އިޓާލިއަން ސެރީއާގައި ލާޒިއޯ އާއި ޔުވެންޓަސް ބައްދަލުކުރި މެޗު ލާޒިއޯއިން ކާމިޔާބުކޮށް ތާވަލްގެ އެއްވަނައިގާ އުޅޭ އެންމެ ފަހުގެ ޗެމްޕިއަން އިންޓަރ މިލާން އާއި ޕޮއިންޓްގެ ގޮތުން އަރާ ހަމަކޮށްފިއެވެ.
ޔޫވޭގެ އަލިއާންޒް ސްޓޭޑިއަމްގައި ކުޅުނު މިމެޗު ލާޒިއޯއިން ކާމިޔާބު ކޮށްފައިވަނީ ހީކުރި ވަރަށް ވުރެ ފަސޭހަ ކަމާއެކު 3 ލަނޑު ސުން ލަނޑުންނެވެ. ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ޔޫވޭއިން ގިނައިރު ބޯޅަ ގެންގުޅުނު އިރު ހަމަލާ އުފެއްދިފައިވަނީ ދެޓީމަށްވެސް ހަމަހަމަކޮށެވެ. މިމެޗުގެ ފުރަތަމަ ލަނޑު ޖަހާ މެޗުގެ ލީޑު ލާޒިއޯއިން ނަގާފައިވަނީ މެޗުގެ 37 ވަނަ މިނެޓުގައި އޮލިވަރ ޕްރޮވްސްގާޑް ޖަހައިދިން ލަނޑުންނެވެ. މިމެޗުގައި ލާޒިއޯގެ ދެވަނަ ލަނޑު މެޗުގެ 66 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައިވަނީ ގުސްޓާވް އިސާކްސެންއެވެ. އަދި ފަހު ލަނޑު މެޗުގެ 89 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ފިސާޔޯ ޑެލެ ބަޝީރޫއެވެ. މިމެޗުގައި ޔޫވޭއިން ލަނޑެއް ޖެހޭތޯ މަސައްކަތް ކުރި ނަމަވެސް އެޓީމަށް ލާޒިއޯގެ ޑިފެންސް ފޫއަޅުވާލުމުގައި ކާމިޔާބު ވާގޮތެއް ނުވިއެވެ.
މިކާމިޔާބީ އާއެކު ލާޒިއޯ އުޅެނީ ކުޅުނު 7 މެޗުން ލިބިފައިވާ 19 ޕޮއިންޓާއެކު ތާވަލްގެ އެއްވަނައިގާ އުޅޭ އިންޓަރ އާއި އަރާ ހަމަކޮށްފައެވެ. އަދި އެޓީމަށް ދެވަނަ ލިބެނީ ފައިދާ ގޯލަށް ބަލާއިރު އިންޓަރ ކުރީގައި އުޅޭތީއެވެ. އަދި މިސީޒަންގައި މެޗަކުން ބަލިނުވާ 4 ޓީމުގެ ތެރޭގައިވެސް ލާޒިއޯ ހިމެނެއެވެ. މިމެޗުން ބަލިވުމުން ޔޫވޭ އުޅެނީ 11 ޕޮއިންޓާއެކު ތާވަލްގެ 8 ވަނައިގައެވެ.
މިމުބާރާތުގައި އޭސީ މިލާން އާއި އެޓަލާންޓާ ބައްދަލުކުރި މެޗު 3 ލަނޑު 2 ލަނޑުން ކާމިޔާބު ކޮށްފައިވަނީ މިލާނުންނެވެ. މިލާންގެ ސެންސީރޯ ސްޓޭޑިއަމްގައި ކުޅުނު މިމެޗުގެ ފެށުން ރަނގަޅުވީ މިލާންގެއެވެ. މިގޮތުން މިމެޗުގެ ފުރަތަމަ އެއް ގަޑިއިރުގެ ތެރޭގައި މިލާނުން 3 ލަނޑުގެ ލީޑެއް ނެގިއެވެ. މިމެޗުގައި މިލާންގެ ފުރަތަމަ ލަނޑު މެޗުގެ 24 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ލިބުނު ޕެނަލްޓީ އަކުން ގޮންކާލޯ ރާމޯސްއެވެ. މިލާނަށް އިތުރު ޕެނަލްޓީއެއް ލިބުނު ނަމަވެސް އެޕެނަލްޓީ ވަނީ ރާމޯސް އަތުން ބޭކާރުވެފައެވެ. މިލާންގެ ދެވަނަ ލަނޑު މެޗުގެ 43 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ އެޑްރިއަން ރެބިއޯއެވެ. މިލާންގެ ފަހު ލަނޑު ޖަހައިދިނީ 57 ވަނަ މިނެޓްގައި މާރިއޯ ގިލާއެވެ.
މިމެޗުގައި އެޓަލާންޓާގެ ފުރަތަމަ ލަނޑު ޖަހާދީިނީ މެޗުގެ 66 ވަނަ މިނެޓުގައި ޖިއާންލޫކާ ގައެޓާނޯއެވެ. މެޗު ނިމެން 9 މިނެޓަށް ވެފައިވަނިކޮށް ނިކޮލާ ކްރިސްޓޮވިޗް ކާމިޔާބު ކޮށްދިން ލަނޑާއެކު މެޗުގެ ފަހު ވަގުތު ކޮޅުގެ ފޯރި ގަދަވެގެންދިޔައެވެ. އެގޮތުން ފަހު ފަސް ވަރަކަށް މިނެޓާއި އިތުރު ވަގުތުގެ ގޮތުގައި ދެއްކި ފަސް މިނެޓްގައި ދެޓީމަށްވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ލިބި ބޭކާރު ވެގެންދިޔައެވެ.
މިކާމިޔާބީ އާއެކު މިލާން މިހާރު އުޅެނީ ކުޅުނު 7 މެޗުން ލިބިފައިވާ 15 ޕޮއިންޓާއެކު ތާވަލްގެ 4 ވަނައިގައެވެ. އަދި އެޓަލާންޓާ އުޅެނީ 9 ޕޮއިންޓާއެކު ތާވަލްގެ 10 ވަނައިގައެވެ.
މިމުބާރާތުގައި ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ކޯމޯ އާއި ފިއޮރެންޓީނާ ރަށުން ބޭރުގައި ބައްދަލުކުރި މެޗު 3 ލަނޑު އެއް ލަނޑުން ކޯމޯ ކާމިޔާބު ކުރިއިރު ލެއްޗެ އާއި އުދިނޭސީ ރަށުން ބޭރުގައި ބައްދަލުކުރި މެޗު 3 ލަނޑު ސުން ލަނޑުން ކާމިޔާބު ކޮށްފައިވަނީ ލެއްޗެއެވެ.