މާ ގިނަ ދުވަސްތަކެއް ނުވެ، ހއ. ދިއްދޫގައި ޤައުމީ ޓީމާއެކު، އެހެން ބައެއް ޤައުމުތައް ހިމެނޭހެން ބައިނަލްއަޤްވާމީ މެޗުތަކެއް ބޭއްވޭނެ މަގުފަހިވާނެކަމަށް، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިއު ވިދާޅުވެއްޖެއެވެ.
ދިއްދޫގައި މި މަހުގެ 10ވަނަ ދުވަހު ކުޅުނު ދިރާގު ދިވެހި ޕްރިމިއަރ ލީގުގެ މެޗާއިއެކު، ރާއްޖޭގެ ދެކުނުގައި ފުރަތަމަ ފަހަރަށް ދިވެހި ފުޓުބޯޅައިގެ މަތީ ފަންތީގެ މެޗެއް ވަނި ކުޅެފައެވެ.
ދިއްދޫއަކީ އަތޮޅު ފެންވަރުގައި ފުޓުބޯޅައިގެ ނަން ހިނގާ ރަށަކަށްވާއިރު ސަރުކާރާއި ދިއްދޫގެ ކަމުވޮށިގެންވާ ފަރާތްތަކުން އަދި ގުޅުންހުރި އިދާރާތަކުން އަންނަނީ އެ ރަށަކީ ފުޓުބޯޅަ ހަބެއްގެ ގޮތުގައި ތަރައްގީކުރުމަށް މަސައްކަތްކުރަމުންނެވެ.
މި މަސައްކަތަށް ބޮޑު ބާރެއްގެ ގޮތުގައި ސަރުކާރުން ދިއްދޫގައި ބައިނަލްއަޤްވާމީ ފެންވަރުގެ ދަނޑެއް ތަރައްގީކުރުމުގެ މަސައްކަތް ފަށާފައިވާއިރު މި މަސައްކަތް އަންނަ އަހަރުގެ ފަހުކޮޅަށް ނިންމާލެވޭނެ ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ވަނީ ވިދާޅުވެފައެވެ.
"ޕީއެސްއެމް ނިއުސް" އާ ވާހަކަދައްކަވަމުން ވަޒީރު އަބްދުﷲ ރާފިއު ވަނީ، މި ދަނޑު ގާއިމްކުރެވުމާއިއެކު، އަންނަ އަހަރުގެ ފަހުކޮޅު ދިއްދޫގައި ބައިނަލްއަގްވާމީ މެޗުތަކެއް ކުޅެވޭނެ މަގު ފަހިވެގެންދާނެ ކަމަށާއި އެކަމަށް މަސައްކަތްކުރަމުންދާ ކަމަށެވެ.
"ﷲ އިރާދަކުރެއްވިއްޔާ އަންނަ އަހަރުގެ ފަހުކޮޅުގައި އަޅުގަނޑުމެންނަށް އެ މެޗުތައް ކުޅެވޭނެގޮތަށް މަގުފަހިވެގެންދާނެ. ދެން އެސޯސިއޭޝަނާ ވާހަކަދައްކައިގެން އަޅުގަނޑުމެންނަށް ރޭވިގެންދާނެ އިންޓަނޭޝަނަލް މެޗުތައް ނެޝަނަލް ޓީމާއެކީގައި ބޭރު ޤައުމުތަކުގެ ޓިމުތައް އައިސް މެޗު ކުޅުން. އެ މަންޒަރު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފެނިގެންދިއުން އެއީ އަޅުގަނޑުމެން ވަރަށް ބޭނުންވާކަމެއް. އިރާދަކުރެއްވިއްޔާ މާ ގިނަދުވަސްތަކެއް ނުވެ އަޅުގަނޑުމެންނަށް އެ މަންޒަރު ފެނިގެންދާނެ". ވަޒީރު ރާފިއު ވިދާޅުވިއެވެ.
ދިއްދޫގައި ދާދި އަވަހަށް ބައިނަލްއަގްވާމީ މެޗުތަކެއް ކުޅެވިގެންދާނެކަމުގެ އުފާވެރި ޚަބަރު ވަޒީރު ރާފިއު ދެއްވިއިރު، މީގެކުރިން، މަދުން ނަމަވެސް އުމުރުފުރާގެ ބައެއް މުބާރާތްތަކާއި މެޗުތައް އަތޮޅުތެރޭގައި ކުޅެފައިވެއެވެ. އެގޮތުން އެންމެފުރަތަމަ ރާއްޖޭގައި މާލެ ނޫން ތަނެއްގައި ފުޓުބޯޅައިގެ ބައިނަލްއަގްވާމީ މުބާރާތެއް ބޭއްވީ 2014 ވަނަ އަހަރު އައްޑޫ ސިޓީގައެވެ. އެފަހަރުގެ މުބާރާތުގެ ބައެއް މެޗުތައް މާލޭގެ އިތުރުން އައްޑޫ ސިޓީގައި ކުޅެފައިވެއެވެ.
އޭގެފަހުން ޔޫއެފާ އެސިސްޓް 15 އަހަރުން ދަށުގެ މުބާރާތެއް ވެސް އައްޑޫގައި ބާއްވާފައިވާއިރު، 2023 ވަނަ އަހަރުގެ ތެރޭގައި ޕާކިސްޠާން ޤައުމީ ޓީމާއެކު ރާއްޖޭގެ ޤައުމީ ޓީމުން ލ. ގަމު ދަނޑުގައި އެކުވެރިކަމުގެ މެޗެއް ކުޅެފައިވެއެވެ.