ޚަބަރު

"ސިއްޙީ ރައްކާތެރިކަމަށް ގިނަ ދާއިރާތައް އެކުލެވޭ ޕްލޭނެއް އެކުލަވާލުން މުހިންމު"


  • ޑަބްލިއުއެޗްއޯ ރީޖަނަލް ރިވިއު ކޮމިޓީ މީޓިންގ ރާއްޖޭގައި ކުރިއަށް އެބަދޭ

  • ސިއްޙީ މައްސަލަތައް ކުޑަކުރުމަށް ދުރާލާ ތައްޔާރުވުމަށް މަޝްވަރާކުރާނެ

ކުރިމަތިވެދާނެ ސިއްޙީ ބަލިމަޑުކަމަކުން ރައްކާތެރިވުމަށް ދުރާލައި ގިނަ ދާއިރާތަކެއް އެކުލެވޭ ޕްލޭންތަކެއް އެކުލަވާލުން މުހިންމުކަމަށް ސިއްޙަތާ ބެހޭ ވަޒީރު ޤީލާ އަލީ ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، ޑަބްލިއުއެޗްއޯ ރީޖަނަލް ރިވިއު ކޮމިޓީ މީޓިންގ އޮން ޕެންޑަމިކް ޕްރިޕެއާރޑްނަސް ހެލްތު ސެކިއުރިޓީ ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޑަބްލިއުއެޗްއޯ ރީޖަނަލް ރިވިއު ކޮމިޓީ މީޓިންގ އޮން ޕެންޑަމިކް ޕްރިޕެއާރޑްނަސް ހެލްތު ސެކިއުރިޓީ ބައްދަލުވުން ދިވެހިރާއްޖޭގައި ވަނީ ފަށާފައެވެ.

ފަސް ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ބައްދަލުވުމަކީ ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުގެ މެންބަރު ޤައުމުތަކުން، ދުނިޔޭގެ ޞިއްޙީ ބަލިމަޑުކަމުގެ ކާރިސާތަކުން ލިބިގަތް ފިލާވަޅުތަކުގެ އެހީގައި، އާންމު ސިއްހަތު ރައްކާތެރި ކުރުމަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް މަޝްވަރާކުރުމަށް ކުރިއަށްގެންދާ ބައްދަލުވުމެކެވެ.

މި ބައްދަލުވުމުގައި ސިއްޙަތާ ބެހޭ ވަޒީރު ޤީލާ އަލީ ވަނީ ބައިވެރިވެ ވަޑައިގެންފައެވެ. މިއީ، ސަރަހައްދީ ސިއްޙީ ދާއިރާގެ އިސްވެރިންނާއި މާހިރުން ބައިވެރިވެ ވަޑައިގަންނަވާ މަތީ ފަންތީގެ ބައްދަލުވުމެކެވެ.

މި ބައްދަލުވުމުގެ މައިގަނޑު މަޤުސަދަކީ، "ޕެންޑެމިކް އިންފްލުއެންޒާ ޕްރިޕެއާޑްނަސް" ފްރޭމްވޯކާއި، "ޕްރިޕެއާޑްނަސް އެންޑް ރެޒިލިއަންސް ފޯ އިމަރޖިންގ ތުރެޓްސް" އިތުރުން ޑަބްލިއުއެޗްއޯ ޖީއައިއެސްއާރްއެސް ޔުނިޓީ ސްޓަޑީޒް ތަންފީޒުކުރަމުންދާ މިންވަރު ވަޒަންކުރުމެވެ.

ގައުމީ ފެންވަރުގެ ލީޑަރެއްގެ ހައިސިއްޔަތުންނާއި، ޑަބްލިއުއެޗްއޯގެ ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދު ތަމްސީލުކުރައްވާ "ޕެންޑެމިކް ފަންޑް" ބޯޑުގެ މެންބަރެއްގެ ހައިސިއްޔަތުން މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ޤީލާ ވަނީ ސަރަޙައްދީ އެއްބައިވަންތަކަން ދެމެހެއްޓުމާއި، ސިއްހީ ނިޒާމުތައް ހަރުދަނާކޮށް މޮނިޓަރކުރުމާއި، ކުރިމަތިވެދާނެ ބަލިމަޑުކަމަކުން ރައްކާތެރިވުމަށް ދުރާލާ ގިނަ ދާއިރާތަކެއް އެކުލެވޭ ޕްލޭންތަކެއް އެކުލަވާލުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ، ޑަބްލިއުއެޗްއޯގެ ސަރަހައްދީ މި މުހިންމު ރިވިއު ބައްދަލުވުން ރާއްޖޭގައި ބޭއްވުމާއި، މި ބައްދަލުވުމުގައި އަމަލީގޮތުން ބައިވެރިވުމަކީ ދިވެހިރާއްޖެއަށް އޭގެ ސަބަބުން ބޮޑެތި ފައިދާތަކެއް ކުރާނެ ކަމެއްކަމަށް ސިއްޙަތާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

ރާއްޖެއަށް މުހިންމު ދާއިރާތައް:

• ޤައުމީ އޮނިގަނޑުތައް ހަރުދަނާވުން: ސަރަހައްދީ ރޯޑްމެޕްތަކާ (2026-2031) އެއްގޮތަށް ފަންނީ މަސައްކަތްތައް ބައްޓަންކުރުމަކީ، ނޭވާލާ ނިޒާމުގެ ޒަރީއާއިން ފެތުރޭ ބަލިތައް ދެނެގަތުމަށާއި އެކަމާ ގުޅޭ ގައުމީ އިސްތިރާޖީތައް އިތުރަށް ފުރިހަމަކުރުމަށް ލިބޭ ބާރެކެވެ. މީގެ ތެރޭގައި އިންފްލުއެންޒާ އަދި ނޭވާލާ ނިޒާމަށް ޖެހޭ ސީރިއަސް ބަލިތަކާ (SARI/ILI) ގުޅޭ އުސޫލުތައް އަދާހަމަކުރުން ހިމެނެއެވެ.

• ބައިނަލްއަޤުވާމީ އަދި ސަރަހައްދީ އެހީތެރިކަން އިތުރުވުން: 'ޕެންޑަމިކް ފަންޑް' ބޯޑުގައި މިނިސްޓަރު ޖީލާ ރާއްޖެ ތަމްސީލުކުރެއްވުމުގެ ސަބަބުން ރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކަށް ކުރިމަތިވާ ޚާއްސަ ނާޒުކު ހާލަތްތަކަށް ބައިނަލްއަޤުވާމީ މާލީ އެހީތެރިކަމާއި ފަންނީ އެއްބާރުލުން ހޯދުމުގައި އިސްކަންދެވޭކަން ކަށަވަރު ވެގެންދާނެއެވެ.

• ގާބިލުކަން އިތުރުކުރުން: ޔޫ.ކޭ ހެލްތު ސެކިއުރިޓީ އެޖެންސީ (UKHSA) އާއި ޑަބްލިއުއެޗްއޯގެ ކަމާގުޅޭ މަރުކަޒުތައް ފަދަ ބައިނަލްއަގުވާމީ މާހިރުންނާއެކު މަސައްކަތް ކުރުމުގެ ފުރުސަތު ފަހިވުމުން ރާއްޖޭގެ ސިއްހީ ދާއިރާގެ މުވައްޒަފުންގެ ތައްޔާރީތަކާއި، ލެބޯޓްރީ ތަހުލީލުތަކުގެ ފެންވަރާއި، ކްލިނިކަލް ރިސާޗު ނެޓްވޯކްތައް އިތުރަށް ވަރުގަދަ ވެގެންދާނެއެވެ.

ފަސް ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ބައްދަލުވުމަކީ ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުގެ މެންބަރު ގައުމުތަކުން ދުނިޔޭގެ ޞިއްޙީ ބަލިމަޑުކަމުގެ ކާރިސާތަކުން ލިބިގަތް ފިލާވަޅުތަކުގެ އެހީގައި، އާންމު ސިއްހަތު ރައްކާތެރި ކުރުމަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް އެޅޭ މުހިންމު ބިންގަލެކެވެ.