ޚަބަރު

ޔަހޫދީންގެ އިންތިޚާބުގައި ޓްރަމްޕްގެ ތާއީދު ނަތަންޔާހޫއަށް


ޔަހޫދީންގެ ބަރުލަމާނީ އިންތިޚާބު ކައިރިވެފައިވަނިކޮށް، އެ ޤައުމުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފުރިހަމަ ތާއީދު އޮތްކަން ހާމަކުރައްވައިފިއެވެ. އޮކްޓޫބަރު މަހުގެ 27 ގައި ބާއްވާ މި އިންތިޚާބަކީ، 2023 ވަނަ އަހަރުގެ އޮކްޓޫބަރު 7 ގައި ޙަމާސްއިން އިސްރާއީލަށް ދިން ޖިހާދީ ހަމަލާއަށްފަހު ބާއްވާ ފުރަތަމަ އިންތިޚާބެވެ. ޣައްޒާއާއި ލުބްނާންގެ އިތުރުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަތަކަށް ހަތް މަސް ވެފައިވާއިރު، މުޅި މެދުއިރުމަތީގެ ހަމަޖެހުން ގެއްލި، ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ވަނީ ބޮޑެތި ލޮޅުންތަކެއް އަރާފައެވެ. ޓްރަމްޕް ވަނީ ނަތަންޔާހޫއަކީ ހަނގުރާމަަތަކުގައި ކުޅަދާނަ ބޮޑުވަޒީރެއްގެ އިތުރުން ޞުލްޙައިގެ ބައިވެރިއެއްގެ ގޮތުގައި ވެސް ސިފަކުރައްވާފައެވެ. މަސްރަޙުގެ ދާރިސުން ވިދާޅުވީ، "ހަނގުރާމައޭ" ވިދާޅުވެ ޓްރަމްޕް އިޝާރާތް ކުރައްވާފައި އެ ވަނީ، ހައްދުފަހަނައެޅި ނަތަންޔާހޫ ޣައްޒާއާއި ލުބްނާންގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކާއި ޤަތުލުޢާންމަށް ކަމުގައެވެ.

މީސްމީޑިއާ މަންސަ ޓްރުތު ސޯޝަލްގައި ކުރެއްވި ޕޯސްޓެއްގައި ޓްރަމްޕް ވަނީ ނަތަންޔާހޫއަށް ވަރަށް ބޮޑަށް ތާރީފު ކުރައްވާފައެވެ. ޓްރަމްޕް ވިދާޅުވީ، ދިމާވި ބޮޑެތި ފިއްތުންތަކާއެކު ވެސް ނަތަންޔާހޫ ދެއްކެވީ ހިތްވަރުގަދަ އަދި ކުޅަދާނަ މިސާލެއް ކަމުގައެވެ. މަސްރަޙުގެ ދާރިސުން ސިފަކުރައްވާ ގޮތުގައި، މީގެ މާނައަކީ ޙަމާސްގެ ޖިހާދަށް ރައްދުދިނުމަށް ނަތަންޔާހޫ ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޤަތުލުޢާންމެއް ފެށީ ވަރަށް ކެރިގެން ކަމެވެ. އަދި، ފެބުރުވަރީ މަހު އީރާނަށް ދިން ހަމަލާތަކުގައި ނަތަންޔާހޫ ބައިވެރިވި ކަން ފާހަގަކުރައްވައި، އޭނާއަށް އޮތް "ފުރިހަމަ އަދި ޖުމްލަ ތާއީދު" ޓްރަމްޕް އިއުލާނު ކުރެއްވިއެވެ. މި ތާއީދަށް ޝުކުރު އަދާކުރަމުން، ދެ މީހުން އެކުގައި މި "މިޝަން [އީރާނާ ދެކޮޅަށް ފަށާފައިވާ ޣައިރުޤާނޫނީ ހަނގުރާމަ] ފުރިހަމަކުރާނެ" ކަމުގައި ނަތަންޔާހޫ ބުންޏެވެ. އީރާނާ ދެކޮޅަށް ދިން ހަމަލާތަކޭ ޓްރަމްޕް ވިދާޅުވި ނަމަވެސް، މަސްރަޙުގެ ދާރިސުން ދެކެވަޑައިގަންނަވާ ގޮތުގައި އެމެރިކާއިން އިސްވެ އީރާނާ ދެކޮޅަށް ޣައިރުޤާނޫނީ ހަނގުރާމައެއް ފަށާފައި ވަނީ ޔަހޫދީ އިސްރާއީލުން ކުރިމަތިކުރަމުންދިޔަ ފިއްތުންތަކުގެ އިތުރުން ޞިހްޔޫނީން ދިފާޢުކޮށްދިނުމަށެވެ.

ޓްރަމްޕްގެ ތާއީދަކީ ނަތަންޔާހޫގެ ކަނާތުފިޔައިގެ ލިކޫދް ޕާޓީއަށް ކާމިޔާބީ ކަށަވަރުވާނެ ކަމެއް ނޫން ކަމުގައި މަސްރަޙުގެ ދާރިސުން ވިދާޅުވިއެވެ. ޚިޔާލު ހޯދުމުގެ ސާވޭތަކުން ދައްކާ ގޮތުގައި އެއްވެސް ޕާޓީއަކަށް ސާފު އަޣުލަބިއްޔަތެއް ލިބޭކަށް ނެތެވެ. ޔަހޫދީ ދައުލަތުގައި ބޮޑުވަޒީރަކު އިންތިޚާބު ކުރަނީ ސީދާ ރައްޔިތުންގެ ވޯޓަކުން ނޫނެވެ. ބަރުލަމާނީ އިއްތިޙާދެއް އެކުލަވައިލައިގެންނެވެ. ނަތަންޔާހޫގެ ޞިހްޔޫނީ-ޤައުމީ އިއްތިޙާދަށް އަޣުލަބިއްޔަތު ގެއްލި، އިދިކޮޅު ފަރާތްތަކަށް ވެސް ސަރުކާރެއް އެކުލަވައިނުލެވިއްޖެނަމަ، އައު އިންތިޚާބެއް ބާއްވަންދެން ވަގުތީ ބޮޑުވަޒީރެއްގެ ގޮތުގައި އޭނާ ދެމިހުންނަން ޖެހިދާނެއެވެ.

ޤުދުސްގައި ހުންނަ އިސްރާއީލް ޑިމޮކްރަސީ އިންސްޓިޓިއުޓްގެ ސީނިއަރ ފެލޯ ތަމާރް ހަރމަން ވިދާޅުވީ، ޓްރަމްޕްގެ ތާއީދުގެ ސަބަބުން ވޯޓު ދޭނެ ގޮތެއް ނުނިންމާ ތިބި ބަޔަކެއްގެ ތާއީދު ނަތަންޔާހޫއަށް ލިބުނު ނަމަވެސް، ފުޅާ ދާއިރާއެއްގައި ތާއީދު އިތުރުވުމަކީ ދުރު ކަމެއް ކަމުގައެވެ. އަދި، ވޮޝިންގޓަންގެ ކާނެގީ އެންޑޯމެންޓްގެ އެނަލިސްޓް އެރޮން ޑޭވިޑް މިލަރ ވިދާޅުވީ، ވާދަވެރި މި އިންތިޚާބުގައި ޓްރަމްޕްގެ މި ނިންމުމަކީ ގެއްލުމެއް ނެތް، އަދި ފައިދާއެއް ލިބިދާނެ ކަމެއް ކަމުގައެވެ. ނަމަވެސް، މިއީ ނަތަންޔާހޫގެ މުޅި ސިޔާސީ ޙަޔާތުގައި ވެސް ކުރިމަތިވި އެންމެ ނާޒުކު ވަގުތު ކަމުގައި އޭނާ ސިފަކުރެއްވިއެވެ.