ޚަބަރު

މިސީޒަންގައި ފުރަތަމަ ފަހަރަށް ޓޮޓްނަމް މެޗަކުން މޮޅުވެއްޖެ


  • ކޮވެންޓްރީ އާއި ބައްދަލުކުރި މެޗު ޓޮޓްނަމ ކާމިޔާބު ކުރީ 3-1

އިންގްލިޝް ޕްރިމިއަރ ލީގުގައި މިސީޒަންގައި ފުރަތަމަ ފަހަރަށް ޓޮޓްނަމް ހޮޓްސްޕަރ މެޗަކުން މޮޅުވެއްޖެއެެވެ.

ލީގުގައި ކުޅުނު 7 ވަނަ މެޗު ސްޕަރސް ކާމިޔާބު ކޮށްފައިވަނީ މިސީޒަންގައި ޕްރިމިއަރ ލީގުން އަލަށް ޖާގަހޯދި ކޮވެންޓްރީ ސިޓީ އާއި ބައްދަލުކޮށް 3 ލަނޑު އެއް ލަނޑުންނެވެ. ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދަފައިވަނީ ސްޕަރސްއިންނެވެ. މިމެޗުގެ ފެށުން ރަނގަޅުވީ ސްޕަރސްގެއެވެ.

މިގޮތުން ސްޕަރސްއިން ވަނީ މިމެޗުގެ 14 ވަނަ މިނެޓުގައި އުފެއްދި ހަމަލާއެއްގައި މެޗުގެ ލީޑު ނަގައިފައެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޖޭމްސް މެޑިސަންއެވެ. މިއީ މިދިޔަ އަހަރުގެ އެފްރީލް މަހުގެ ތެރޭގައި މެޑިސަންގެ ފައިގެ ލިގަމަންޓަށް އަނިޔާވި ފަހުން ޕްރިމިއަރ ލީގުގެ މެޗެއްގެ ފުރަތަމަ އެގާރައިގާ ހިމެނިގެން ކުޅުނު ފުރަތަމަ މެޗެވެ. އަދި މާގިނައިރު ތަކެއް ނުވެ ސްޕަރސްއަށް ދެވަނަ ލަނޑެއް ޖެހުނު ކަމަށް ހީވި ނަމަވެސް ޑޮމިނިކް ސޮލަންކީ ޖެހި މިލަނޑުވަނީ އޮފް ސައިޑް ކަމަށް ދައްކާފައެވެ.

މިމެޗުގައި ކޮވެންޓްރީއިން ކާމިޔާބު ކުރި ހަމައެކަނި ލަނޑު ޖަހާ މެޗުގެ ނަތީޖާ އެޓީމުން ހަމަހަމަ ކޮށްފައިވަނީ ދެވަނަ ހާފްގެ ކުޅުން ފެށިތާ 4 މިނެޓްގެ ތެރޭގައެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޖެކް ރުޑޯނީއެވެ. ނަމަވެސް މިލަނޑު ޖެހިތާ 9 މިނެޓް ފަހުން ސްޕަރސްއިން ވަނީ ދެވަނަ ފަހަރަށް މިމެޗުގައި ލިޑު ނަގައިފައެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ މިސީޒަންގައި ލޯން އެއްބަސްވުމެއްގެ ދަށުން މެންޗެސްޓަރ ސިޓީއިން އެޓީމާއި ގުޅިފައިވާ އޮމަރު މަރްމޫޝްއެވެ. މިއީ އޭނާ ސްޕަރސްއާއި ގުޅުނު ފަހުން މިހާތަނަށް ކާމިޔާބުކުރި ފުރަތަމަ ލަނޑެވެ. މިމެޗުގައި ސްޕަރސް އިން ކާމިޔާބު ކުރި ފަހު ލަނޑު މެޗުގެ އިތުރު ވަގުތުގެ 6 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިީ ބެން ޑޭވިސްއެވެ.

މިކާމިޔާބީ އާއެކު ސްޕަރސް މިވަނީ ކުޅުނު ހަތް މެޗުން ލިބިފައިވާ 6 ޕޮއިންތާއެކު ތާވަލްގެ 16 ވަނަ އަށް ކުރިއަށް ޖެހިލާފައެވެ. މިމެޗުގެ ކުރިން ސްޕަރސް ކުޅުނު 6 މެޗުގެ ތެރެއިން 3 މެޗުން އެއްވަރު ވެފައިވާއިރު އަނެއް 3 މެޗުންވަނީ ބަލިވެފައެވެ. އަދި ކޮވެންޓްރީ ސިޓީ އުޅެނީ 6 ޕޮއިންޓާއެކު 17 ވނައިގައެވެ.