ތިމާވެށި

އެ.އޯ.ސި.ސްގެ މެމްބަރު ޤައުމުތަކުގެ ވަޒީރުންގެ ބައްދަލުވުމެއް


އެލަޔަންސް އޮފް ސްމޯލް އައިލެންޑް ސްޓޭޓްސް – އެ.އޯ.ސި.ސް- ގެ އިއްތިހާދުގެ މެމްބަރު ޤައުމުތަކުގެ ވަޒީރުން ފެންވަރުގެ ބައްދަލުވުމެއް މޮރޮކޯގެ މަރާކަޝްގައި ބައްވައިފިއެވެ. މި ބައްދަލުވުން ބާއްވާފައިވަނީ މޫސުމަށް އަންނަ ބަދަލުތަކާއި ދެކޮޅަށް އެކުލަވާލާފައިވާ މުއާހަދާ، ޔޫ.އެން.އެފް.ސީ.ސީ.ސީގެ 22 ވަނަ ބައްދަލުވުމުގެ ހަވާސާގެ ތެރެއިންކަމަށް ތިމާވެއްޓާ ބެހޭ ވުޒާރާއިން މަޢުލޫމާތުދެއެވެ.

މި ބައްދަލުވުމުގައި މައިގަނޑުގޮތެއްގައި ވާހަކަދައްކަވާފައި ވަނީ މޫސުމަށް އަންނަބަދަލުތަކާއި ގުޅިގެން މިހާރު ހިނގަމުންދާ ބައިނަލްއަޤްވާމީ މަޝްވަރާތަކުގައި ކުދި ޖަޒީރާ ޤައުމުތަކުން އިސްކަންދޭނެ ކަންތައްތަކާއި، އެކަންތައްތައް ޙާސިލް ކުރުމަށް ގުޅިގެން ޤައުމުތަކުން ކުރަންޖެހޭ މަސައްކަތްތަކާއި ގުޅޭގޮތުންކަމަށް ތިމާވެއްޓާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށް ކުދި ޖަޒީރާ ޤައުމުތަކަށް ދެމެހެއްޓެނިވި އަދި އެކަށޭނެ މިންވަރަކަށް އެހީ ހޯދުމަށް މަސައްކަތް ކުރުމާބެހޭގޮތުން އިއްތިޙާދުގެ މެމްބަރު ޤައުމުތަކާއިއެކު، މި ބައްދަލުވުމުގައި މަޝްވަރާކޮށްފައިވާކަމަވެސް ތިމާވެއްޓާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

އިތުރު ދެ އަހަރަށް ރާއްޖެއިން އެ.އޯ.ސި.ސްގެ ރިޔާސަތު ބަލަހައްޓައިދިނުމަށް އިއްތިހާދުގެ މެންބަރު ޤައުމުތަކުން އެދުމުން ރާއްޖެއިން ވަނީ އެކަން ޤަބޫލުކޮށްފައެވެ.

އެ.އޯ.ސި.ސް އަކީ ތަރައްޤީވަމުންއަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ މައްޗަށް އެކުލެވޭ 44 ޤައުމު ހިމެނޭ އިއްތިހާދެކެވެ. މި އިއްތިހާދުގެ ރިޔާސަތާއި ރާއްޖެއިން ހަވާލުވެފައިވަނީ 2015 ވަނައަހަރުގައެވެ.

ރާއްޖެއިން ވަނީ ޕެރިސް އެގްރިމެންޓް ކާމިޔާބު އެއްޗަކަށް ހެއްދެވުމަށްޓަކައި މުހިންމު މަސައްކަތްތަކެއް ކޮށްފައެވެ.