ޚަބަރު

އަންނަ ހަފުތާގައިވެސް ވިއްސާރަކުރާނެ!


  • މޫސުން ގޯސްވާނެކަމަށް ލަފާކޮށް ސަމާލުތައް ދަނީ ނެރެމުން

  • ހުރިހާ ހިސާބަކަށްވެސް އާންމުކޮށް ވައި އުޅެނީ އާދައިގެ މިންވަރަކަަށް މަޑުކޮށް

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ އަސަރު ކުޑަވެ މޫސުން އަލިވާން ފަށާނީ އަންނަ އާދިއްތަ ދުވަހު ނަމަވެސް، އަންނަ ހަފުތާގައިވެސް ވިއްސާރަވާނެ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ މެޓުން ލަފާކޮށްފިއެވެ.

އެ އިދާރާއިން ވިދާޅުވީ އާދިއްތަ ދުވަހުން ފެށިގެން ވާރޭވެހޭ މިންވަރު ދަށްވި ނަމަވެސް، މުޅި ހަފުތާގައިވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށެވެ.

މިއަދާއި މާދަމާވެސް ރާއްޖޭގެ ހުރިހާ ހިސާބަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މެޓް އޮފީހުން ވަނީ އެކި ސަރަޙައްދުތަކަށް އެލާޓްތައްވެސް ނެރެފައެވެ. އެގޮތުން ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކޮށް ބ. އަތޮޅުން ފެށިގެން ތ. އަތޮޅަށް ވަނީ ހެނދުނު 09:30 އިން މެންދުރު 13:00 އާ ހަމައަށް ރީނދޫ ސަމާލު ނެރެފައެވެ.

މީގެ އިތުރުން ބޮޑުތިލަދުންމަތި ފިޔަވައި ރާއްޖޭގެ ހުރިހާ އަތޮޅަކަށް ހެނދުނު 08:10 އިން މެންދުރު 14:00 އާ ހަމައަށް ހުދު ސަމާލުވެސް ނެރެފައިވެއެވެ.

މެޓު އޮފީހުން ލަފާކުރާ ގޮތުގައި މިއަދު ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް އާންމުކޮށް ވައި އުޅެނީ އާދައިގެ މިންވަރަކަަށް މަޑުކޮށެވެ. އުތުރާއި މެދު ރާއްޖެތެރެއަށް ހުޅަނގު އުތުރާއި އުތުރުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 35 މޭލު ބާރުމިނަށް ވައި ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

މޫސުން ގޯސްވެ ބޯކޮށް ވާރޭވެހި ވިލާގަނޑުގައި ވައިގަދަވާނެ ކަމަށް ލަފާކުރެވޭތީ، މޫސުމަށް ސަމާލުވުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ