މަގުމަތީގެ ސަލަމާތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ފުލުހުން ހިންގަމުންދާ އޮޕަރޭޝަންގައި މަސްއޫލިއްޔަތު އަދާކުރަނިކޮށް އަނިޔާވި އޮފިސަރަށް ބޭނުންވާ އެހީތެރިކަން ސަރުކާރުން އަދި ފުލުހުންގެ މުޢައްސަސާއިން ދޭނެ ކަމުގެ ޔަޤީންކަން ދާޚިލީ ސަލަމަތާއި މަސައްކަތްތެރިކަމާއި ފަންނިޔާތާއި ބެހޭ ވަޒީރު ދެއްވައިފިއެވެ.
މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ހިންގަމުންދާ ޚާއްސަ އޮޕަރޭޝަންގައި ޑިއުޓީ އަދާކުރަނިކޮށް ސީރިއަސް އަނިޔާތަކެއް ލިބުނު ފުލުސް އޮފިސަރުގެ ހާލު ބެއްލެވުމަށް، ދާޚިލީ ވަޒީރު ޢަލީ އިޙްސާން މިއަދު އޭޑީކޭ ހޮސްޕިޓަލަށް ޒިޔާރަތްކުރައްވައި، އަނިޔާވި ފުލުހަށް ވަނީ ހިތްވަރު ދެއްވާފައެވެ. މި ޒިޔާރަތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކްރީވެސް ބައިވެރިވެލެއްވިއެވެ.
މި ޒިޔާރަތުގައި ވަޒީރު ވަނީ، އެއްވެސް ފަސްޖެހުމެއްނެތި ގައުމީ ވާޖިބު އަދާކުރުމުގައި އެ އޮފިސަރު ދެއްކެވި ހިތްވަރާއި ސާބިތުކަން ފާހަގަކުރައްވައި، ރައްޔިތުންނަށް ކޮށްދެއްވަމުން ގެންދަވާ އަގުހުރި ޚިދުމަތް ފާހަގަކުރައްވާފައެވެ. އަދި އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށާއި ގާނޫނު ތަންފީޒުކުރުމުގައި ފުލުހުންގެ އޮފިސަރުން ވަމުންދާ މަތިވެރި ގުރުބާނީ ވަޒީރު ވަނީ ޝުކުރުވެރިކަމާއެކު ފާހަގަކުރައްވާފައެވެ.
ވަޒީރުގެ މި ޒިޔާރަތުގައި މި ދަތި ދަނޑިވަޅުގައި އާއިލާއަށް ހިތްވަރު ދެއްވާފައިވެއެވެ. އަދި ބޭނުންވާ އެންމެހައި އެހީތެރިކަމާއި އެއްބާރުލުން ސަރުކާރާއި މުއައްސަސާގެ ފަރާތުން ފޯރުކޮށްދެއްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އާއިލާއަށް ވަނީ ދެއްވާފައެވެ.
މި ހާދިސާ ހިނގާފައިވަނީ ހުކުރު ދުވަހު ފަތިހު 04:29 އެހައިކަންހާއިރު، ސިނަމާލެ ބްރިޖު ހައިވޭއިން މާލެއިން ހުޅުމާލެއަށް ދަތުރުކުރާ ލޭނުގައެވެ. އަނިޔާވި އޮފިސަރަކީ، ނުރައްކާތެރިކޮށް އުޅަނދު ދުއްވުން ހުއްޓުވުމަށާއި މަގުމަތީގެ ސަލާމަތް ކަށަވަރު ކުރުމަށްޓަކައި ގާއިމުކޮށްފައިވާ ވެހިކަލް ޗެކްޕޮއިންޓެއްގައި ޑިއުޓީ އަދާކުރަމުން ދިޔަ އޮފިސަރެކެވެ.
އޮފިސަރަށް ސީރިއަސް އަނިޔާތަކެއް ލިބުނީ، ބާރު ސްޕީޑުގައި ދުއްވާފައި އައި ސައިކަލަކުން ބެރިކޭޑެއްގައި ޖެހި ފުލުސް އޮފިސަރުގެ ގައިގައި ޖެހިގެންނެވެ. ކޮމިޝަނަރ އޮފް ޕޮލިސް ވަނީ މިއީ ގަސްތުގައި ހިންގާފައިވާ ޢަމަލެއް ކަމަށް ބެލެވޭ ކަމަށް ވިދާޅުވެފައެވެ.