ޚަބަރު

ސިންގަޕޯރ ގްރޯން ޕްރީ ވާސްޓަޕެން ކާމިޔާބު ކޮށްފި


  • މިއީ ވާސްޓަޕެން ޖެހިޖެހިގެން ކާމިޔާބުކުރި އެފް ވަންގެ ދެވަނަ ރޭސް

ސިންގަޕޯރ ގްރޯން ޕްރީ ފޯމިއުލަރ ވަން ކާރު ރޭސް ރެޑްބުލްގެ މެކްސް ވާސްޓަޕެން ކާމިޔާބު ކޮށްފިއެވެ.

މިއީ ވާސްޓަޕެންއަށް ސިންގަޕޯރ ގްރޯން ޕްރީ ކާމިޔާބު ކުރެވުނު ފުރަތަމަ ފަހަރެވެ. އަދި ހަފްތާއެއްގެ ތެރޭގައި ވާސްޓަޕެން ކާމިޔާބު ކުރި 2 ވަނަ ރޭހެވެ. އޭނާވަނީ މިދިޔަ ހަފްތާގެ ތެރޭގައި މެލޭޝިއާގައި ބޭއްވި ބަހްރެއިން ގްރޯން ޕްރީވެސް ކާމިޔާބު ކޮށްފައެވެ. އަދި ސިންގަޕޯރ ގްރޯން ޕްރީގައި ބޭއްވި ސްޕްރިންޓް ރޭސްވެސް ކާމިޔާބު ކޮށްފައިވަނީ އޭނާއެވެ.

މިއާއެކު އަނެއްކާވެސް ރެޑްބުލްގެ ޓީމު ފޯމިއުލަރ ވަންގައި ވާދަވެރި ޓީމެއްގެ ގޮތުގައި މިވަނީ ފާހަގަ ކުރެވެން ފަށައިފައެވެ. ސިންގަޕޯރގެ މެރީނާ ބޭގައި ބޭއްވި މިރޭސް ވާސްޓަޕެން ކާމިޔާބު ކޮށްފައިވަނީ އެއް ގަޑިއިރާއި 42 މިނެޓް ސުމެއް ޕޮއިންޓް ހަތެއް އަށެއް ފަހެއް ސިކުންތުންނެވެ. މިރޭހުން ދެވަނައަށް ގޮސްފައިވަނީ ފެރާރީގެ ޗާލްސް ލެލާކްއެވެ. އޭނާއަށް ރޭސް ނިންމުނީ ވާސްޓަޕެންއަށް ވުރެ ހަތެއް ޕޮއިންޓް ތިނެއް ތިނެއް ފަހެއް ސިކުންތު ލަހުންނެވެ. މިރޭހުން ތިންވަނަ ހޯދީ ލީޑަރ ބޯޑުގެ އެންމެ ކުރީގައި އުޅޭ މާސިޑީޒްގެ ކިމީ އެންޓޮނޭލީއެވެ.

މިރޭހުގައި ފެރާރީގެ ދެވަނަ ދުއްވުން ތެރިޔާ ލުވިސް ހެމިލްޓަންއަށް ހެދުނު ބޮޑު ގޯހެއްގެ ސަބަބުން އޭނާއަށް ތިންވަނަ ލިބުމުގެ ބަދަލުގައި ރޭސް ނިންމުނީ 6 ވަނައިގާ އޮވެގެންނެވެ. މީގެ އެންމެ ބޮޑު އެއް ސަބަބަކަށް ވެގެންދިޔައީ އޭނާގެ ކާރުގެ ޓަޔަރު ބަދަލު ކުރުމަށްޓަކައި ޕިޓް ކުރަން ކޮންޓްރޯލް ޓީމުން އެނދުމުން އެކަން ނުކޮށް ރޭސް ކުރިއަށް ގެންދަން ނިންމުމުންނެވެ. ހެމިލްޓަން ބޭނުންވީ އޭނާ ބޭނުންކުރަމުންދިޔަ ސޮފްޓް ޓަޔަރާއެކު 44 ލެޕް ފުރިހަމަކޮށް ރޭސް ނިންމާށެވެ. ނަމަވެސް އޭނާގެ މިނިންމުން ރޭހުގެ ފަހު ކޮޅު ގޯސްވެ އެންޓޮނޭލީގެ އިތުރުން މެކްލެރެންސްގެ ލަންޑޯ ނޮރިސް އާއި އޮސްކާ ޕިއަސްޓްރީވެސްވަނީ އޭނާގެ ކުރި އަރާފައެވެ.

މިރޭސް ތިންވަނައިގާ އޮވެ އެންޓޮނޭލީއަށް ނިންމާލެވުމާއި ދެވަނައިގާ އުޅޭ އޭނާ އާއި އެއް ޓީމުގައި ހިމެނޭ ޖޯޖު ރަސެލްއަށް 9 ވަނައިގާ އޮވެ ރޭސް ނިންމުމުގެ ސަބަބުން އެންޓޮނޭލީގެ ލީޑު މިހާރުވަނީ 102 ޕޮއިންޓަށް އިތުރު ވެގެން ގޮސްފައެވެ. އަދި މިއާއެކު ކުރިއަށް އޮތް ޔުނައިޓެޑް ސްޓޭޓްސް ގްރޯން ޕްރީގައި ދުނިޔޭގެ ޗެމްޕިއަންކަން ހޯދުމުގެ ފުރުސަތު އެންޓޮނޭލީއަށް އޮންނާނެއެވެ. ނަމަވެސް އެއީ އޭނާ އެރޭސް ކާމިޔާބު ކޮށް ރަސެލް 9 ވަނައިގަ ނުވަތަ އެއަށްވުރެ ދަށުން ރޭސް ނިންމުމުގެ އިތުރުން ހެމިލްޓަން ފަސް ވަނައަށް ނުވަތަ އެއަށް ވުރެ ދަށުން ރޭސް ނިއްމިއްޖެ ނަމައެވެ.

މިވަގުތު އެންޓޮނޭލީ އުޅެނީ 340 ޕޮއިންޓްގައެވެ.އަދި ރަސެލް 238 ޕޮއިންޓްގައި އުޅޭއިރު ހެމިލްޓަން އުޅެނީ 229 ޕޮއިންޓްގައެވެ. ކޮންޓްރެކްޓަރސް ބަޔަށް ބަލާލާއިރު މާސިޑީޒް އެއްވަނައިގާ އުޅެނީ 578 ޕޮއިންޓާއެކުއެވެ. ދެވަަނައިގާ އުޅޭ ފެރާރީއަށް 444 ޕޮއިންޓް ލިބިފައިވާއިރު މެކްލެރެން އުޅެނީ 339 ޕޮއިންޓުގައެވެ. އަދި ވާސްޓަޕެންގެ ދެ ކާމިޔާބީ އާއެކު ރެޑްބުލް މިހާރުވަނީ 332 ޕޮއިންޓަށް އަރާފައެވެ.