ބުރުގާ އަޅާ ދަރުވަރުންނަށް އެ ޤައުމުގައި ތަޢުލީމު ހާޞިލް ނުކުރެވޭނެ ކަމަށް އަޒަރްބައިޖާނުގެ ސަރުކާރުން ނިންމައިފިއެވެ.
އަޒަރުބައިޖާނުގެ އާބާދީގެ 96 އިންސައްތައަކީ މުސްލިމުންނެވެ. އެ ޤައުމުގައި މި ފަދަ ފިޔަވަޅެއް އަޅާފައި މި ވަނީ މިދިޔަ މަހުގެ ތެރޭގައި ފާސްކުރި ޤާނޫނެއްގެ ދަށުންނެވެ. އެ ޤާނޫނުގައި އެ ޤައުމުގެ މަދަރުސާތަކުގައި ބުރުގާ ބޭނުން ނުކުރެވޭނެ ކަމަށް ސީދާ ބުނެފައި ނުވި ނަމަވެސް، ދައުލަތާއި ދީނާ ވަކިކުރާ ‘ސެކިއުލާ’ އުސޫލުތަކާ ޚިލާފުވާ އެއްވެސް ހެދުމެއް މަދަރުސާތަކުގައި ބޭނުން ނުކުރެވޭނެ ކަމަށް ވަނީ ބުނެފައެވެ.
ބުރުގާ އަޅާ ބައެއް މުދައްރިސުންނާއި ދަރިވަރުން ބުނަމުން ދަނީ ބުރުގާ އެޅުމަކީ އެ މީހުންގެ އަމިއްލަ އިޚްތިޔާރުގައި އޮތް ކަމެއް ކަމަށެވެ. އެހެންކަމުން ބުރުގާ ނޭޅުމަށް މަޖުބޫރު ނުކުރެވޭނެ ކަމަށާއި، ބުރުގާ ނޭޅުމަކީ ވެސް އެ މީހުންނަށް ލިބިގެންވާ އިޚްތިޔާރެއް ކަމަށް ދަރިވަރުންނާއި މުދައްރިސުން ދަނީ ބުނަމުންނެވެ.
އަޒަރުބައިޖާނުގެ ޤާނޫނު އަސާސީގައި އެ ޤައުމު ސިފަކޮށްފައި ވަނީ ދައުލަތާއި ދީން ވަކިކޮށްފައި އޮންނަ ޤައުމެއްްގެ ގޮތުގައެވެ. ނަމަވެސް ބޭނުން ދީނަކަށް އުޅުމުގެ އިޚްތިޔާރު ވެސް ހަމަ އެ ޤާނޫނު އަސާސީއިން ލިބިދެއެވެ.
އެ ނިންމުމުގެ ސަަބަބުން އަޒަރުބައިޖާނުގެ ބައެއް މަދަރުސާތަކުގައި ބުރުގާ އަޅާ ދަރިވަރުންނާއި މުދައްރުސުން އެ މަރުކަޒުތަކަށް ހާޒިރުވުން ވަނީ މަނާކޮށްފައެވެ. އެ ނިންމުމާ ދެކޮޅަށް އެ ޤައުމުގައި މުޒާހަރާތައް ދަނީ ބާއްވަމުންނެވެ. ބައެއް މަދަރުސާތަކުގައި ދަރިވަރުންނާއި މުދައްރިސުން ދަނީ ކުލާސްތަކަށް ހާޒިރުވުމަށް ދެކޮޅު ހަދައި ބޮއިކޮޓު ކުރަމުންނެވެ.