ގެދޮރުވެރިކަމަށް ބޭނުންވާ އިކުއިޓީ ފައިނޭންސް ފޯރުކޮށްދިނުމުގެ ސްކީމަކީ ދެމެހެއްޓެނިވި ގޮތަކަށް ކުރިއަށްގެންދާ ކަމަކަށް ހެދުމަކީ އަމާޒެއް ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ އަމިއްލަ ބޯހިޔާވަހިކަން ހޯދައިދިނުމަށް މަގުފަހިކުރުމުގެ ގޮތުން ސަރުކާރުން ތަޢާރަފްކުރި "ނޭޝަނަލް ހޯމް އޯނަރޝިޕް ޕްރޮގްރާމް"ގެ ދަށުން ކުރިއަށްގެންދާ އިކުއިޓީ އެހީތެރިކަންދޭ "ހެލްޕް ޓު ބިލްޑް އަދި ހެލްޕް ޓު ބައި" ސްކީމްތައް ތަންފީޒުކުރުމަށް މާލީ 4 އިދާރާއަކާއެކު އެއްބަސްވުމެއްގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބު ވިދާޅުވީ ވޯލްޑް ބޭންކާއި އެ ވުޒާރާ ގުޅިގެން ކުރި ދިރާސާތަކުން ދައްކާ ގޮތުގައި، އަމިއްލަ ގޯތީގައި ގެދޮރު އެޅުމަށް އޮތް އެންމެ ބޮޑު ހުރަހަކީ އިކުއިޓީ ޕޭމަންޓަށް ފައިސާ ނުލިބުން ކަމަށެވެ. މި މައްސަލައަށް ހައްލެއް ހޯދުމަށް ސަރުކާރުން ބޭންކުތަކާ މަޝްވަރާކޮށް މިހާރު ހަމަޖައްސާފައިވަނީ، ބޭންކުން ލޯނު ފާސްވާ ކޮންމެ ފަރާތަކީ އަލަށް އަމިއްލަ ބޯހިޔާވަހިކަން ހޯދާ ފަރާތެއް ނަމަ، އެ ފަރާތަށް އިކުއިޓީއަށް ވާ ބައި އަނބުރާ ދައްކަން ނުޖެހޭ އެހީއެއްގެ ގޮތުގައި ސަރުކާރުން ދިނުމަށްކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން، ވަކި މުއްދަތެއްގެ ތެރޭގައި އިމާރާތް ވިއްކާލައިފި ހާލަތެއްގައި ފިޔަވައި، އެ ފައިސާ ސަރުކާރަށް އަނބުރާ ދައްކަން ނުޖެހޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. މި ސްކީމްގެ ދަށުން ލިބޭ ލުއިތަކުގެ މިސާލެއް ދައްކަވަމުން ވަޒީރު ވިދާޅުވީ ރަށްރަށުގައި އަމިއްލަ ގޯތި ލިބި އިމާރާތް ނުކުރެވިފައި ތިބި ފަރާތްތަކަށް މީގެ ބޮޑު ފައިދާއެއް ކުރާނެ ކަމަށެވެ.
"އެއް މިލިއަން ރުފިޔާގެ ލޯނަކުން ތިން ރޫމްގެ ގެއެއް ހަދާލެވޭ ކަމުގައި ވާ ނަމަ، ސަރުކާރުން މި އެހީތެރިވެދެނީ ގާތްގަނޑަކަށް ދެ ލައްކަ ރުފިޔާގެ އެހީއެއް. އަނެއް އަށް ލައްކަ ރުފިޔާ ބޭންކު ފައިނޭންސް ތެރެއިން އެ ފަރާތުން ހޯދާނީ. ދެ ލައްކަ ރުފިޔާއަކީ ސަރުކާރަށް އަނބުރާ ދައްކަންޖެހޭ އެއްޗެއް ނޫން" ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބު ވިދާޅުވިއެވެ.
މި ސްކީމް އެންމެ ފުރަތަމަ ފަށާއިރު މާލެ ސަރަހައްދުން ހިމަނާފައިވަނީ ހަމައެކަނި ފުރަމާލެ އެކަންޏެވެ. އެކަމާ ގުޅެގޮތުން ވަޒީރު ވިދާޅުވީ ހުޅުމާލެ، ގުޅިފަޅު އަދި ގިރާވަރުފަޅުގައި ހުރި ތަންތަނަށް ދެވަނަ ފިޔަވައްސެއްގައި ދިއުމުގެ ކުރިން ފުރަމާލޭގައި އިކުއިޓީ ނުލިބިގެން އިމާރާތް ނުކުރެވި ހުރި ގޭބިސީތަކަށް އެހީތެރިކަން ދިނުމަކީ ޚާއްސަ އިސްކަމެއް ދޭންޖެހޭ ކަމެއް ކަމަށެވެ.
ވަޒީރު ވިދާޅުވީ މި ޕްރޮގްރާމަށް އެދުމުގެ ފުރުޞތަު މިއަހަރުގެ ތެރޭގައި ހުޅުވާލާ 1500އެއްހާ މީހުން އެހީތެރިކަން ފޯރުކޮށްދެވޭނެ މަގެއް ތަނަވަސްކޮށްދެވޭނެކަމަށެވެ. އަދި އަންނަ އަހަރު އެ އަދަދު އިތުރުވެގެންދާނެކަމަށް އުންމީދުކުރާކަމަށާއި އަންނަ އަހަރުގެ ބަޖެޓް ތައްޔާރު ކުރާއިރު އެކަމަށް ސަމާލުކަން ދޭނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. އަދި މިއީ ދެމެހެއްޓެނިވި ގޮތަކަށް ކުރިއަށްގެންދާ ކަމަކަށް ހެދުމަކީ އަމާޒެއްކަމަން ވަޒީރު ފާހަގަކުރެއްވިއެވެ.
"ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދޭއިރު ސަރުކާރުން އިމާރާތްކޮށްފައި ދިނުމުގެ ބަަދަލުގައި ބޭންކުތަކާއި ޕްރައިވެޓް ސެކްޓަރ މީގެ ތެރޭގައި ހިމެނެގެން ރައްޔިތުނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުން. ސަރުކާރުން މިކަން ކުރާނަމަ ވަރަށް ބޮޑެތި ލޯނުތަކެއް ނަގައިގެން ދަތި އުނދަގޫ ގޮތެއްގައި މިކަން ކުރަން ޖެހެނީ. ވަރަށްވަގުތުވެސް ނަގާ. ރައީސްގެ ސިޔާސަތުގެ ދަށުން އެންމެންވެސް ބޭނުންވާ ގޮތަކަށް ބޯހިޔާވަހިކަން ހޯދޭނެ މަގު މިފަހިކޮށްދެނީ. "ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީޢާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވިއެވެ.
މިދިޔަ އަހަރު ހިންގި %5 އިންޓްރެސްޓްގެ ސްކީމުގައި ބައިވެރިވީ ހަމައެކަނި ބޭންކް އޮފް މޯލްޑިވްސް އެކަންޏެވެ. އެ ބޭންކުން 800 އަށް ވުރެ ގިނަ ފަރާތަކަށް 1 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފައިވީ ނަމަވެސް، އެ ސްކީމް ކުރިން ރޭވިފައި އޮތް ގޮތުން ދިމާވި ދަތިތަކާ ހުރެ އެހެން ބޭންކުތަކުން އެކަމަށް ފަސްޖެހުނެވެ. އެހެންކަމުން މިފަހަރުގެ ބަދަލުތަކާއެކު ގިނަ މާލީ އިދާރާތަކުން ބައިވެރިވެފައިވާ ކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތަކީ އެންމެ ނިކަމެތިންނަށް ސަރުކާރުން އިމާރާތްކުރާ ހައުސިން ޔުނިޓުތަކުން ފެށިގެން، އަމިއްލަ ފަރާތްތަކުން އަޅާ އެފޯޑަބަލް ހައުސިންއާއި، އަމިއްލަ ބިމުގައި އިމާރާތްކުރުމަށް އެހީވުމާއި، މުއްސަނދި ފަރާތްތަކަށް ލަގްޒަރީ ލެވެލްގެ ތަންތަން ގަތުމަށް އެހީތެރިވެދިނުން ހިމެނޭ ގޮތަށް އެކުލަވާލާފައިވާ ވަށާޖެހޭ ސިޔާސަތެކެވެ.