މާލެ ސަރަޙައްދުގެ ބަނދަރުތަކުން މުދާ އުފުލާ ފަރާތްތަކުގެ އެދުމުގެ މަތީން އެފަރާތްތަކާއެކު މަޝްވަރާކޮށްފައިވާ ކަމަށް އިޤުތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔާފާރިއާބެހޭ ވަޒީރު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
ދަތުރުފަތުރާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ، މާލެ ސަރަޙައްދުގެ ބަނދަރުތަކުން މުދާ އުފުލާ ލޮރީ ޑްރައިވަރުންނާއި ބައްދަލުކޮށް، މާލޭގެ އެއްގަމު ދަތުރުކުރުމުގެ ކަންކަން ހަރުދަނާ ކުރުމާއި ބެހޭގޮތުން އެފަރާތްތަކުގެ އެދުމުގެ މަތިން ބައްދަލުވެ މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.
މީގެ އިތުރުން މާލޭގެ މަގުތައް ބޭނުންކުރާ ފަރާތްތަކާއި، ސުކޫލު ދަރިވަރުންނާއި އަދި ބެލެނިވެރިންނަށް އަމާން ތަނަކަން ހެދުމުގެ މުހިންމުކަމާއި، ޑްރައިވަރުންނަށް އެއްގަމު ދަތުރުފަތުރުގައި ދަތިވާ ކަންތައްތަކާއި ބެހޭގޮތުން މި ބައްދަލުވުމުގައި މަޝްވަރާ ކޮށްފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ސަޢީދު ވަނީ، މިބައްދަލުވުމުގައި ޑްރައިވަރުންގެ ފަރާތުން ދެއްވި އެއްބާރުލުމަށް ހުރިހާ ފަރާތަކަށް ޝުކުރު އަދާކުރައްވާފައެވެ.
މިއަދު އަޅުގަނޑު މާލެ ސަރަޙައްދުގެ ބަނދަރުތަކުން މުދާ އުފުލާ ލޮރީ ޑްރައިވަރުންނާއި ބައްދަލުކޮށް މާލޭގެ އެއްގަމު ދަތުރުކުރުމުގެ ކަންކަން ހަރުދަނާކުރުމާއި ބެހޭގޮތުން އެފަރާތްތަކުގެ އެދުމުގެ މަތީން ބައްދަލުވެ ވާނީ މަޝްވަރާ ތަކެއް ކުރިއަށް ގެންދެވިފަ.
— Mohamed Saeed (@em_saeed) October 19, 2026
މާލޭގެ މަގުތައް ބޭނުންކުރާ ފަރާތްތަކާއި، ސުކޫލް ދަރިވަރުންނާއި އަދި ބެލެނިވެރިންނަށް އަމާން ތަނަކަން ހެދުމުގެ މުހިންމުކަމާއި، އެއްގަމު ދަތުރުފަތުރުގައި ޑްރައިވަރުންނަށް ދަތިވާ ކަންތައްތަކާއި ބެހޭގޮތުން މި ބައްދަލުވުމުގައި މަޝްވަރާ ކުރެވުނު.
މިބައްދަލުވުމުގައި ޑްރައިވަރުންގެ ފަރާތުން ދެއްވި އެއްބާރުލުމަށް ހުރިހާ ފަރާތަކަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން.
މާލެ ސަރަޙައްދުގެ ބަނދަރުތަކުން މުދާ އުފުލާ ލޮރީ ޑްރައިވަރުންނާއި ވަޒީރު ބައްދަލުކޮށްފައިވާއިރު، ވަކި ގަޑިތަކެއްގައި ބަރު އުޅަނދާއި މުދާ އުފުލާ އުޅަނދު ދުއްވުން މިހާރު މަނާކޮށްފައިވާކަންވެސް ފާހަގަކޮށްލެވެއެވެ.
އެގޮތުން ހެނދުނު 6:00 އިން 8:30 އަށް އަދި 11:30 އިން މެންދުރު 1:30 އަށް، 350 ކިލޯއަށްވުރެ މަތީގެ މުދާ އުފުލާ އުޅަނދުތަކާއި ފޯކްލިފްޓް، ޓްރަކް، ކްރޭން އަދި ޓްރެއިލަރ ފަދަ ބަރު އުޅަނދުތައް، ބޮޑުތަކުރުފާނު މަގު ފިޔަވައި މާލޭގެ އެހެނިހެން މަގުތަކުގައާއި، ހުޅުމާލޭގެ މަގުތަކުގެ އިތުރުން ސިނަމާލެ ބުރިޖާއި ހައިވޭގައި ދުއްވުން ވަނީ މަނާކޮށްފައެވެ.
މީގެއިތުރުން ސްކޫލު އޮންނަ ދުވަސްތަކުގައި ސްކޫލުތައް ފެށޭ ގަޑިއާއި ނިމޭ ގަޑިތަކުގައި ސްކޫލު ސަރަޙައްދުތަކުގައި މިފަދަ އެއްވެސް އުޅަނދެއް ދުއްވުމާއި، މުދާ އުފުލުމަކީ މަނާކަމެއް ކަމަށް ދަތުރުފަތުރާބެހޭ ވުޒާރާއިން ވިދާޅުވިއެވެ. އަދި މި އުސޫލާ ޚިލާފުވާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށްވެސް އެ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.
އެއްގަމު ދަތުރުފަތުރުގެ ޤާނޫނަށް ގެނައި އިސްލާޙާއެކު ދަތުރުފަތުރާބެހޭ ވުޒާރާއިން ދަނީ، ޤާނޫނު ތަންފީޒުކުރުން ހަރުދަނާ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އެއްގަމު ދަތުރުފަތުރުގެ ނިޒާމު ވަރުގަދަކޮށް ޤާނޫނު ތަންފީޒުކުރުމުގެ މަސައްކަތް އިތުރަށް ހަރުދަނާ ކުރުމަށް ޤާނޫނާއި ޤަވާއިދުތަކާ ޚިލާފުވާ ފަރާތްތަކާމެދު ޑިޖިޓަލް އަދި އިލެކްޓްރޯނިކް ވަސީލަތްތަކާއި ޚާއްޞަ އެޕްލިކޭޝަންތައް މެދުވެރިކޮށް ފިޔަވަޅުތަކެއް އެޅުމަށް ދަނީ ތައްޔާރުވަމުންނެވެ.