ޚަބަރު

ޗައިނާގެ ސިޗުއާންގެ މެޑިކަލް ސްޕެޝަލިސްޓުންގެ ވަފުދެއް އިކުއެޓޯރިއަލް ހޮސްޕިޓަލަށް


  • މި ޕްރޮގްރާމްގެ ބޭނުމަކީ ކްލިނިކަލް މައުލޫމާތު ބަދަލުކުރުމާއި، ފަންނީ ގާބިލުކަން އިތުރުކުރުން

  • ކުޑަކުދިންގެ ޞިއްޙަތާ ގުޅޭ ދާއިރާތަކުން ގުޅުން ވަނީ ބަދަހިކޮށްފައި

ޗައިނާގެ ސިޗުއާންގެ މެޑިކަލް ސްޕެޝަލިސްޓުންގެ ވަފުދެއް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލަށް ޒިޔާރަތްކޮށްފިއެވެ. މި ވަފުދުން ރާއްޖެ އައިސްފައިވަނީ މިމަހުގެ 18 އިން 19 އަށް އައްޑޫ ސިޓީގައި ކުރިއަށްދިޔަ "ސިޗުއާން-މޯލްޑިވްސް މެޓާނަލް އެންޑް ޗައިލްޑް ހެލްތު އެކްސްޗޭންޖް ޕްރޮގްރާމް" ގައި ބައިވެރިވުމަށެވެ.

"ސިޗުއާން-މޯލްޑިވްސް މެޓާނަލް އެންޑް ޗައިލްޑް ހެލްތު އެކްސްޗޭންޖް ޕްރޮގްރާމް" އަކީ ޗައިނާގެ ޞިއްޙީ މާހިރުންނާއި އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގެ އިތުރުން އެހެނިހެން ޞިއްޙީ މަރުކަޒުތަކުގެ ފަންނީ ބޭފުޅުން ގުޅިގެން ބޭއްވި ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ ބޭނުމަކީ ކްލިނިކަލް މައުލޫމާތު ބަދަލުކުރުމާއި، ފަންނީ ގާބިލުކަން އިތުރުކުރުމުގެ އިތުރުން މައިންނާއި، ދަރިމައިވުމުގެ ޞިއްޙަތާއި، އަދި ކުޑަކުދިންގެ ޞިއްޙަތާ ގުޅޭ ދާއިރާތަކުން ގުޅުން ބަދަލުކުރުމެވެ.

މި ޕްރޮގްރާމް ރަސްމީކޮށް ހުޅުވައިދެއްވީ އޭއީއެޗްގެ ޗީފް އެގްޒެކެޓިވް އޮފިސަރު ޑރ. އަހުމަދު އަދީލް ނަސީރުއެވެ. އޭނާގެ ވާހަކައިގައި، ޞިއްޙީ ޚިދުމަތްތައް ހަރުދަނާކުރުމަށާއި ކްލިނިކަލް މަސައްކަތްތައް ކުރިއެރުވުމުގައި ބައިނަލްއަގުވާމީ ފެންވަރުގައި ޞިއްޙީ ދާއިރާގެ ތަޖުރިބާ ބަދަލުކުރުމާއި، ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.

މި ވަފުދުގައި ހިމެނެނީ ސިޗުއާންގެ ޞިއްޙީ އިދާރާތަކުގެ މާހިރުުންނެވެ. އޭގެތެރޭގައި ވެސްޓް ޗައިނާ ސެކަންޑް ޔުނިވަރސިޓީ ހޮސްޕިޓަލް އޮފް ސިޗުއާން ޔުނިވަރސިޓީ، ޗެންގްދޫ ވިމެންސް އެންޑް ޗިލްޑްރަންސް ސެންޓްރަލް ހޮސްޕިޓަލް، ސިޗުއާން ޕްރޮވިންޝަލް ޗިލްޑްރަންސް ހޮސްޕިޓަލް އަދި ޗެންގްދޫ މެޓާނަލް އެންޑް ޗައިލްޑް ހެލްތު އެސޯސިއޭޝަންގެ މާހިރުން ހިމެނެއެވެ. ސްޕެޝަލިސްޓުން އިސްވެ ތިއްބަވައިގެން ކުރިއަށްގެންދިޔަ ސެޝަންތަކާއި ފަންނީ މަޝްވަރާތަކުގެ ސަބަބުން، ހެކިތަކުގެ މައްޗަށް ބިނާވެފައިވާ ފަރުވާތަކާއި، މެދުކެނޑުމެއްނެތް ފަންނީ ތަރައްގީއަށް މަގުފަހިވެ، ރާއްޖެއާއި ޗައިނާއާ ދެމެދު ކްލިނިކަލް ތަޖުރިބާ ހިއްސާކުރުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދިޔަކަމަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުން ވިދާޅުވިއެވެ.

މި އެކްސްޗޭންޖް ޕްރޮގްރާމަކީ ޞިއްޙީ ދާއިރާގެ ގާބިލުކަން އިތުރުކުރުމަށާއި، މުއައްސަސާތަކުގެ މެދުގައި ގުޅުން ގާއިމުކުރުމަށާއި، ބައިނަލްއަގުވާމީ އެހީތެރިކަމާއެކު މައިންނާއި ކުޑަކުދިންގެ ޞިއްޙަތު ކުރިއެރުވުމަށް ދެ ފަރާތުން ކުރާ މަސައްކަތުގެ ރަމްޒެއްކަމަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުން ވިދާޅުވެއެވެ.