ޚަބަރު

ޓީމު އޮތީ ފޯމުގައި، ވިކްޓްރީއާ ދެކޮޅަށް ރަނގަޅު ގޭމެއް ކުޅެވޭނެ: ބިސްބުރުގެ ކޯޗު


  • މިއީ ދެޓީމުގެ ވެސް 4ވަނަ މެޗު

  • ވިކްޓްރީއަށް 3 މެޗުން 7 ޕޮއިންޓު ލިބިފައިވޭ

  • ބިސްބުރުން 3 މެޗުން 6 ޕޮއިންޓު ހޯދާފައިވޭ

ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި މިއަދު ހަވީރު ވިކްޓްރީއާ ދެކޮޅަށް ބިސްބުރު ނުކުންނައިރު ޓީމު އޮތީ ވަރަށް ރަނގަޅު ފޯމެއްގައިކަމަށް ބިސްބުރުގެ ކޯޗު އަޙްމަދު ނާޝިދު (ނާދު) ބުނެފިއެވެ.

މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ނާޝިދު ބުނީ، މި މެޗާ ބިސްބުރު ކުރިމަތިލާއިރު ކުރީ މެޗުން ފެށިގެން މި މެޗާ ހަމައަށް ޓީމުގައި އަނިޔާގެ އެއްވެސް މައްސަލައެއް ނެތް ކަމަށާއި، އެހެންނަމަވެސް އެންމެފަހުން ބިސްބުރުން ކުޅުނު މެޗުގައި އެޓީމުގެ އުލޫފް އަޙްމަދަށް ރަތްކާޑެއް ދައްކާފައިވުން އެއީ ޓީމަށް އޮތް ކޮންމެވެސް ވަރެއްގެ ޗެލެންޖެއް ކަމަށެވެ.

އެ ރަތްކާޑާއެކު އުލޫފް އަށް މެޗުގައި ނުކުޅެވުނު ނަމަވެސް، ބިސްބުރު އޮތީ ވަރަށް ރަނގަޅު ފޯމެއްގައިކަމަށް އަދި ވިކްޓްރީއާ ދެކޮޅަށް ނުކުންނައިރު އެ މެޗުގައި ޓީމުން ރަނގަޅު ގޭމެއް ކުޅޭނެކަމަށް ގަބޫލުކުރާކަމަށް ނާޝިދު ބުންޏެވެ.

"ވިކްޓްރީއަކީ މި ސީޒަނަށް ވަރަށް ރަނގަޅަށް ތައްޔާރުވެގެން އައިސް އޮތް ޓީމެއް. އެހެންނަމަވެސް އަޅުގަނޑުމެން ޓީމު މިހާރު ވަރަށް ރަނގަޅު ފޯމެއްގައި މިއޮތީ. އެހެންވީމަ ފެންނާނެކަމަށް އުއްމީދުކުރަނީ ރަނގަޅު ގޭމެއް". މެޗާމެދު ކުރެވޭ އުއްމީދުތަކާ ގުޅޭގޮތުން ނާޝިދު ބުންޏެވެ.

ބިސްބުރު އޮތީ ރަނގަޅު ފޯމެއްގައިކަމަށް ކޯޗު ނާޝިދު ބުނިއިރު މުޅިން އަލަށް ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓުވެ ދިވެހި ލީގުގައި ކުޅެމުން އަންނަ ބިސްބުރުން ވަނީ މިހާތަނަށް ލީގުގައި ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެފައެވެ. އެއީ ބުރު ސްޕޯޓްސް ކުލަބާ ދެކޮޅަށް ކުޅުނު މެޗު އަދި ދިއްދޫ ސްޕޯޓްސް ކުލަބާ ދެކޮޅަށް ކުޅުނު މެޗުންނެވެ. ބިސްބުރު ބަލިވެފައި ވަނީ ކްލަބް އީގަލްސްއާ ދެކޮޅަށް ކުޅުނު މެޗުންނެވެ.

ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެ ޖުމްލަ ހަ ޕޮއިންޓާއެކު ބިސްބުރަށް ލީގު ތާވަލުގައި ލިބެނީ ފަސްވަނައެވެ. ތާވަލުގެ ހަތަރުވަނައިގައި އޮތް އޮޑި ސްޕޯޓްސް ކުލަބަށް ވެސް ލިބެނީ ހަ ޕޮއިންޓެވެ. އޮޑިއަށް ކުރިލިބެނީ ގޯލުގެ ތަފާތުންނެވެ.

މި މެޗުގައި ބިސްބުރާ ދެކޮޅަށް ނުކުންނަ ވިކްޓްރީން ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެ، އެއްމެޗުން އެއްވަރުވެފައިވާއިރު ހަތް ޕޮއިންޓާއެކު އެޓީމު އޮތީ ތާވަލުގެ ދެވަނައިގައެވެ. ތިންވަނައިގައި އޮތް ނިއުރޭޑީއަންޓް ސްޕޯޓްސް ކުލަބަށް ވެސް ހަތް ޕޮއިންޓު ލިބިފައިވެއެވެ.