެ އަހަރު އޭނާ ހަވާލުވީ އޭސީ މިލާނުގެ ކޯޗު ކަމާއެވެ. އޭނާ ހަވާލުވިއިރު މިލާން އޮތީ އިޓާލިއަން ލީގުގެ 11 ވަނައިގައެވެ. ލީގު ނިންމާލެވުނީ 8 ވަނައިގައެވެ. މިލާނުގެ ކޯޗުކަމުން ސީޑޯފް ވަކި ކުރީ ޖޫން މަހުއެވެ. އޭގެ ފަހުން އޭނާ ވަނީ ޝެންޒެން އާއި ޑިޕޯޓިވޯ ލަކަރޫނިޔާ އަށް ވެސް ކޯޗު ކޮށްދީފައެވެ. ނަމަވެސް ކޯޗެއްގެ ގޮތުގައި އޭނާ އަށް ކާމިޔާބުތަކެއް ނުހޯދުނެވެ.
ސީޑޯފްގެ އިރުޝާދުގެ ދަށުން ކޮރިންތިއަންސް ކުޅޭ ފުރަތަމަ މެޗަކަށް ވާނީ ތާވަލުގެ ދެ ވަނައިގައިވާ ޕަލްމެއިރާސްއާ ދެކޮލަށް އާދީއްތަ ދުވަހު ކުޅޭ މެޗެވެ.
ސީޑޯފަކީ އޭނާ ކުޅުނު ދުވަސްވަރު ޖާނު ވަރުގަދަ ދަނޑުމަތީގައި ވަރަށް ޖެހިލުން ކުޑަ މިޑްފީލްޑަރެކެވެ. ހާއްސަކޮށް މިލާން ހޯދި ކާމިޔާބީތަކުގައި އޭނާ އަދާކުރި ދައުރު ފުރިހަމައެވެ. މި ގޮތުން އޭނާ ވަނީ 1996 އިން 2000 ވަނަ އަހަރަށް ރެއާލް މެޑްރިޑަށް 121 މެޗު ކުޅެދީ 14 ގޯލު ޖަހައިފައެވެ. އަދި ޖެހިގެން އައި ދެ އަހަރު އިންޓަމިލާނަށް 64 މެޗުން އަށް ގޯލު ޖަހައިދިނުމަށްފަހު އޭސީ މިލާނުގައި 10 އަހަރު ހޭދަކޮށް 300 މެޗުން 47 ގޯލު ޖެހިއެވެ. ނެދަލޭންޑްސްގެ ގައުމީ ޓީމަށް އޭނާ ވަނީ 1994 އިން 2008 އަށް 87 މެޗުން 11 ގޯލު ޖަހައިދީފައެވެ.