ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ތާވަލުގެ އެއްވަނައަށް


  • މެޗުން އީގަލްސް މޮޅުވީ 0-3 އިން

  • އީގަލްސް ވަނީ 3 މެޗުން 9 ޕޮއިންޓު ހޯދާފައި

ދިރާގު ދިވެހި ލީގުގައި ބައިނަލްއަގްވާމީ ބްރޭކަށްފަހު ކުޅުނު ފުރަތަމަ މެޗުވީކުގެ ފަހު މެޗުގައި ޓީސީ ސްޕޯޓްސް ކުލަބު އަތުން ހޯދި މޮޅާއެކު ކްލަބް އީގަލްސް އިން ލީގު ތާވަލުގެ އެއްވަނައަށް ކުރިއަށް ޖެހިލައިފިއެވެ.

ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑުގައި ކުޅުނު މި މެޗުން އީގަލްސް މޮޅުވީ 0-3 ގެ ނަތީޖާއަކުންނެވެ.

މެޗުގައި ދެޓީމުގެ ފަރާތުން ވެސް ވާދަވެރި ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ ނަމަވެސް، ގިނަ ހަމަލާތަކެއް އުފައްދާ އެޓޭކިންގް ގޭމެއް ކުޅުނީ އީގަލްސް އިންނެވެ.

މި މެޗުގައި އީގަލްސްގެ ތަފާތަކަށްވީ ހިލޭ ޖެހުންތަކާއި ބިދޭސީ ކުޅުންތެރިންނެވެ. މެޗުގައި އެޓީމުން ޖެހި ތިން ލަނޑުވެސް ކާމިޔާބުކޮށްދިނީ ބިދޭސީ ދެ ކުޅުންތެރިންނެވެ.

އެގޮތުން ފުރަތަމަ ލަނޑު، ފުރަތަމަ ހާފުގެ 45 މިނެޓުގެ ކުޅުން ހަމަވާން މިނެޓަކަށްވެފައި ވަނިކޮށް، ބިދޭސީ ފޯވާޑް ވެން ޑޭވް ކާމިޔާބުކޮށްދިން އިރު މިއީ ހިލޭ ޖެހުމަކުން ތަނަވަސްވި ފުރުސަތެއްގައި ބޮލުން ބޯޅަ ގޯލުގެ ތެރެއަށް ވައްދާލައިގެން އޭނާ ކާމިޔާބުކުރި ލަނޑެކެވެ.

މެޗުގެ ދެވަނަ ހާފު ފަށައިގެން ވެސް އެޓޭކިންގ ވިސްނުމެއްގައި އީގަލްސް އިން ކުޅުނުއިރު އެޓީމުން ދެވަނަ ލަނޑުވެސް ޖެހީ ހިލޭ ޖެހުމެއްގައި ތަނަވަސްވި ފުރުސަތެއްގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މެޗުގެ 80 ވަނަ މިނެޓުގައި ބިދޭސީ ޑިފެންޑަރު މާކޯ އިވަނޮވިޗެވެ. މިއީވެސް ބޮލުން ބޯޅަ ގޯލުގެ ތެރެއަށް ވައްދާލައިގެން މާކޯ ކާމިޔާބުކުރި ލަނޑެކެވ.

މެޗުގައި އީގަލްސް އިން ތިންވަނަ ލަނޑުޖެހީ މެޗުގެ 86 ވަނަ މިނެޓުގައެވެ. މިއީ ކޯނަރަކުން ތަނަވަސްވި ފުރުސަތެއްގައި ގޯލު ކުރިމަތިން ބޯޅަ ހުރަސްވެގެން ދިޔަ ވަގުތު އަދި ކީޕަރު ވެސް ގޯލުގެ އެއްފަރާތަށް ޖެހި ހުރި ވަގުތު، އާމިރު ގޯލާ ދިމާލަށް ފޮނުވާލި ބޯޅައެއް ހޯދައި ވޭން ޑޭވް ކާމިޔާބުކުރި ލަނޑެކެވެ.

މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވެސް ވޭން ޑޭވް އެވެ.

މި މޮޅާއެކު އީގަލްސް ތާވަލުގެ އެއްވަނައިގައި އޮތީ ތިން މެޗުން 9 ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް ވިކްޓްރީއާއި ތިންވަނައިގައި އޮތް ނިއުރޭޑިއަންޓަށް ތިން މެޗުން ހަތް ޕޮއިންޓު ލިބިފައިވާއިރު އީގަލްސް އަތުން ބަލިވި ޓީސީއަށް ތިން މެޗުން ތިން ޕޮއިންޓާއެކު ލިބެނީ ތާވަލުގެ އަށްވަނައެވެ.