ޗައިނާގައި މިހާރު ކުރިއަށްދާ ވޫހާން އޯޕަން ޓެނިސް މުބާރާތުގެ ސެމީ ފައިނަލުން މިމުބާރާތުގައި 7 ވަނައަށް ސީޑު ކުރެވިފައިވާ ޕޯލަންޑުގެ އީގާ ޝުވާޓެކް ޖާގަހޯދައިފިއެވެ.
މިމުބާރާތުގެ ސެމީ ފައިނަލުން ޝުވާޓެކް ޖާގަހޯދީ ކުއާޓަރ ފައިނަލްގައި އެމެރިކާގެ އާން ލީ އާއި ބައްދަލުކުރި މެޗު ސީދާ 2 ސެޓުން ކާމިޔާބު ކޮށްގެންނެވެ. އެއީ 6-4 އަދި 6-1 އިންނެވެ. މިކާމިޔާބީ އާއެކު ޝުވާޓެކް ވެފައިވަނީ 2009 ވަނަ އަހަރަށް ފަހު ޑަބްލިޔު.ޓީ.އޭ ވަންތައުޒަންޑްގެ މިހާރު ކުޅެވެމުންދާ 10 މުބާރާތުގެ ސެމީ ފައިނަލުން ޖާގަހޯދި 4 ވަނަ ކުޅުންތެރިޔާ އަށެވެ. މިމުބާރާތުގެ ސެމީ ފައިނަލްގައި ޝުވާޓެކް ބައްދަލުކުރާނީ ޕޯލަންޑަށް ނިސްބަތްވަ އެހެން ކުޅުންތެރިއެއް ކަމަސްވާ މާޔާ ޗުވަލިންސްކާއާއެވެ.
މިމުބާރާތުގެ ސެމީ ފައިނަލުން 16 ވަނައަށް ސީޑު ކުރެވިފައިވާ ޗުވަލިންސްކާ ޖާގަހޯދީ ކުއާޓަރ ފައިނަލްގައި ގްރީސްގެ މާރިއާ ސަކާރީ އާއި ބައްދަލުކުރި މެޗު 2-1 ސެޓުން ކާމިޔާބު ކޮށްގެންނެވެ. މިގޮތުން ފުރަތަމަ ސެޓު ގިނަ ބަޔަކު ހައިރާން ކޮށްލުމަށްފަހު 6-0 އިން ކާމިޔާބު ކޮށްފައިވަނީ ޗުވަލިންސްކާއެވެ. ނަމަވެސް ޖެހިގެން އައި ދެވަނަ ސެޓު ސަކާރީ ވަނީ 3-6 އިން ކާމިޔާބުކޮށް މިމެޗު ތިންވަނަ ސެޓަކަށް ގެންގޮސްފައެވެ. މިމެޗުގެ ތިންވަނަ ސެޓު 7-5 އިން ކާމިޔާބު ކޮށްފައިވަނީ ޗުވަލިންސްކާއެވެ.
މީގެއިތުރުން މިމުބާރާތުގައި ސީޑު ކުރެވިފައިވާ ދެ ކުޅުންތެރިން ކަޓުވާލުމަށްފަހު އިނގިރޭސިވިލާތުގެ ސޮނޭ ކާޓަލްއާއި އޮސްޓްރިއާގެ ޔެލޭނާ އޮސްޓަޕެންކޯވެސްވަނީ ސެމީ ފައިނަލުން ޖާގަހޯދައިފައެވެ. މިމުބާރާތުގެ ސެމީ ފައިނަލުން ކާޓަލް ޖާގަހޯދީ 5 ވަނައަށް ސީޑު ކުރެވިފައިވާ ޔޫކްރެއިންގެ އެލީނާ ސްވިޓޮލީނާ އާއި ބައްދަލުކުރި މެޗު 2-1 އިން ކާމިޔާބު ކޮށްގެންނެވެ.
އެއީ 6-2، 2-7 އަދި 6-4 އިންނެވެ. އޮސްޓަޕެންކޯ ސެމީ ފައިނަލުން ޖާގަހޯދީ ކުއާޓަރ ފައިނަލްގައި 11 ވަނައަށް ސީޑު ކުރެވިފައިވާ ޑިއާނާ ޝްނައިޑަރ އާއި ބައްދަލުކުރި މެޗު ސީދާ 2 ސެޓުން ކާމިޔާބު ކޮށްގެންނެވެ.