ގދ. އަތޮޅު މާވަރުލުގައި ހަދާ އެއަރޕޯޓަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން ކުރިއަށް ގެންދަވާ މަޝްރޫޢެއްކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އަޙްމަދު ޒުހޫރު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ދިރާސާކުރާ ކޮމެޓީގައި ވާހަކަފުޅުދައްކަވަމުން އިކޮނޮމިކް އެންޑް ޔޫތް ކައުންސިލް (އީވައިސީ)ގެ ޗެއަރ، ކަންވެސް ކުރައްވާ މިނިސްޓަރ ޒުހޫރު ވިދާޅުވީ މާވަރުލަ އެއަރޕޯޓް ހެދުމަށް ސަރުކާރުން ނިންމަވާފައިވަނީ ޕްރައިވެޓް ޕާޓްނަރޝިޕްގެ ތެރެއިންކަމަށެވެ. މާވަރުލު އެއަރޕޯޓަކީ މިހާރުވެސް 70 އިންސައްތަ މަސައްކަތް ނިމިފައިވާ އެއަރޕޯޓެކެވެ. އެހެންކަމުން މިއެއަރޕޯޓްގެ ނުނިމި ހުރި މަސައްކަތްތައް ނިންމުމަށް އެންމެ ރަނގަޅު ގޮތަކީ ޕްރައިވެޓް ޕާޓްނަރޝިޕްގެ ތެރެއިން މިކަން ކުރުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މާވަރުލު އެއަރޕޯޓް ހެދުމަށް ސަރުކާރުން މޫވިން އިންޓަރނޭޝަނަލާ ޙަވާލުކުރައްވާފައިވަނީ 2011 ވަނަ އަހަރުގެ ތެރޭގައެވެ. ނަމަވެސް 30 މަސްދުވަހުގެ ތެރޭގައި އެއަރޕޯޓްގެ ހުރިހާ މަސައްކަތެއް ނިންމާގޮތަށް މޫވިން އިންޓަރނޭޝަނަލާ ޙަވާލުކުރެއްވި މި މަޝްރޫޢުގެ މަސައްކަތް އެގްރިމެންޓާ އެއްގޮތަށް ނިމިފައިނުވަތީ މިއަހަރުގެ ތެރޭގައި ސަރުކާރުން ވަނީ މި އެގްރިމެންޓް ބާޠިލްކުރައްވާފައެވެ. ސަރުކާރުގެ އަމާޒަކީ ކޮންމެ ރަށަކުންވެސް ގިނަވެގެން ބައިގަޑިއިރު ތެރޭގައި ލޯންޗެއްގައި ދަތުރުކޮށްގެން ދެވޭ ހިސާބެއްގައި އެއަރސްޓްރިޕެއް އޮތުންކަމަށް ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ. މި އެއަރސްޓްރިޕަކީ 1.2 ކިލޯ މީޓަރުގެ އެއަރސްޓްރިޕަކަށް ވާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.
ސަރުކާރުގެ މިއަމާޒަށް ވާޞިލްވެވަޑައިގަތުމަށް ސަރުކާރުން ގެންދަވަނީ މިހާރުވެސް ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން އަންނަ އަހަރުގެތެރޭގައިވެސް ރާއްޖޭގެ ހަތަރު ސަރަޙައްދެއްގައި އިތުރު އެއަރޕޯޓްތަކެއްގެ ހެއްދުމުގެ މަސައްކަތް ފެއްޓެވުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. މީގެ އިތުރުން މިހާރު ހަދަން ފަށާފައިވާ އެއަރޕޯޓްތަކުގެ މަސައްކަތްތައްވެސް އަންނަ އަހަރުގެ ތެރޭގައި ނިމި ޚިދުމަތްދެވޭނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.