ސޫރިޔާގެ ދެކުނުގެ ސަރަޙައްދެއް ކަމަށްވާ ސުވައިދާގައި، ޤާނޫނީ އިމުން ބޭރުން ހަރަކާތްތެރިވާ ހަތިޔާރުއެޅި ޖަމާޢަތްތަކަށް ޔަހޫދީ ދައުލަތުން މާލީ އަދި އަސްކަރީ އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށާއި، މިއީ އެ ސަރަޙައްދުގެ ހަމަޖެހުން ނަގާލުމަށް ހިންގާ ޖަރީމާއެއް ކަމަށް ސޫރިޔާގެ ޚާރިޖީ ވަޒީރު އަސަދު ޙަސަން އަލް ޝައިބާނީ ތުހުމަތުކުރައްވައިފިއެވެ.
ކެމިކަލް ހަތިޔާރު މަނާކުރާ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ (އޯ.ޕީ.ސީ.ޑަބްލިއު) ގެ ޑިރެކްޓަރ-ޖެނެރަލް ސަބްރީނާ ދަލަފިއޯރާއާ އެކު ދިމިޝްގުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން، ސޫރިޔާގެ ޚާރިޖީ ވަޒީރު އަލް ޝައިބާނީ ވިދާޅުވީ، 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހު އައްސަދުގެ ވެރިކަން ވެއްޓުނު ފަހުން، ޔަހޫދީ ސިފައިން ދަނީ ސޫރިޔާގެ އުމްރާނީ ވަސީލަތްތަކަށް ހަމަލާތައް ދީ، އިތުރު ބިންތަކަށް އަތްގަދަކުރަމުންނެވެ.
މީގެއިތުރުން، އެ ގައުމުގެ ރައްޔިތުން ގެދޮރުން ނެރެ މަގުމަތިކުރުމާއި، ޤާނޫނާ ޚިލާފަށް މީހުން ހައްޔަރުކުރުން ފަދަ ލާއިންސާނީ ޢަމަލުތައް ހިންގަމުންދާ ކަމަށާއި، މިހާރުވެސް ސޫރިޔާގެ އެތައް ގައިދީންނެއްގެ މަޢުލޫމާތެއް ނޭނގި ގެއްލިފައިވާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މުޅި ސަރަޙައްދު ބޮޑު ހަމަނުޖެހުމެއްގެ ތެރެއަށް ވެއްޓިގެން ދިޔަ ނުދިނުމަށްޓަކައި، ޔަހޫދީންގެ މި ޢުދުވާނީ ޢަމަލުތައް ހުއްޓުވުމަށް ބައިނަލްއަޤުވާމީ މުޖުތަމަޢުން އަވަސް ފިޔަވަޅުތަކެއް އެޅުމަށް އަލް ޝައިބާނީ ގޮވާލެއްވިއެވެ. އަދި 1974 ވަނަ އަހަރު ވެވުނު އަސްކަރީ ބާރުތައް ދުރުހެލިކުރުމުގެ އެއްބަސްވުމަށް (ޑިސްއެންގޭޖްމަންޓް އެގްރީމަންޓް) އަލުން ރުޖޫޢަވެ، އދ. ގެ ސަލާމަތީ ފައުޖުތަކަށް އެ އެއްބަސްވުން ތަންފީޒުކުރުމުގެ ފުރިހަމަ ޖާގަ ދިނުމަށްވެސް އެދިވަޑައިގެންނެވިއެވެ.
މީގެއިތުރުން، އެމެރިކާ މެދުވެރިއެއްގެ ދައުރު އަދާކޮށްގެން ފާއިތުވި ދޮޅު އަހަރެއްހާ ދުވަހު ކުރިއަށްދާ މަޝްވަރާތަކުގައި ޔަހޫދީ ދައުލަތުން އިޚްލާޞްތެރިކަމާއެކު ބައިވެރިވުމަށް ޚާރިޖީ ވަޒީރު ގޮވާލެއްވިއެވެ. އަދި ސޫރިޔާގެ ސަލާމަތާއި މިނިވަންކަމާއި ސިޔާދަތަށް ފުރިހަމައަށް އިޙްތިރާމުކުރާ އެއްބަސްވުމަކަށް އައުމަށް ދިމިޝްގުން އަބަދުވެސް ތައްޔާރަށް އޮތް ކަމަށް ވިދާޅުވިއެވެ. ޔަހޫދީން ވަނީ 1967 ވަނަ އަހަރުން ފެށިގެން ސޫރިޔާގެ ގޯލާންގެ އުސްބިންތަކުގެ ބޮޑުބައެއް ޣައިރުޤާނޫނީ ގޮތުގައި ހިސާރުކޮށްފައެވެ.