އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިސްނަންގަވައިގެން އެކުލަވައިލެއްވި، ހަކަތައިގެ މަރުކަޒުތަކަށް ހަމަލާދިނުން ހުއްޓައިލުމުގެ އެއްބަސްވުމަށް ޢަމަލުކުރުން ހުއްޓައިލިކަން އިޢުލާނުކުރުމަށްފަހު، ޔޫކްރެއިނުން ރަޝިއާގެ މުހިންމު ތެޔޮ ސާފުކުރާ ކާރުޚާނާއަކަށް ޑްރޯން ބޭނުންކޮށްގެން ވަރުގަދަ ހަމަލާތަކެއް ދީފިއެވެ.
މި ނިންމުމާއެކު، ޔޫކްރޭންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ވަނީ ރަޝިއާ އާއެކު އެއްބަސްވުންތައް ޤާއިމުކުރުމުގައި ޓްރަމްޕް ގެންގުޅުއްވާ ޚާރިޖީ ސިޔާސަތަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
ރަޝިއާގެ ތެޔޮ ސާފުކުރާ ވަޞީލަތްތަކަށް ހަމަލާދިނުން ހުއްޓައިލުމަށް އެމެރިކާއިން ކުރި ޑިމާންޑްތަކަށް ޔޫކްރެއިނުން ދެކޮޅުހަދައި، ޓްރަމްޕަށް ފާޅުގައި ބަހުގެ ހަމަލާތަކެއް ރައްދުކުރުމާ ގުޅިގެން، 2022 ވަނަ އަހަރު ރަޝިއާ-ޔޫކްރެއިން ހަނގުރާމަ ފެށުނު ފަހުން އެމެރިކާ އާއި ޔޫކްރެއިނާ ދެމެދު އުފެދުނު ސިޔާސީ ނުތަނަވަސްކަން އިތުރަށް ގޯސްވެދާނެ ކަމަށް މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ލަފާކުރެއެވެ.
ޔޫކްރެއިނުގެ އަސްކަރިއްޔާއިން މިފަހަރު އަމާޒުކޮށްފައިވަނީ ރަޝިއާގެ ވެރިރަށް މޮސްކޯގެ އިރުދެކުނުގައި އޮންނަ ތެޔޮ ސާފުކުރާ ކާރުޚާނާއަށެވެ. މި ކާރުޚާނާއަކީ ރަޝިއާގެ ދައުލަތުގެ ތެޔޮ ކުންފުނި "ރޮސްނެފްޓް" ގެ ދަށުން ހިންގާ، އެ ޤައުމުގެ ޖުމްލަ އުފެއްދުންތެރިކަމުގެ ގާތްގަނޑަކަށް 5 އިންސައްތަ ޙިއްސާކުރާ އަދި ވެރިރަށް މޮސްކޯއަށް ތެޔޮ ފޯރުކޮށްދިނުމުގައި މުހިންމު ދަޢުރެއް އަދާކުރާ ތަނެކެވެ. އެ ސަރަޙައްދުގެ ގަވަރުނަރު ޕަވެލް މަލްކޯވް ވިދާޅުވި ގޮތުގައި، ޔޫކްރޭނުން ދިން ޑްރޯން ހަމަލާތަކާ ގުޅިގެން އެ ކާރުޚާނާގައި ވަނީ ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގާފައެވެ.
މި ހަމަލާއާ ގުޅިގެން ރަޝިއާގެ ރައީސް ވްލަޑިމީރް ޕޫޓިން ވިދާޅުވީ، މިއީ މާ ބޮޑު ނުރައްކަލެއް ނުވަތަ އަސަރެއް ކުރާނެ ފަދަ މުހިންމު ކަމެއް ނޫން ކަމަށެވެ.
ހަކަތައިގެ ވަޞީލަތްތަކަށް ހަމަލާދިނުން މަޑުޖައްސައިލުމަށް ދެޤައުމުން އެއްބަސްވެފައިވާ ކަމަށް ޓްރަމްޕް އިޢުލާނުކުރެއްވުމާ ގުޅިގެން ޔޫކްރެއިނުން ހަމަލާތައް މެދުކަނޑައިލި ނަމަވެސް، ރަޝިއާއިން ވަނީ ޔޫކްރެއިނުގެ ކަރަންޓު ވިއުގަތަކަށް އަމާޒުކޮށް ވަރުގަދަ މިސައިލާއި ޑްރޯން ހަމަލާތަކެއް ދީ، އެތައް ލައްކަ ރައްޔިތުންނެއް ކަރަންޓުގެ ޚިދުމަތުން މަޙްރޫމްކޮށްފައެވެ.
މިކަމާ ގުޅިގެން "ފައިނޭންޝަލް ޓައިމްސް" ނޫހަށް ދެއްވި ބަސްދީގަތުމެއްގައި ޒެލެންސްކީ ވިދާޅުވީ، ޔޫކްރެއިނުގެ ކެތްތެރިކަން މިހާރު ކޮޅުންލައިފައިވާ ކަމަށެވެ.
"އެ ހުރަސް [ތެޔޮ ސާފުކުރާ ތަންތަނަށް ހަމަލާނުދިނުމުގެ އެއްބަސްވުން] މިހާރު ނިމުމަކަށް އަތުވެއްޖެ. އަހަރެމެން އެކަން ނިންމާލައިފިން،" ޒެލެންސްކީ ވިދާޅުވިއެވެ.
މީގެ އިތުރުން، ބާރާއި ނުފޫޒު ގަދަ ލީޑަރުންނަށް ޓްރަމްޕްގެ ހިތްޕުޅުގައި އޮންނަ ޚާއްޞަ ލޯތްބަށާއި، ޕޫޓިންއަށް ކުރައްވާ ތަޢުރީފަށް ޒެލެންސްކީ ވަނީ ހަރުކަށި އިބާރާތުން ފާޑުވިދާޅުވެފައެވެ.
ޔޫކްރެއިނުގެ އަސްކަރީ ޑްރޯންތައް އޮޕަރޭޓްކުރުމަށް ބޭނުންކުރާ ސްޕޭސްއެކްސްގެ "ސްޓާޝީލްޑް" ޚިދުމަތްތަކަށް ދިމާވި ހުރަސްތަކަކީ ޓެކްނިކަލް މައްސަލައެއް ނޫން ކަމަށާއި، އެއީ ގަސްދުގައި ނިންމާފައިވާ ސިޔާސީ ނިންމުމެއް ކަމަށް ޒެލެންސްކީ ތުހުމަތުކުރެއްވިއެވެ.
މިކަމާ ގުޅިގެން ސްޕޭސްއެކްސްގެ ވެރިޔާ އީލޮން މަސްކް ވިދާޅުވީ އެ ނިޒާމުގެ ފުރިހަމަ ބާރު އޮތީ އެމެރިކާ ސަރުކާރަށާއި ޓްރަމްޕަށް ކަމަށެވެ.
ޔޫކްރެއިނުގެ އަސްކަރީ މަސްދަރުތަކުން ބުނާ ގޮތުގައި، އެ ނިޒާމުގެ ދުވެލި މިހާރު ވަނީ ގަޑިއަކު 160 ކިލޯމީޓަރަށް ލިމިޓްކޮށްފައެވެ. މިއީ ރަޝިއާގެ ޑްރޯންތަކުން ދިފާޢުވުމަށް އެކަށީގެންވާ ވަރަށް ވުރެ މަޑު ދުވެއްޔެކެވެ.
ހަމައެއާއެކު، އެމެރިކާގެ ސެޓެލައިޓްތަކުން ފޯރުކޮށްދޭ މިސައިލް އިންޒާރުގެ މަޢުލޫމާތުތައް މިހާރު ނުލިބޭ ކަމަށް ޔޫކްރޭނުން ބުނަމުންދިޔަ ނަމަވެސް، ޓްރަމްޕް ވަނީ ޔޫކްރޭނަށް ޖާސޫސީ މަޢުލޫމާތު ދިނުން ހުއްޓާލާފައިވާ ކަމަށް ބުނާ ވާހަކަތައް ދޮގުކުރައްވައިފައެވެ.
މަސްރަޙު ގޯސްވަމުންދާ ދަނޑިވަޅެއްގައި، ރަޝިއާއިން އެންމެ ހަ ހަފްތާގެ ތެރޭގައި ޖެޓް އިންޖީނު އެޅި ޑްރޯން ފޮނުވާނެ ބޮޑު އަސްކަރީ މަރުކަޒެއް ބިނާކޮށްފައިވާކަން ސެޓެލައިޓް ފޮޓޯތަކުން ވަނީ ފެނިފައެވެ. އަނެއްކޮޅުން، ކަޅު ކަނޑުން ދަތުރުކުރި ކެމިކަލް އުފުލާ ދެ ޓޭންކަރަކަށް ޑްރޯން ހަމަލާތަކެއް އަމާޒުވެ އަލިފާން ރޯވުމާ ގުޅިގެން، ގެއްލިފައިވާ 7 ފަޅުވެރިން ހޯދުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން ދަނީ ކުރަމުންނެވެ.
އެމެރިކާގެ މިޑްޓަރމް އިންތިޚާބު ކައިރިވަމުން އަންނައިރު، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުންދާތީ ޓްރަމްޕްގެ ސަރުކާރަށް ވަނީ ބޮޑެތި ސިޔާސީ ފިއްތުންތަކެއް ކުރިމަތިވެފައެވެ. މީގެ އިތުރުން، ރަޝިއާއިން ބުރާސްފަތި ދުވަހު ބުނެފައިވަނީ، ޔޫކްރޭނުން ރަޝިއާގެ ހަކަތައިގެ މަރުކަޒުތަކަށް ހަމަލާދިނުމަކީ ސުލްޙަ ޤާއިމުކުރުމަށް ކުރެވޭ މަސައްކަތްތަކަށް އެޅޭ ވަރަށް ބޮޑު ހުރަހެއް ކަމަށެވެ.