ޚަބަރު

ގައްދޫ ބަލިކޮށް ލީގުގެ ފުރަތަމަ މޮޅު ބުރުން ހޯދައިފި


  • ބުރު މެޗު ކާމިޔާބުކުރީ 2-0

  • މޮޅު ކުޅުންތެރިއާގެ މަގާމް ހޯދީ އުސާމާ

ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ގައްދޫ ރެކްރިއޭޝަން ކްލަބް 2-0 އިން ބަލިކޮށް، ބުރު ސްޕޯޓްސް ކްލަބުން މި ސީޒަނުގެ ފުރަތަމަ މޮޅު ހޯދައި، ލީގުގެ ފުރަތަމަ ތިން ޕޮއިންޓް ކަށަވަރުކޮށްފިއެވެ.

މި މެޗާ ކުރިމަތިލީއިރު ލީގުގައި ކުޅުނު އެއްވެސް މެޗަކުން މި ދެ ޓީމަށް ވެސް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ. ނަމަވެސް، މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު މޮޅު ކުޅުމެއް ދައްކައި، ބުރުން ވަނީ މުހިންމު މޮޅެއް ހޯދާފައެވެ.

ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ބުރު ސްޕޯޓްސް ކްލަބަށް ލީޑު ނަގައިދިނީ އެ ޓީމުގެ ބިދޭސީ ފޯވާޑް ހުއާން އެޑްވާޑޯއެވެ. އޭނާގެ މި ލަނޑާއެކު ބުރުން މެޗުގެ ކޮންޓްރޯލް ހޯދިއިރު، އެ ޓީމުގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ އުސާމާއެވެ. މެޗުގައި މޮޅު ކުޅުމެއް ދެއްކި އުސާމާ ވަނީ މި މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދާފައެވެ.

މިއީ މި ސީޒަނުގެ ލީގުގައި ބުރު ސްޕޯޓްސް ކްލަބް ކުޅުނު ހަތަރު ވަނަ މެޗެވެ. އެ ޓީމު ކުޅުނު ފުރަތަމަ ތިން މެޗުން ބަލިވެފައިވާއިރު، މި މޮޅާއެކު އެ ޓީމު ވަނީ ލީގު ތާވަލްގައި ޓީސީ ތިރިއަށް ޖައްސާލުމަށްފަހު 8 ވަނައަށް ޖެހިލާފައެވެ.

އަނެއްކޮޅުން، މި މެޗަކީ ލީގުގައި ގައްދޫ ކުޅުނު ފަސް ވަނަ މެޗެވެ. ލީގުގައި މިހާތަނަށް ކުޅުނު ފަސް މެޗުން ވެސް ގައްދޫ ބަލިވެފައިވާއިރު، އެ ޓީމު އަދިވެސް އޮތީ އެއްވެސް ޕޮއިންޓެއް ނުލިބި ތާވަލުގެ ފުލުގައެވެ.