ޚަބަރު

ޑިޕްލޮމެޓިކް މިޝަންތަކުގެ އިމްތިޔާޒުތަކާބެހޭ ބިލު މަޖިލީހަށް


  • މިއަދު މަޖިލީހުގެ ޖަލްސާގައި ބިލުގެ ފުރަތަމަ ކިޔުންވަނީ އިއްވާފަ

  • ބިލު ހުށަހެޅުއްވީ ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ދާއޫދު

ޑިޕްލޮމެޓިކް މިޝަންތަކާއި، ކޮންސިއުލަރ ޕޯސްޓުތަކާއި، ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކުގެ އިމްތިޔާޒުތަކާބެހޭ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

މިއަދު މަޖިލީހުގެ ޖަލްސާގައި ބިލުގެ ފުރަތަމަ ކިޔުން ވަނީ އިއްވަވާފައިވެއެވެ.

ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ދާއޫދު ހުށަހަޅުއްވާފައިވާ މި ބިލަކީ ދިވެހިރާއްޖޭގައި ޤާއިމްކުރާ ޑިޕްލޮމެޓިކް މިޝަންތަކާއި، ކޮންސިއުލަރ ޕޯސްޓްތަކާއި، ޔުނައިޓެޑް ނޭޝަންސްގެ ސްޕެޝަލައިޒްޑް އެޖެންސީތަކާއި ގުޅުން ހުރި އެހެނިހެން ފަރާތްތަކަށް، ރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަޤުވާމީ މުޢާހަދާތަކާ އެއްގޮތްވާ ގޮތުގެ މަތިން، ހަރުދަަނާ ޤާނޫނީ އޮނިގަނޑެއްގެ ދަށުން، ދިވެހިރާއްޖޭގައި ލިބިގެންވާ އިމްތިޔާޒުތައް ކަނޑައަޅާ ބަޔާންކުރުމުގެ ބިލެވެ. އަދި އެ އިމްތިޔާޒުތަކުގެ ދާއިރާ އާއި އެ އިމްތިޔާޒުތައް ލިބިދެވޭނެ ގޮތުގެ އުސޫލުތަކާއި އިޖުރާޢަތުތައް ކަނޑައެޅުމަކީ މި ބުލުގެ މަޤްސަދެއްކަމަށް ބަޔާންކޮށްފައިވެއެވެ.

ބިލުގައި ހިމަނާފައިވާ މުހިންމު ކަންކަމުގެ ތެރޭގައި، ކޮންސިއުލަރ ގުޅުންތައް ހިންގުމާއި ގުޅުން ހުރި ތަފްސީލުތައް ހިމަނާފައިވެއެވެ. އޭގެ ތެރޭގައި ކޮންސިއުލަރ އޮފިސަރުން ނުވަތަ މުވައްޒަފުން ކުރާ މަސައްކަތާއި، މުވައްޒަފުންގެ މަސްޢޫލިއްޔަތުތައް އަދާކުރުމުގައި ބިލު މާނަކުރާ ގޮތުގެ ތަފްސީލުތައް ހިމެނެއެވެ.

މީގެ އިތުރުން، ކޮންސިލަރ ޕޯސްޓްތަކުން ޑިއުޓީ އާއި ޓެކްސް ދެއްކުމުން އިސްތިސްނާ ވާނެ ޙާލަތްތަކާއި އެނޫން ހާލަތްތައް ބިލުގައި ހިމަނާފައިވެއެވެ. ބިލުގައި ބުނާގޮތުން، ކޮންސިއުލަރ ޕޯސްޓުގެ އަމިއްލަ ބޭނުމަށް، އޮފިސަރެއް ނުވަތަ ގޭބީސީގެ އާއިލާގެ އަމިއްލަ ބޭނުމަށް، ވިޔަފާރީގެ ބޭނުމަށް ނުވާގޮތަށް، ރާއްޖޭގައި ދިރިއުޅުން ޤާއިމްކުރުމަށް އެތެރެކުރާ މުދަލުން ޓެކްސް އާއި ފީ ނެގުން އިސްތިސްނާ ވާނެއެވެ. ނަމަވެސް ކޮންސިއުލަރ އޮފިސަރުންނާއި މުވައްޒަފުންނަށް އެ އިސްތިސްނާ ލިބޭނީ އެ ފަރާތަކުން ދިރިއުޅުން ޤާއިމްކުރާތާ ފުރަތަމަ 6 މަސް ދުވަހު ރާއްޖެއަށް އެތެރެކުރާ މުދަލުގެ މައްޗަށެވެ.

އެ ބިލުގައި ކޮންސިއުލަރ ޕޯސްޓްތަކުގައި މަސައްކަތް ކުރާ ދިވެހިންނަށް ނުވަތަ ދިވެހިރާއްޖޭގެ ވަޒަންވެރިންނަށް ލިބޭނެ އިމްތިޔާޒުތައް ހިމަނާފައިވެއެވެ. ޕޯސްޓުތަކުގެ މުވައްޒަފުން ރަސްމީ ހައިސިއްޔަތުން ކުރާ ކޮންމެ ކަމަކަށް ރާއްޖޭގެ އިޙްތިސާސް ހިންގުމުން އިމްތިޔާޒު ލިބިގެންވެއެވެ. ނަމަވެސް ރާއްޖޭގެ ޤާނޫނުގެ ދަށުން ދައްކަން ޖެހޭ ފީ އާއި ޓެކްސް ފަރާތްތަކަށް އިސްތިސްނާ ނުވާނެކަން ފާހަގަކޮށްލެވެއެވެ.

ބިލުގައި އެހެނިހެން ބައިނަލްއަޤުވާމީ އިދާރާތަކަށް ލިބޭ އިމްތިޔާޒުތައް ވެސް ހިމަނާފައިވެއެވެ. އަދި އެ އިމްތިޔާޒުތައް މާނަކުރާނެގޮތުގެ ތަފްސީލްތައް ވަނީ ހިމަނާފައެވެ. ޔުނައިޓެޑް ނޭޝަންސްގެ ސްޕެޝަލައިޒްޑް އެޖެންސީތަކާއި ގުޅުން ހުރި އެހެނިހެން ފަރާތްތަކށް، ރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަޤުވާމީ މުޢާހަދާތަކާ ގުޅިގެން އެ ފަރާތްތަކަށް ލިބޭނެ އިމްތިޔާޒުތަކާއި އަމަލުކުރަންޖެހޭނެ އުސޫލުތަކުގެ ތަފްސީލުތައް ވެސް ބިލުގައި ހިމަނާފައިވެއެވެ.