ދިރާގު ދިވެހި ލީގުގައި ވާދަވެރިކަން ބޮޑުވި އޮޑި ސްޕޯޓްސް ކުލަބާއި ނިއުރޭޑިއަންޓް ސްޕޯޓްސް ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.
ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑުގައި ކުޅުނު މި މެޗު ނިމުނީ 2-2 އިން ދެޓީމު އެއްވަރުވެގެންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުންވެސް ފުރުސަތުތަކެއް ތަނަވަސްކޮށް އިދިކޮޅު ޓީމުގެ ގޯލާ އަމާޒުކޮށް ނުރައްކާތެރި ހަމަލާތަކެއް އުފައްދާފައިވެއެވެ. އެގޮތުން ފުރަތަމަ ހާފުގައި އޮޑީގެ އަހްޒަމް ރަޝީދު ފޮނުވާލި ރީތި ހަމަލާއެއް ގޯލުގެ ހުރަސް ދަނޑިއަށް އަމާޒުވިއިރު އެޓީމުގެ އިބްރާޙީމް ވަހީދު އޭރިއާ ތެރޭގައި ހުރެ ފޮނުވާލި ބާރު ހަމަލާއެއް ގޯލަށް ވަނުމަށް ހުރަސްއެޅީ ނިއުގެ ކީޕަރު އަޙްމަދު ސަމީރެވެ.
ނިއުރޭޑިއަންޓުން ވެސް ވަނީ ނުރައްކާތެރި ހަމަލާތަކެއް ފުރަތަމަ ހާފުގައި އުފައްދާފައެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވެނީ މުޅިން ހުސްކޮށްލާފައި އަލީ އަޝްފާޤް (ދަގަނޑޭ) ތަނަވަސްކޮށްދިން ފުރުސަތެއްގައި އެކަނިމާއެކަނި ހުރެ ޑޮރިއެލްޓަން ގޮމޭޒް ފޮނުވާލި ހަމަލާއެވެ. ގޯލާ ވަރަށް ކައިރީގައި ހުރެފައި ޑޮރިއެލްޓަން ފޮނުވާލި ބޯޅައަށް ހުރަސްއެޅީ މުޅި މެޗުގައި ވެސް މޮޅު ކުޅުމެއް ދެއްކި އޮޑީގެ ކީޕަރު މުޙައްމަދު އަޝްވާނެވެ.
ގިނަ ހަމަލާތަކެއް ދެޓީމުގެ ފަރާތުން ވެސް ފެނިގެންދިޔަ މެޗުގެ ފުރަތަމަ ހާފު ނިމުނީ ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވިއެވެ.
ފުރަތަމަ ހާފުގައި ލަނޑެއް ފެނިގެން ނުދިޔަ ނަމަވެސް ދެވަނަ ހާފު ފަށައިގެން 25 ސިކުންތުގެ ތެރޭގައި އޮޑިން ލަނޑެއްޖަހައި ލީޑުނެގިއެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޒުވާން ތަރި އަޙްޒަމް ރަޝީދެވެ.
އޮޑިން ލީޑުނެގިތާ މިނެޓެއް ތެރޭގައި ނިއުރޭޑިއަންޓުން ނަތީޖާ ހަމަހަމަކުރިއެވެ. މުޙައްމަދު ނާއިމް ނަގައިދިން ހުރަހަކުން ބޮލުން ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިގެން މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޑޮރިއެލްޓަން އެވެ.
މެޗުގައި ދެވަނަ ފަހަރަށްވެސް ލީޑުނެގީ އޮޑިންނެވެ. އަޙްޒަމް އާއި އަޙްމަދު އައިހަމް ގުޅިގެން ތަނަވަސްކުރި ފުރުސަތެއްގައި އައިހަމް ނަގައިދިން ހުރަހެއްގައި ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިގެން ދެވަނަ ފަހަރަށް މެޗުގައި އޮޑިއަށް ލީޑުނަގައިދިނީ މުޒްދާން ޙަސަން އެވެ.
ފަހު ހާފުގައި މޮޅަށް ކުޅުނު އޮޑިން މި މެޗު ކާމިޔާބުކޮށް، ތިން ޕޮއިންޓު ހޯދުމުގެ އުއްމީދުގައި ކުޅެމުންދަނިކޮށް އެ އުއްމީދަށް ނިމުން ގެނުވީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި އަމްދާން އަލީއެވެ. މިއީ ކޯނަރަކުން ތަނަވަސްވި ފުރުސަތެއްގައި މެޗުގެ 88 ވަނަ މިނެޓުގައި ބޮލުން ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިގެން އަމްދާން ކާމިޔާބުކޮށްދިން ލަނޑެކެވެ.
މި ނަތީޖާއާއިއެކު މި މެޗު އެއްވަރުވިއިރު ނިއުއިން މި މަހުގެ 10ވަނަ ދުވަހު ދިއްދޫގައި އެޓީމާ ދެކޮޅަށް ކުޅުނު މެޗުގައި ވެސް ވީ އެއްވަރެވެ. އެ މެޗުގައި ދިއްދޫއިން 1-2ގެ ލީޑެއްގައި އޮވެ ކުޅެމުންދަނިކޮށް ނިއުއިން ނަތީޖާ ހަމަހަމަކުރީ 90 މިނެޓު ހަމަވެ ދެއްކި އިތުރުވަގުތުގެ ވެސް ކުޅުން ހަމަވިފަހުންނެވެ.
މި ނަތީޖާއާއިއެކު ނިއު އަދިވެސް އޮތީ ތިންވަނައިގައެވެ. ނިއުއަށް ހަތަރު މެޗުން ލިބެނީ އަށް ޕޮއިންޓެވެ. ހަތަރުވަނައިގައި އޮޑި ސްޕޯޓްސް ކުލަބު އޮތީ ހަތް ޕޮއިންޓާ އެކުއެވެ.