ޖަރުމަނު ބުންޑެސްލީގާގައި އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިޔުނިކާއި އާރްބީ ލެއިޕްޒިގް ބައްދަލުކުރި މެޗު ބަޔާނުން ފަސޭހަ ކަމާއެކު ކާމިޔާބުކޮށްފިއެވެ.
ބަޔާންގެ އެލިއާންޒް އެރީނާގައި ކުޅުނު މިމެޗު އެޓީމުން ކާމިޔާބު ކޮށްފައިވަނީ ތަފާތު ބޮޑުކޮށް 6-1 ލަނޑުންނެވެ. ބަޔާންގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ލުއިސް ޑިއާޒްވަނީ ހެޓްރިކެއް ހަދައިފައެވެ. މިމެޗުގެ ފުރަތަމަ ލަނޑު ޖަހާ މެޗުގެ ލީޑު ނަގާފައިވަނީ މެޗުގެ 12 ވަނަ މިނެޓުގައި ޑިއާޒް ކާމިޔާބު ކޮށްދިން ލަނޑުން ބަޔާންއެވެ. މިމެޗުގައި ބަޔާންގެ ދެވަނަ ލަނޑު މެޗުގެ 26 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ އެލެކްސެންޑަރ ޕަވްލޮވިޗެވެ. އަދި މެޗުގެ 34 ވަނަ މިނެޓްގައި މައިކަލް އޮލީސޭ ކާމިޔާބު ކުރި ލަނޑާއެކު ބަޔާނުން ފުރަތަމަ ހާފު ނިންމާލީ ތިން ލަނޑުގެ ލީޑެއްގައި އޮވެގެންނެވެ.
މިމެޗުގެ ދެވަނަ ހާފުވެސް ބަޔާނުން ފެށި ފުރަތަމަ ހާފް ނިންމާލި ހިސާބުންނެވެ. މިގޮތުން ދެވަނަ ހާފްގެ ކުޅުން ފެށިތާ 2 ވަނަ މިނެޓްގައި ޑިއާޒްވަނީ ބަޔާންގެ 4 ވަނަ ލަނޑު ކާމިޔާބު ކޮށްދީ އޭނާ މިމެޗުގައި ޖެހި ދެވަނަ ލަނޑު ކާމިޔާބު ކޮށްފައެވެ. މިމެޗުގައި ބަޔާންގެ 5 ވަނަ ލަނޑު މެޗުގެ 53 ވަނަ މިނެޓްގައި ކާމިޔާބު ކޮށްދިނީ ބުންޑެސްލީގާގައި ރޭ 100 ވަނަ މެޗު ކުޅެމުންދިޔަ ހެރީ ކޭންއެވެ. އަދި މިއީ އޭނާ ލީގުގައި މިހާތަނަށް ކާމިޔާބު ކުރި 102 ވަނަ ލަނޑެވެ. މިމެޗުގައި ބަޔާންގެ 6 ވަނަ ލަނޑު ޖަހައިދީ ޑިއާޒް އޭނާގެ ހެޓްރިކް ފުރިހަމަ ކުރީ 69 ވަނަ މިނެޓުގައި ކާމިޔާބު ކުރި ލަނޑުންނެވެ. މިމެޗުގައި ލެއިޕްޒިގުން ކާމިޔާބު ކުރި ހަމައެކަނި ލަނޑު މެޗުގެ އިތުރު ވަގުތުގެ ފުރަތަމަ މިނެޓްގައި ކާމިޔާބު ކޮށްފައިވަނީ އަންޑްރިޔާ މަކްސިމޮވިޗެވެ.
މިކާމިޔާބީއާއެކު ބަޔާން މިހާރުވަނީ މިވަގުތަށް ތާވަލްގެ އެއްވަނައަށްވެސް އަރައިފައެވެ. އެއީ ކުޅުނު 6 މެޗުން ލިބިފައިވާ 14 ޕޮއިންޓުގެ އިތުރުން ފައިދާ ގޯލާވެސް އެކުގައެވެ. އަދި ލެއިޕްޒިގް އުޅެނީ 9 ޕޮއިންޓާއެކު ތާވަލްގެ 7 ވަނައިގައެވެ. ނަމަވެސް މިރޭ ފްރެއިބަރގް އާއި ބަޔަރ ލެވަކޫސެން ބައްދަލުކުރާ މެޗު ފްރެއިބަރގް ކާމިޔާބު ކޮށްފި ނަމަ އެޓީމު ތާވަލްގެ އެއްވަނައަށް އަރާނެއެވެ.
ބަޔާން ތާވަލްގެ އެއްވަނައަށް އެރުމުގެ ފުރުސަތު ލިބިގެންދިޔައީ ކުރިން އެއްވަނައިގައި އޮތް ބޮރޫޝިއާ ޑޯޓްމުންޑް އާއި ޔޫނިއަން ބާލިން ރޭ ކުޅުނު މެޗު ލަނޑެއް ނުޖެހި އެއްވަރު ވުމުންނެވެ. މިއާއެކު ޑޯޓްމުންޑަށްވެސް 14 ޕޮއިންޓް ލިބިފައިވާއިރު ފައިދާ ލަނޑަށް ބަލާއިރު ކުރި ލިބެނީ ބަޔާން އަށެވެ. މިމުބާރާތުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާލާއިރު އެލްވަރސްބަރގް އާއި އައުގްސްބަރގް ބައްދަލުކުރި މެޗު އަމިއްލަ ދަނޑުގައި 4 ލަނޑު 3 ލަނޑުން އެލްވަރސްބަރގް ކާމިޔާބު ކުރިއިރު ހެމްބަރގް އާއި ޝްޓުޓްގާޓް ބައްދަލު ކުރި މެޗު އަމިއްލަ ދަނޑުގައި އެއް ލަނޑު ސުން ލަނޑުން ކާމިޔާބު ކޮށްފައިވަނީ ހެމްބަރގްއެވެ. އަދި މެއިންޒް އާއި ޝާލްކަރ ޒީރޯފޯ ބައްދަލުކުރި މެޗު ރަށުން ބޭރުގައި އެއް ލަނޑު ސުން ލަނޑުން މެއިންޒް ކާމިޔާބު ކުރިއިރު ވަރޑަރ ބްރޭމަން އާއި ޕެޑަރބޯން ބައްދަލުކުރި މެޗު 2 ލަނޑު 2 ލަނޑުންވީ އެއްވަރެވެ.