އިސްލާމީކަންތައްތަކާ އައުޤާފާ ބެހޭ ވުޒާރާ އާއި އުރީދޫ މޯލްޑިވްސް ގުޅިގެން، ރާއްޖޭގެ މިސްކިތްތައް މަރާމާތުކުރުމަށް "އުރީދޫ މަސްޖިދުނާ" އިނީޝިއޭޓިވް ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ.
މި އިނިޝިއޭޓިވް ރަސްމީކޮށް އިފްތިތާޙުކޮށްފައިވަނީ، އިސްލާމީކަންތައްތަކާ އައުޤާފާ ބެހޭ ވުޒާރާއާއި އުރީދޫ މޯލްޑިވްސް ޕީ.އެލް.ސީ ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
"އުރީދޫ މަސްޖިދުނާ"އަކީ، ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މިސްކިތްތައް މަރާމާތުކުރުމަށާއި، އެ ތަންތަނުގެ ހާލަތު ރަނގަޅުކުރުމަށް އެހީތެރިވެދިނުމުގެ މަޤްޞަދުގައި، އިސްލާމީކަންތައްތަކާ އައުޤާފާ ބެހޭ ވުޒާރާއާއި އުރީދޫ މޯލްޑިވްސް ގުޅިގެން ކުރިއަށްގެންދާ މަސައްޖަތެކެވެ. މިއީ އުރީދޫގެ ސީ.އެސް.އާރުގެ ދަށުން ކުރިއަށްގެންދާ މަސައްކަތެކެވެ.
މި ހަރަކާތުގެ މަޤްސަދަކީ ދީނީ ޢިމާރާތްތަކާއި ވަޞީލަތްތައް ހަރުދަނާކުރުމާއި، ރާއްޖޭގެ އާބާދީތަކުގެ ބޭނުންތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ. އެހެންކަމަށް ވާއިރު، "އުރީދޫ މަސްޖިދުނާ"ގެ ދަށުން، ކޮންމެ އަހަރަކުވެސް ރާއްޖޭގެ އެކި ސަރަޙައްދުތަކުން ފަސް މިސްކިތެއް މަރާމާތުކުރުމަށް ހަމަޖެހިފައިވެއވެެ. އަދި އެ މި މަސައްކަތްތައް ނިންމުމަށް ހަމަޖެހިފައިވަނީ ކޮންމެ އަހަރެއްގެވެސް ރަމަޟާން މަހުގެ ކުރިންނެވެ.
"އުރީދޫ މަސްޖިދުނާ" އިނީޝިއޭޓިވްއަކީ، ރާއްޖޭގެ އިސްލާމީ އުމްރާނީ ތަރައްޤީ ކުރިއެރުވުމުގައި ސަރުކާރާއި އަމިއްލަ ކުންފުނިތަކާ ގުޅިގެން ކުރާ މަސައްކަތްތައް ހަރުދަނާކުރުމަށް މިނިސްޓްރީން ކުރަމުންދާ ދެމެހެއްޓެނިވި މުހިންމު މަސައްކަތްތެއްކަން އިސްލާމީ ކަންތައްތަކާއި އައުޤާފާބެހޭ ވުޒާރާއިން ހާމަކުރައްވައެވެ. އުރީދޫއިން ފާހަގަކުރައްވާފައިވާ ގޮތުގައި މިނިސްޓްރީއާއި އުރީދޫ މޯލްޑިވްސްގެ އަމާޒަކީ މިސްކިތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށް އެހީތެރިވެދިނުމެވެ.